އިބޫ އާއި ފައިސަލް ކުރިކެޓް ކުޅުއްވީ ފުވައްމުލަކުގެ ކުދިންތަކަކާ އެކު


އިބްރާހިމް މުހައްމަދު ސޯލިހު ބޯޅަ އުއްކަވަނީ: އިބޫ އާއި ފައިސަލް ވެސް ކްރިކެޓް ކުޅުއްވާ
މިއީ "ފަހު ތަޅާލުމޭ"، ބުނާ ލައްކަ ކަންކަން ސިޔާސީ ދަނޑުގައި އެބަ ހިނގައެވެ. ކުރިއަށް ނުދެވޭ ވަރުވެ، ހިރި ނުލެވޭހާ ކަންކަން ސިޔާސީ ދަނޑުގައި ހިނގަމުންދާ ކަމަށް އެތައް ބަޔަކު ބުނެތެވެ. ނަގަން އޮތް "ރާޅާ"އި، އެ ރާޅު ބިންދާލުމުން ހާލަތު ބަދަލުވެގެންދާނެ ގޮތް ތަމްސީލުވަމުން އެބަދެއެވެ. ކުރި ހޯދުމަށް ހުއްޓުމެއް ނެތި އަވަދިނެތި މަސައްކަތް ކުރާ މީހުން އެބަ ފެނެއެވެ.
އެ ލީޑަރުން އާދީއްތަ ދުވަހުގެ ހެނދުނު ވެސް ވަނީ ވަރުގަދަ "އެތި ފަހަރެއް" ޖައްސަވާފައެވެ. ރައްޔިތުންގެ ހިތްތައް ފަތަހަ ކުރުމަށް އެ ވެރިން އެ ދަނީ ކޮންމެ ދަނޑަކަށް ވެސް އަރަމުންނެވެ.
އެކަމަކު މިފަހަރު އެރީ، ފުވައްމަލަކު ކްރިކެޓް ދަނޑަށެވެ. ދެބޭފުޅުން ނުކުންނެވީ ސުޕަރ އޯވަރަކަށެވެ. ބައެއް ދިވެހިން ފަހު އޯވަރޭ ވެސް ކިޔަތެވެ. ކްރިކެޓުގައި މިފަދަ އޯވަރަކަށް ނުކުންނަނީ ނަތީޖާ ހަމަހަމަވުމުން، އެންމެ ފަހު ނަތީޖާ ނެރުމަށެވެ.
އިބޫ ކްރިކެޓް ކުޅުއްވަނީ: އެމަނިކުފާނަކީ ކުރިން ވެސް ކްރިކެޓް ކުޅުއްވާ ބޭފުޅެއް-- ފޮޓޯ/ ރާއްޖެއެމްވީ
މުގުލުގައި ހަތަރު ލީޑަރުން ތިއްބަވައިގެން، މެޗަށް ނުކުންނެވި، އިބްރާހިމް މުހައްމަދު ސާލިހާއި ފައިސަލް ނަސީމު ވަނީ "ހަޔަކާއި ހަތަރަކަށް ބޯޅަ" ޖައްސަވާފައެވެ.
އެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި އެކި ޓްވީޓުތައް އެކި "ރާގު"ތަކުގައި ދަނީ ކުރަމުންނެވެ. އެ ފޮޓޯތަކުން އެކި މާނަތައް ދަނީ ނަގަމުންނެވެ.
އިބޫ ބޯޅަ އުއްކަވާ ފޮޓޯ ޓްވީޓު ކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ އިބޫ ނުކުމެވަޑައިގެން ހުންނެވީ ފަހު އޯވަރަށް ކަމަށާއި ރައީސް ޔާމީން ބަލި ކުރައްވާނެ ޔަގީންކަން އޮތް ކަމަށެވެ. މި ދަނޑިވަޅުގައި އެމަނިފާނަށް ސަޕޯޓަރު ބޭނުންވާ ކަމަށާއި މެޗު ނިމެންދެން ހިތްވަރުގެ އަޑު މަޑު ނުކުރުމަށް މަހުލޫފު ވަނީ އެދިވަޑައިގެންފައެވެ.
އެ ފޮޓޯ ޓުވީޓު ކުރި ބައެއް މީހުން ބުނެފައި ވަނީ އިބޫ ދަނޑަށް އަރައި، ހަޔަކަށް ޖައްސަވާފައިވާ ކަމަށެވެ. ލަސްތަކެއް ނުވެ، މާދަމާ ނަތީޖާ އަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ނަތީޖާ ނުކުންނާނީ މާދަމާ ކަމަށް ބުނެ، ކޮށްފައިވާ ޓްވީޓުގެ އަމާޒަކީ އީޔޫއިން މާދަމާ އަޅަން އުޅޭ ފިޔަވަޅެވެ. އިބޫ ހަޔަކަށް ޖެއްސެވި ބޯޅައިގެ ނަތީޖާ، އާސިޔާން ހުރަސްކޮށް، ވިލާތުން މާދަމާ ނުކުންނާނެކަން ޔަގީނެވެ.
ތައުރީފު އޮހެނީ، އެ ދެ ބޭފުޅުންގެ ކެމްޕެއިން މޮޅު "އުކުޅުތަކާ" ހުރެއެވެ. ކޮންމެ ފޮޓޯއަކުން ހާހަކަށް ވުރެ ގިނަ ވާހަކަ ކިޔައިދޭތީއެވެ. ފުވައްމުލަކު ކުޑަކުދިންތަކެއް ކްރިކެޓް ކުޅެން ތިއްބާ އާދީއްތަ ދުވަހުގެ ހެނދުނު އެ ދަނޑަށް ވަޑައިގެން، އެ ކުދިންނާ އެކު ކްރިކެޓް ކުޅުއްވި މަންޒަރު ފެންނަ ފޮޓޯތަކުން އެތައް ބައެއްގެ ތައުރީފު އެ ދަނީ އޮހެމުންނެވެ. ސޯޝަލް މީޑިއާގައި އެކަމުގެ ހަގީގަތް ފެނި އެނގި ސާފުވާނެއެވެ.
ފައިސަލް ކްރިކެޓް ކުޅުއްވަނީ: ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ ޒުވާނުންތަކެއް ކްރިކެޓް ކުޅެމުންދަނިކޮށް-- ފޮޓޯ/ ރާއްޖެއެމްވީ
އެމްޑީޕީ ސަރުކާރުގައި ސާކް ސަމިޓަށް، ފުވައްމުލަކު ސިޓީގައި ތަރައްގީ ކުރި ކްރިކެޓް ދަނޑުގައި އާދީއްތަ ދުވަހު އިބޫ އާއި ފައިސަލް މެޗު ކުޅުއްވީ އެ ދަނޑުގައި ކުޅެން ތިބި "ކުޑަކުދިން" އުފަލަކަށެވެ. އެކުދިންނާ ބައިވެރިވެލުމުގެ ނިޔަތުގައެވެ.
އެ ކުދިންނާއެކު ކްރިކެޓް ކުޅުއްވުމަށް ފަހު، އިބޫ ވިދާޅުވި ކަމަށް ވަނީ އަދި އެހެން ފަހަރަކު އެ ކުދިންނާއެކު މެޗެއް ކުޅުއްވަން ވަޑައިގަންނަވާނެ ކަމަށާއި "އިތުރަށް ފަރިތަވެލަން ޖެހޭ" ކަމަށެވެ.
އިބޫ އާއި ފައިސަލް ކްރިކެޓް ކުޅުއްވާ ފޮޓޯ، ޓްވީޓު ކުރައްވަމުން މަޝްހޫރު ނޫސްވެރިޔާ އަހުމަދު އަބްދުﷲ ޝަފީގު ޓްވީޓު ކުރައްވާފައި ވަނީ "މިފަހަރު ހަޔަކާއި ހަތަރަކަށް ޖަހައި ބަލިކުރާނެ" ކަމަށެވެ.
ފުވައްމުލަކު ކްރިކެޓް ދަނޑަށް، އިބޫ އާއި ފައިސަލް ވަޑައިގަންނަވަން ޖެހުނީ އެބޭފުޅުން އާދީއްތަ ދުވަހު އެނބުރި އައްޑޫ ސިޓީއަށް ވަޑައިގަންނަވަން އޮތް ލޯންޗުގެ އިންޖީނު ހަލާކުވުމުންނެވެ. އައްޑޫ ދަތުރުފުޅު ފަސްވި ނަމަވެސް، ވަގުތު ބޭކާރުކޮށް ނުލާ، ފުވައްމުލަކުގައި ތިއްބެވި އެ ވަގުތުކޮޅު ވެސް، އެ ބޭފުޅުން ބޭނުން ކުރަައްވާފައި އެ ވަނީ ބޭނުންވި ގޮތަށެވެ. އެ ވަގުތު ކޮޅު ވެގެން އެ ދިޔައީ ޝައުގުވެރިކަން ގުޅިފައި ހުރި މުހިއްމު ފޮޓޯތަކެއް، ތަމްސީލުވެގެންދިޔަ ދަނޑިވަޅަކަށެވެ.
އިބޫ އާއި ފައިސަލް ހޮނިހިރު ދުވަހުގެ ހަވީރު ފުވައްމުލަކަށް ވަޑައިގެން، ވަރަށް ގިނަ ބަޔަކާ ވަނީ ބައްދަލުކުރައްވާފައެވެ. ދޮރުން ދޮރަށް ހިންގަވައި، އެ ރަށުގެ މުހިއްމުތަންތަނަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އެގޮތުން އިބޫ އާއި ފައިސަލް ވަނީ ދަނޑިމަގު ކިޅި އާއި އެ ރަށުގެ ރީތި ތުނޑިއަށް ޒިޔާރަތްކޮށް ނަލަ ފޮޓޯތަކެއް ނަންގަވާފައެވެ. އަދި ރަށުގެ މަސްމާރުކޭޓަށް ވަޑައިގެން، އެތަނުގެ ހާލަތު ވެސް އެ ދެބޭފުޅުން ވަނީ ބައްލަވާފައެވެ.
އިންތިހާބަށް ބާކީ 70 ދުވަހަށް ވެފައިވާއިރު، ފަހު އޯވަރަށް ނުކުންނަވައި، ކެމްޕެއިންގައި އެ ވަނީ އިދިކޮޅު ޓީމު "އަވަދި" ކޮށްފައެވެ. ވަގުތީ ނަތީޖާ އެނގުނަސް ރަސްމީ ނަތީޖާ ނުކުންނާނީ ދެ މަހާއި އަށް ދުވަސް ފަހުންނެވެ. ސެޕްޓެމްބަރު 23ގައެވެ.