ބްރިޖު މަތިން ދަތުރުކުރާ ބަސްތަކަށް ޚާއްސަ ވަގުތީ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށައިފި
16 ޖުލައި 2018 | ހޯމަ 07:20ބްރިޖު ހުޅުވާއިރު މިވަގުތީ ޓާމިނަލުން ޚިދުމަތް ދެވޭނެ

ސިނާއީ ސަރަހައްދުގައި ވަގުތީ ޓާމިނަލް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން | ޓްވިޓަރ
ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ ބަސްތަކަށް ޚާއްސަ ވަގުތީ ޓާމިނަލްއެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ފަށައިފިއެވެ.
އެމްޕީއެލުން ބުނީ ސިނާއީ ސަރަހައްދުގައި ހަދާ މިވަގުތީ ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާއި، ބްރިޖް ހުޅުވާއިރު، ޓާމިނަލުން ޚިދުމަތް ދެވޭނެ ކަމަށެވެ.
ބަހުގެ ޚިދުމަތް ފަށައިގަންނައިރު ކަރުދާސް ޓިކެޓްގެ ބަދަލުގައި އިލެކްޓްރޯނިކް ޓަޗް އެންޑް ގޯ ކާޑެއް ތައާއާރަފްކުރާނެކަން ފާހަގަކޮށް އެމްޕީއެލުން ބުނީ ބަސްދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބަސް ދަތުރުތަކަށް ނަގާނެ އަދަދެއް ކަނޑަނާޅާ ކަމަށާއި، އެކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ ދާއިމީ ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މިޓާމިނަލް އެޅުމަށް ހަމަޖެހިފައި ވަނީ ތައިސޭ ކޮށީގައި ކަމަށެވެ.
މީގެ އިތުރުން އެމްޕީއެލުން ބުނީ ބަހުގެ ޚިދުމުގެ ގޮތުން ޖުމްލަ 22 ބަސް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހު ފަހުކޮޅު ނުވަ ބަސް ގެންނާނެ ކަމަށާއި، އޮގަސްޓް މަހުގެ ތެރޭގައި ހަތް ބަސް ގެންނާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު އިތުރު ހަ ބަސް ގެންނާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ ކުނިކޮށްޓާ ޖެހިގެން ބަސް ޓާމިނަލް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޗައިނާ ސަރުކާރުގެ އެހީ އާއި ލޯނުގެ އެހީގައި އަޅާފައިވާ ބްރިޖް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހުޅުލެ އާއި މާލެއާ ބްރިޖުން މިހާރު ގުޅާލާފައިވީ ނަމަވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހެއެވެ.







