ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓް ބޭރަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މެލޭޝިއާ އާއި ސިންގަޕޫރަށް ކުރައްވާ މިދަތުރުފުޅަކީ އެ ގައުމުތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް، ކެމްޕެއިން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
"ދަތުރުފުޅުގައި ކެންޑިޑޭޓް ވަޑައިގަންނަވާނީ ސިންގަޕޫރަށް. އެކަމަކު މެލޭޝިއާގައި ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާވެސް ބައްދަލުކުއްވާނެ." ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.
އިބޫ ވެރިކަމަށް ވަޑައިގެންފި ކަމުގައިވާނަމަ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ހިނގާދިޔަ ކަންކަން ބައްލަވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މާރިޔާ ވިދާޅުވީ، މިކަންކަމުގެ މަގްސަދަކީ ޖިނާއީ ބޮޑެތި ދައުވާތަކެއް ކޮށްގެން ކަންކަން ހިންގުމަށްވުރެ ބޮޑަށް ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުއައްސަސާތައް އިސްލާހު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އެކަންކަން މެނިފެސްޓޯގައިވެސް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާވަނީ ވީހާވެސް ގިނަ ފަރާތްތަކުން އެންމެ ފަހު ވަގުތައް މަޑުނުކޮށް ރީރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.