ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ 7000 ފްލެޓްގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ނިމި މީހުންނަށް ވަދެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއުއަށް ފޯމު ހުށަހަޅާ ފަރާތްކަށް ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުއަށް ކުރިމަތިލާ ކަމުގައިވާ ނަމަ ހިޔާ މަޝްރޫއުއަށް ހުށަހެޅި ފޯމު ބާތިލް ކުރެވޭނެ ކަމަށެވެ.
" ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތައް ހަދާ ނިމެމުންދަނީ. އަންނަ އަހަރު ކުރީކޮޅު ފްލެޓަށް ވަދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އޯގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ހިޔާ މަޝްރޫއުއަކީ ގާތްގަނޑަކަށް 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ މަސައްކަތްތައް 2019 އަހަރު ނިމޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. މި މަޝްރޫއު ކުރިއަށްދަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ސިވިލް ސަރވިސް މުވައްޒަފުންނާއި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަފްތަރުގައި ހިމެނޭ މީހުންނާއި މާލޭގެ ރައްޔިތުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނައި ސިފައިންނާއި ފުލުހުންނަށްވެސް ވަނީ ފްލެޓް ދޫކުރުމަށް ހުޅުވާލާފައެވެ. މީގެ އިތުރުން ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ވެސް ފްލެޓް ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.