އިބޫ މަތީ ތައުލީމު ހާސިލު ކުރެއްވީ އޮސްޓްރޭލިޔާ އިން ކަމަށާއި އިބޫގެ ތައުލީމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
"އިބޫއަށް އިނގިރޭސި ބަހުން ބަސްފުޅެއް ވިދާޅުވަން ނޭންގޭނެއޭ ކިޔާ ދައްކާ ވާހަކަތަކަކީ މިހާރުގެ މުޖުތަމައުއާއި ނުގުޅޭ ވާހަކަތައް. ރައީސް ޔާމީނަށް ރައީސް ޔާމީން އެކަންޏޭ ކިޔަވާ ވިދާޅުވެގެން ހުންނެވީ ނުވަތަ އިގްތިސާދީ ކަންކަން އެނގެވަޑައިގަންނަވާނީ ހަމައެކަނި ރައީސް ޔާމީނަށޭ ވިދާޅުވީމާ ކިހިނެތްތޯ ވާނީ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އިގްތިސާދީ ކަންކަން ބައްޓަން ކުރެއްވި ގޮތުން، އެމަނިކުފާނަކީ އިގްތިސާދީ މާހިރެކޭ ބުނެފިއްޔާ ރައްޔިތުން ބިރުން ފިލާވަރުވާނެ ކަމަށެވެ. މާރިޔާ ވިދާޅުވީ، އެހެން މީހުންނަކީ ތަންދޮރު ނޭންގޭ މީހުން ކަމަށް ދެކުމަކީ މިސަރުކާރުގެ އެންމެ ބޮޑު މައްސަލަ ކަމަށާއި އެހެން ނަމަވެސް މިރާއްޖޭގެ ރައްޔިތުންނަކީ ކިޔަވައިގެންތިބި ތަންދޮރު ދަންނަ އަދި ވިސްނޭ ބައެއް ކަމަށެވެ.