އަނިޔާވެރިކަން ފެށިގެން ދިޔައީ ގާނޫނީ ވެރިކަމެއް ބަޣާވާތަކުން ވައްޓާލުމުން: މެމްބަރު އާޒިމް
13 މެއި 2018 | އާދީއްތަ 10:32ހުރިހާ ނުބައެއް ފެށުނީ ވަގެއް ވެރިކަމަށް ގެނައުމަށް މަސައްކަތް ފެށި ހިސާބުން


އަލީ އާޒިމް
ރާއްޖޭގައި އަނިޔާވެރިކަން ފެށިގެން ދިޔައީ ބަޣާވާތަކުން ސަރުކާރެއް ވައްޓާލި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަކީ މިސަރުކާރުގެ އަނިޔާވެރިކަމާއި، ހުރިހާ ނުބައެއް ފެށުމުގެ އަސްލު ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ އާޒިމް ވިދާޅުވީ ހުރިހާ ނުބައެއް ފެށުނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ ހުރިހާ ނުބައެއް ފެށުނީ ވަގެއް ވެރިކަމަށް ގެނައުމަށް އަމިއްލަ ފައިދާ އިސްކޮށް މަސައްކަތް ފެށި ހިސާބުން ކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ ބަޣާވާތަކުން ގާނޫނީ ވެރިކަން ވައްޓާލި ހިސާބަކީ އަނިޔާވެރިކަން ފެށުނު ހިސާބު ކަމަށެވެ.
މެމްބަރު އާޒިމް ރައްދު ދެއްވާފައި މިވަނީ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ތަކަށް ޑރ ޖަމީލު ރައްދުދެއްވުމާއި ގުޅިގެންނެވެ.
ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޑރ. ޖަމީލު ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ، ތެދުވެރި ލީޑަރޝިޕްއެއް ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ މަޖިލީސް ތެރެއިން ވެރިކަން ކުރަން ހިފުމަކީ ހައްލެއް ނޫންކަމަށެވެ. އަދި ހުރިހާ ޕާޓީތަކެއްގެ މެންބަރުން ހިމެނިގެން މިފަހުން ގާނޫނޫ އަސާސީއަށް ގެނައި ބަދަލުތަކަކީ އެތަށް ނުބައެއްގެ ފެށުންކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.







