Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނިމްސް ޑީލް

ނިމްސް ޑީލް: އުފެދުމުގައިވެސް ބާތިލު!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ނިމްސްއަށް ދިން ގޮތާމެދު އެތައް ޝައްކުތަކެއް ކުރެވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 10 އެޕްރީލު 2018 | އަންގާރަ 07:18
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާއި ހަވާލުކުރުމުގެ ރަސްމިއްޔާތު

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާއި ހަވާލުކުރުމުގެ ރަސްމިއްޔާތު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) ހޮސްޕިޓަލަށް ހަވާލު ކުރި ވާހަކަ އިވިގެންދިޔައީ ކުއްލި ގޮތަކަށެވެ. ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭރުބަޔަކާ ހަވާލު ކުރިއިރު، އާއްމުކޮށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައި އޮތްކަން އެނގޭކަށް ނެތެވެ. އެހެން ކަމުން މިއީ ވާދަވެރިކަމެއް ނެތި ވަކި ބަޔަކަށް ފައިދާ ގަނޑެއް ހޯދައި ދިނުމަށް ދިން ބޮޑު މަޝްރޫއެކެވެ.

ހޮސްޕިޓަލް އެކަނި ހިންގަންދީ ފަރުޖައްސާލީކީ ނޫނެވެ. ހޮސްޕިޓަލާއި، އެތަނުގައިވާހާ ތަކެއްޗާއި، މުވައްޒަފުންގެ އިތުރުން ދެ ފަޅުރަށް ވެސް އެ ކުންފުންޏަށް ދިންވާހަކަ ދިޔައީ ފެންމަތިވެގެންނެވެ.

ބޮޑެތި މަޝްރޫއުތައް އެކިއެކި ފަރާތްތަކާ ހަވާލު ކުރުމުގައި އަމަލު ކުރެވެމުން އައި ދެފުށް ފެންނަ އުސޫލު ފިލައި ގޮސް ރަށްތަކާއި ފަޅުތަކާއި، އަދި މިހާރު ރައްޔިތުންގެ ހަރުމުދާ އެކިއެކި ފަރާތްތަކަށް ދީ ނިންމާލާ ވާހަކައަކީ އިވިއިވި އެއްގޯސްވެފައިވާ ވާހަކައެކެވެ. ނަމަވެސް ދައުލަތުގެ މުދަލާ ތަކެއްޗަކީ ސަރުކާރަށް މިލްކް ވެގެންވާ އެއްޗަކަށް ވުމުގެ ބަދަލުގައި އެއީ، ރައްޔިތުންގެ މުދާ އަދުލުވެރިކަމާއެކު ބަލަހައްޓާ ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތެއްގައި ބޭނުން ކުރުމަށް ވަގުތީ ގޮތުން ހަވާލުކުރާ ބައެއް ކަމަށްވުމާއެކު، އެކަން އެހެން ނުދާނަމަ އެކަމާ ބެހޭ ސުވާލު އުފެދޭނެއެވެ. ނިމްސްގެ ޑީލްއަކީ ހަމަ އެފަދަގޮތަކަށް ނިންމާލި އަޑި ނޭނގޭ ކަމެކެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. ހަވާލުކުރި އެއްބަސްވުމުގައި ސޮއި ކުރީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުރިހާ ހަރަދެއް ކުރުމަށް އޮތީ ނިމްސް ހޮސްޕިޓަލުން ކަމަށް އޭރު ސަރުކާރުން ހާމަކުރިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކުރިތާ، 10 ވަރަކަށް މަސްވީތަނުން މީޑިއާއަށް ފެންމަތިވީ އެ ކުންފުނީގެ ދެ ހިއްސާދާރުންކަމުގައިވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިގެން ދިޔަވާހަކައެވެ. އަދި އެކަމުގެ ސަބަބުން މި މަޝްރޫއަށް އޭގެ އަސަރު ކުރިކަން ދޭހަވާ އެއްކަމަކީ އެ މައްސަލަތައް ހައްލުކުރަން މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން 10 ދުވަހުގެ މުއްދަތެއް އެ ފަރާތްތަކަށް ދިން ދިނުމެވެ. އަދި އެ 10 ދުވަހުގެ ތެރޭގައި ހުރަސްތައް ނައްތާލެވިއްޖެ ކަމަށް ނިމްސް އިން ސަރުކާރަށް އެންގި ކަމަށްވެެއެވެ. ނަމަވެސް އެތަނުގެ ހިންގުމަށް ބަދަލުތަކެއް އައިސް މައްސަލަ މީހާތަނަށްވެސް ހައްލުވެފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން މިމަހުގެ 3 ވަނަ ދުވަހު މީޑިއާއަށް ފެންމަތިވީ ޚަބަރަކީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ނިމްސްއާއި އެކު ހެދި ޑީލް އުވާލާ އެކަން ނިންމައި ސިއްކަ ޖަހަން އުޅުއްވި ވާހަކައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ، ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ ކަމަށާއި، ތެލެސީމިއާ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ އިންތިޒާމާއި އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެއްބަސްވުމުގައި ސޮއިކުރި ދުވަހު މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަށް އެއްޗެއް ވިދާޅުވާން ހެލްތް މިނިސްޓަރު ބޭނުންފުޅެއް ނުވެއެވެ. މި މައްސަލައާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވޭތޯ ތަކުރާރުކޮށް ގުޅާ ވައިބާ ކުރުމުން ވެސް އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.

ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް އަޑި ނޭގޭ ގޮތަށް ހޮވާ ސަރުކާރުގެ މަސްލަހަތު އޮންނަ މީހުންނަށް އަޑި އަޑިންދީ ހަދާ ވާހަކަތަކާ އާއި، ދައުލަތުގެ ފައިސާއަށް ބޮޑެތި ޚިޔާނަތް ވެފައިވާކަން ފަޅާ އަރާފައިވާ ދަނިޑިވަޅެއްގައި، ކުޅުދުއްފުށީ ހޮސްޕިޓަލު އަޑިނޭގޭ ގޮތަކަށް އަމިއްލަ ބަޔަކަށް ހަވާލު ކުރުމާއެކު ކަންބޮޑުވުން ފާޅުކުރާ މީހުން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ދާދިފަހުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސްޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިޔަފާރިވެރިން އަތުން ސަރުކާރުގެ އިސްވެރިން ފައިސާ ހޯދާ ސިޔާސީ ބޭނުންތަކަށް އެ ފައިސާ ބޭނުން ކުރާކަން ވަނީ ހާމަކޮށްފައެވެ. މިކަންކަން މިހެން ހުރުމާއެކު، ގިނަ ވަސީލަތްތަކަކާއެކު ދައުލަތުގެ ފައިސާއިން ބިނާކޮށް ޚިދުމަތް ދެމުން އަންނަ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އިންޑިއާގެ ނިމްސް އާ ހަވާލު ކުރުމުގައި އެއްވެސް ނޭދެވޭ ކަމެއް ހިނގާފައިވޭތޯ އާއި، އެ ހޮސްޕިޓަލު ދޫކޮށްފައިވަނީ، ރައްޔިތުންނަށާއި ދައުލަތައް އެންމެ ފައިދާހުރި ގޮތައްތޯ ވެސް ބަލާ ރައްޔިތުންނަށް އެކަން ސާފުކޮށްދޭން ޖެހޭނެވެ. އަދި އެ އުފެދުނު އިރުވެސް ބާތިލު މި އެއްބަސްވުންއުވާލަން ނިންމި ސަބަބުވެސް ރައްޔިތުންނަށް ސާފުވާންޖެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއިން ހަވާލު ކުރީ، ބޮޑު ސިނާއަތެއްގެ ގޮތުގައި އިންޑިއާގައި ޕްރައިވެޓް ކުންފުނިތަކުން ސިއްހީ ދާއިރާގައި ވިޔަފާރި ފުޅާކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ. އިންޑިއާގެ މެޑިކަލް އިންޑަސްޓްރީ ބޭރުގެ ގައުމުތަކަށް ފެތުރުމަށް އެފްރިކާއާއި އޭޝިއާގެ ގައުމުތަކުން ފުރުސަތުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް އަމިއްލަ ކުންފުނިތަކުން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މި ގޮތުން އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލުތަކުގެ ފަރާތުން ރާއްޖޭގައި އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް ވަފުދުތައް ކެނޑިނޭޅި ދިޔައީ އަންނަމުން ދެއެވެ. އެންމެ ހައިރާންވި ކަމަކީ، ރަނގަޅު ފެންވަރެއްގައި ޒަމާނީ ވަސީލަތްތަކާއެކު ސިއްހީ ޚިދުމަތްތައް ދިނުމަށް ތައްޔާރަށް ތިބި އެތައް ކުންފުންޏެއް އިންޑިއާގައި އަދި އެހެން ގައުމުތަކުގައި ވެސް ތިއްބާ ނިމްސް ކުންފުންޏަކީ އެކަމަށް އެންމެ ގާބިލް ކުންފުނި ކަމުގައި ވެގެން ދިޔައީ ކިހިނެއްތޯ އުފެދޭ ސުވާލެވެ؟

ދިވެހި ސަރުކާރުން ނިމްސް ޑީލް ސިއްރުކޮށްފައިވަނިކޮށް، ނިމްސްގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ޚާން އިންޑިއާގެ އިކޮނިމިކް ޓައިމްސްއަށް ކިޔައިދެއްވި ގޮތުގައި، ދިވެހި ސަރުކާރުންކުޅުދުއްފުށީ ހޮސްޕިޓަލާއި، ދެ ފަޅުރަށް ދިނީ މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި، ޖެނެޓިކް ރިސާޗް ސެންޓަރަކާއި، އޭވިއޭޝަން އެކެޑަމީއަކާއި، މެރިން އިންޖިނިއަރިން ކޮލެޖަކާއި، ފަރުވާދޭ ސެންޓަރެއް ހެދުމަށް ކަމަށް ޚާން ވިދާޅުވިއެވެ. އަދި ސްޕޭސް ރިސާޗް ސެންޓަރެއް ހެދުން މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ވާހަކަތައް ވަނީ ފެތުރިފައެވެ. މުޅި މަޝްރޫއުގެ އަގަށް 16.5 ބިލިއަން އިންޑިއަން ރުޕީސް ހޭދަވާނެ ކަމަށްވެސް އޭނާއާ ހަވާލާދީ އެ ނޫހުގައި ވެއެވެ. އެއީ ގާތްގަނޑަކަށް 256 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން 60 ކުރޯޑް އިންޑިއަން ރުޕީސް ހޭދަކުރަނީ ހޮސްޕިޓަލުގައި ކެތް ލެބެއް ހެދުމަށާއި އިކުއިޕްމަންޓް ގަންނަން ކަމަށް ޚާން އާ ހަވާލާދީ އެ ނޫހުގައި ވެއެވެ. މި ޚަބަރުގައި ވާ ގޮތުން މި ޑީލުގެ ތެރެއިން ދެ ފަޅުރަށް ދީފައިވަނީ ރަށްތައް މޯގޭޖް ކޮށްގެން ލޯނު ނެގުމަށެވެ.

ދިވެހި ރައްޔިތުންނަށް އޮޅުވާލާ އަދުން އަޅުވާ އަޑި އަޑިން ނިންމި ޑީލްއަކީ އުފެދުމުގައިވެސް ބާތިލް އެއްޗަކަށް ނުވާނެ އެއްވެސް ސަބަބެއްނެތެވެ. ވާދަވެރިކަމާއިއެކު ހުޅުވާލުމެއްނެތި ވަކި ބަޔަކަށް ފައިދާގަނޑެއްދީ، އަދި އޭގެން ތިމާމެންނަށް ބައެއް އެޅިދާނެކަމަށް ހިތާ ހިންގި ބޮޑު ކަމަކަށް މި ވީ ގޮތުން އެތަށް ބަޔަކު ތިބީ ސުވާލު އުފެދިފައެވެ. އަނެއްކޮޅުން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފާއިތުވެ މިދިޔަ 10 ވަރަކަށް މަސްދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ނިމްސްއިން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެ ހޮސްޕިޓަލުން ރާއްޖެއެމްވީއަށް މައުލޫމާތު ދިނެވެ.

އެއްވެސް ހަރުދަނާ އުސޫލެއްނެތި ހަމައެއް ލަމައެއް ނުބަލާ ވި މި އެއްބަސް ވުމަކީ އުފެދުމުގައިވެސް ބާތިލު ނިންމުމެކޭ ބުނެވޭނެ ޖާގަ އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2021 ޝަރުއީ ދާއިރާ: ޔާމީނުގެ ހުކުމް ބާތިލުވުން

2021 ޝަރުއީ ދާއިރާ: ޔާމީނުގެ ހުކުމް ބާތިލުވުން

29 ޑިސެމްބަރު 2021
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު