ރީރަޖިސްޓްރީ ކުރުމުގެ ވަގުތުތަކަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުތަކެއް ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) ގައެވެ. އެގޮތުން 30 ޖުލައި 2018 ވާ ހޯމަ ދުވަހުން ފެށިގެން 11 އޯގަސްޓް ވާ ހޮނިހިރު ދުވަހަށް ރީރަޖިސްޓްރީ ކުރުމަށް ހެނދުނު 08:30 އިން ހަވީރު 05:00 އަށް ހުޅުވާލެވިފައިވާ ކަމަށެވެ. ހުކުރު ދުވަހު ދުވަސް ފިޔަވާ ރަސްމީ ބަންދު ދުވަސްތަކުގައި 09:30 އިން ހަވީރު 05:00 ރީރަޖިސްޓްރީ ކުރުން ކުރިއަށްދާއިރު ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މީގެ ކުރިން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.
ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ 17 ޖުލައި އިން 11 އޯގަސްޓްގެ ނިޔަލަށެވެ. މީގެ އިތުރުން ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން އިއުލާނު ކުރުމާއި ކެމްޕެއިނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓުގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިނަލް ވޯޓާސް ލިސްޓު އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރުގައެވެ.