ސިއްރު ހެކިބަސް ގިނަ ފަހަރަށް ދެނީ ދޮގު ހެކިބަސް ދޭން: ޑރ އިޔާޒު
14 މެއި 2018 | ހޯމަ 08:26ދޮގު ހެކި ބަސް ދިނުމަކީ ވަރަށް ބޮޑު ފާފައެއް


ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ޝަރީއަތްތަކުގައި ސިއްރުން ހެކި ބަސް ދެނީ ގިނަ ފަހަރަށް ދޮގު ހެކި ބަސް ދޭންވެގެން ކަމަށާއި އެކަމަށް ސަމާލުވުމަށް އަދާލަތު ޕާޓީގެ އިލްމުވެރިވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގޮވާލައްވައިފިއެވެ.
ޑރ އިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދޮގު ހެކި ބަސް ދިނުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށެވެ.
ޑރ. އިޔާޒު އެހެން ވިދާޅުވެފައިވާ އިރު ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ނަގާފައިވާ ސިއްރު ބައެއް ބަޔާންތައް ވަނީ ލީކުކޮށްލާފައެވެ. އެ ބަޔާންތައް ލީކުވުމުން ބައެއް ފަރާތްތަކުން ވަނީ ބަޔާންތައް އަނބުރާ ގެންގޮސް ހެކި ބަސް ދޭން ވެސް ދެކޮޅު ހަދާފައެވެ.
ސިޔާސީ ފަރާތްތަކާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޝަރީއަތްތަކަށް ހެކި ބަސް ދީފައި ވަނީ ސިއްރުންނެވެ. އަދި މި ޝަރީއަތްތަކަކީ ސިޔާސީ ވަކި މަންފާއެއް ހާސިލް ކުރުމަށް ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށް ގިނަ ބައެއް ދަނީ ބުނަމުންނެވެ.
މީގެ އިތުރަށް މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވީ ﷲ ގަންދީ ހުވާކޮށްފައި އެހުވަޔާއި ހިލާފުވާން ބިރުވެތިވާންޖެހޭ ކަމަށެވެ. އަދި މީސްތަކުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ބޭނުންވަނީ ﷲއަށް ބިރު އަށް ބިރުވެރިވެތި ވާނެ ވެރީން ކަމަށެވެ.
އަނާރާ މިމޭރުމުން ވާހަކަ ދެއްކެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ މައްޗައް ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ހުވަޔާއި އެއްގޮތަށް ޤާނޫނު ތަންފީޒު ކުރަން އުޅުމުން ކަމަށް އަރީފް ވިދާޅުވާވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރަވައެވެ.
މީގެ އިތުރަށް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުކޮށްފައިވާ ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި އެސްއޯގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިން އާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދު ހިމެނެއެވެ. އަދި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމްގެ އިތުރަށް ސާޖެންޓް މުހައްމަދު ރިޝްވާނެވެ.
އެފުލުހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.







