ކ. މާލެ
|
19 ޖޫން 2024 | ބުދަ 09:07
ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ
ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ
ޓްވިޓަރ
ޔޫރޯ 2024
ޖަމާލް މުސިއާލާ: ޗެލްސީ އާއި އިންގްލެންޑަށް ގެއްލުނު "ތަރި"!
އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ބެލިންހަމާއެކު ކުޅޭނެ، ހުނަރުވެރި މޮޅު ކުޅުންތެރިޔަކު އެ ޓީމަށް ބީވުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޒުވާން މުސިއާލާ ވަނީ، އަމިއްލަ ޤައުމުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތް ޤައުމީ ޓީމާއެކު ވަރުގަދަކޮށް ފަށައިފަ އެވެ. ކުލަބު ލެވެލްގައި ބަޔާން މިއުނިކްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުސިއާލާ އަކީ، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ސްކޮޓްލެންޑުގެ މައްޗަށް 5-1 އިން ކުރި ހޯދި މެޗުގައި، ވަކި ހިސާބަކުން މުސިއާލާ ވަނީ ބަދަލުކޮށްފަ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި މުސިއާލާ ބަދަލުކޮށްފައިވާއިރު، ޖަރުމަނުގެ އެލިއަންޒް އެރީނާގައި ތިބި އެ ޤައުމުގެ ސަޕޯޓަރުން ވަނީ އުމުރުން 21 އަހަރުގެ މުސިއާލާ އަށް ތައުރީފު އޮއްސާލުމަށް ކޮޅަށް ތެދުވެފަ އެވެ. އެއީ މެޗުގައި ޒުވާން މުސިއާލާ ދެއްކި އާދަޔާ ޚިލާފު މޮޅު ކުޅުމުގެ ސަބަބުން ޖަރުމަނުގެ ސަޕޯޓަރުން އޭނާ އަށް ދިން ތަރުޙީބެވެ.

ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖަރުމަނަށް، މިއަހަރުގެ ޔޫރޯ މުބާރާތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ފުރަތަމަ މެޗުގައި ޖަރުމަނުން ދެއްކި ކުޅުމަކީ، މުބާރާތުގެ ޗެމްޕިއަންކަމަށް އެމީހުން ވާދަކުރާނެ ފެންވަރުގެ ކުޅުމެކެވެ. އަނެއްކޮޅުން ޒުވާން ކުޅުންތެރިޔާ މުސިއާލާ ދެއްކި ކުޅުމަކީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އޭނާ އަށް ވާދަކުރެވޭނެ ފެންވަރުގެ ކުޅުމެއް ކަމަށް ވެސް އެމީހުން ޤަބޫލު ކުރެ އެވެ.

އުމުރުން އެންމެ 21 އަހަރުގެ މުސިއާލާ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެއް ކަމަށް، ފުޓުބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. އެހެންކަމުން، ކުރިއަށް އޮތް އަހަރު ތަކުގައި މުސިއާލާ އިތުރަށް ވިދަމުން އަންނާނެ ކަމަށް ތަޖުރިބާކާރުން ދެކޭއިރު، އިންގްލެންޑުގެ ޤައުމީ ޓީމާއި، ޗެލްސީން އެކަމާ ހިތާމަ ކުރާާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.

އެހެން ނަޒަރަކުން ބަލާއިރު، އިންގްލެންޑުން މުބާރާތުގެ ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗުގައި މުސިއާލާ އިންގްލެންޑުގެ ޖާޒީގައި ހުރުމުގެ ފުރުސަތު ވެސް އޮތެވެ. އެހެން ނަމަވެސް، މި ފެންވަރުގެ ކުޅުންތެރިޔެއްގެ ފުރުސަތު އިންގްލެންޑޫން ދޫކޮށްލީ ކޮން ސަބަބަހާ ހުރެ ހެއްޔެވެ؟

ބެލިންހަމްގެ ބައިވެރިޔާ

ޖަރުމަނުގެ މެދު ތެރޭގެ ސަރަހައްދެއް ކަމަށްވާ ފުލްޑާ އަށް އުފަން މުސިއާލާ ބޮޑުވީ ނިއިޖީރިއާ-އިނގިރޭސި ބައްޕަ އަކާއި، ޖަރުމަނުގެ މަންމައަކާ އެކު އެވެ. އުމުރުން އެންމެ ހަތް އަހަރުގައި މުސިއާލާ އިންގްލެންޑަށް ބަދަލުވެ، ކްރޮއިޑަންގައި ހުންނަ ވިޓްގިފްޓް ސްކޫލުގައި ކިޔެވި އެވެ. އޭރު އޭނާ ދިޔައީ ފުލް ޓައިމް އުސޫލުން ޗެލްސީގެ އެކަޑަމީއެއްގައި ތަމްރީނު ހަދަމުންނެވެ. އެ އެކަޑަމީގައި މުސިއާލާ ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރި އެވެ.

އުމުރުން 13 އަހަރުގައި މުސިއާލާ އަށް ވަނީ އިންގްލެންޑުގެ ޒުވާން ޤައުމީ ޓީމުން ޖާގަ ލިބިފަ އެވެ. އޭނާ ވަނީ އިންގްލެންޑުގެ 15 އަހަރުން ދަށް، 16 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމުތަކަށް ކުޅެ، އެ ޓީމުތައް ތަމްސީލު ކޮށްފަ އެވެ. ބައެއް މީޑިއާ ތަކުގައިވާ ގޮތުން، އޭރު އެ ޓީމުތަކުގައި ތިބި އެހެން ކުޅުންތެރިންނާ އެއް ވަރެއްގައި މުސިއާލާގެ ޖިސްމާނީ ވަރުގަދަކަން ނެތް ނަމަވެސް، ކޯޗުން ތިބީ އޭނާގެ ހުނަރާމެދު ގަޔާވެފަ އެވެ. އަދި ދުވަހެއް ދުވަހެއް ފާއިތުވެގެންދާ ވަރަކަށް، ޖިސްމާނީ ގޮތުން ވެސް އޭނާ އަށް ބަދަލުތަކެއް އަންނާނެ ކަމަށް ދެކިގެންނެވެ.

އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން މުސްތަޤުބަލުގެ ތަރިންގެ ގޮތުގައި ދެކުނު ދެ ކުޅުންތެރިންނަކީ މުސިއާލާގެ އިތުރުން، ޖޫޑް ބެލިންހަމް އެވެ. މި ދެ ކުޅުންތެރިން ވަނީ އެކުގައި 13 ވަރަކަށް މެޗު ކުޅެފަ އެވެ. އޭރު ޗެލްސީ އަށް ވެސް ޤަބޫލު ކުރެވިފައި އޮތީ އެމީހުންގެ އަތް މަތީގައި "ޖަވާހިރެއް" އޮތް ކަމަށެވެ. ޗެލްސީ އާއެކު 18 އަހަރުން ދަށުގެ ލީގު މެޗަކަށް މުސިއާލާ ކުރިމަތިލީ، އޭނާ އަށް 15 އަހަރު ފުރުންތާ އެންމެ ދެ މަސް ދުވަސް ފަހުންނެވެ.

ނަމަވެސް، 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ބަޔާނުން ވަނީ 170،000 (އެއް ލައްކަ ހަތްދިހަ ހާސް) ޕައުންޑަށް މުސިއާލާ ގެނެސްފަ އެވެ. މިއީ މުސިއާލާގެ ކެރިއަރަށް ހީވެސް ނުކުރާ ފަދަ ބަދަލެއް ގެނުވި ކަމެކެވެ. އޭގެ ބަޔާނަށް ބަދަލުވި ފަހުން މުސިއާލާ ވަނީ، 16 އަހަރުން ދަށުގެ އުމުރުފުރާގައި ދެ ފަހަރެއްގެ މަތިން ޖަަރުމަނު ތަމްސީލު ކޮށްފަ އެވެ. މުސިއާލާގެ އެ ނިންމުން ވެގެންދިޔައީ އިނގިރޭސި އެފްއޭ އަށް ވެސް ހައިރާންކަން ގެނުވި ކަމަކަށެވެ. އެމީހުން ޔަގީންކޮށްގެން ތިބީ މުސިއާލާ އިންގްލެންޑަށް ކުޅޭނެ ކަމަށެވެ.

ހުރިހާ ކަމެއް ބަދަލުވި ސަބަބު

އުމުރުން 16 އަހަރުގެ މުސިއާލާ ދޫކޮށްލުމުން، ގިނަ ބަޔަކު ޗެލްސީ އަށް ފާޑު ވެސް ކިޔެ އެވެ. އެހެން ނަަމަވެސް، ފަހުން ޗެލްސީން ވަނީ މުސިއާލާ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް އެކަމާ ދެކޮޅު ހެދީ މުސިއާލާ ކަމަށާއި، އެއީ ބަޔާންގެ ޕްރޮޖެކްޓަށް އޭނާގެ ޝައުޤުވެރިކަން އޮތުމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން، މުސިއާލާ އަށް ޤަބޫލު ކުރެވުނީ ބަޔާންގައި އޭނާ އަށް އަވަސް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ޚާއްސަކޮށް ބަޔާންގެ ޓްރެއިނިން ގްރައުންޑުގައި އޭނާ ޢަޒުމު ކަނޑައެޅީ، ނަން ހިނގާނެ ކުޅުންތެރިޔަކަށް ވުމަށެވެ. އެއީ ޗެލްސީ އަށް، އެމީހުންނަށް ނިންމުނީ ގޯސް ނިންމުމެއްކަން އިޙުސާސް ކުރެވޭނެ ސަބަބެއް ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

މުސިއާލާގެ ވިސްނުމަށް އައި ބަދަލާ ގުޅިފައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ އާއިލާ އެވެ. މުސިއާލާ އަށް އޭނާގެ އާއިލާ ވަރަށް ވެސް މުހިންމުވި އެވެ. މުސިއާލާގެ މަންމަ އިންގްލެންޑުގައި ދިރިއުޅެމުން އައި ނަމަވެސް، ފަހުން އުފެދުނު ނުތަނަވަސްކަމެއްގެ ތެރޭގައި، އޭނާގެ މަންމަ ނިންމީ ޖަރުމަނަށް ދިރިއުޅުން ބަދަލު ކުރުމަށެވެ.

މުސިއާލާގެ މުދައްރިސަކާ ހަވާލާދީ މީޑިއާއެއްގައި ބުނެފައިވާ ގޮތުން، މުސިއާލާގެ ނިންމުމަށް ބަދަލު އައުމުގެ ފަހަތުގައި ބައެއް ސަބަބުތަކެއް ހުއްޓެވެ. އެގޮތުން މުސިއާލާގެ މަންމަ އަަށް ވެސް ވިސްނުނީ، ޖަރުމަނަކީ އޭނާގެ އަމިއްލަ ޤައުމު ކަމަށެވެ. އޭރު މުސިއާލާ ޗެލްސީ އަށް ކުޅެމުން ދިޔަ ނަމަވެސް، އެމީހުން ކަންތައް ކުރި މުސިއާލާގެ އަގު ވެއްޓޭ ފަދަ ގޮތަކަށް ކަމަށް ޤަބޫލު ވެސް ކުރެވުނެވެ. އެކަން އެހެން އޮއްވާ، ބަޔާނުން މުސިއާލާ އަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެވެ. ޖަރުމަނު ޤައުމީ ޓީމަށް މުސިއާލާ ދިޔުމަށް ހުޅުވުނު ދޮރަކީ އެއީ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. އޭނާގެ ނަޒަރުގައި ބާކީ ދޫކޮށްލަން ޖެހޭނީ ތާރީޚުގެ ތެރެއަށެވެ.

މުސްތަޤުބަލުގެ މެސީ

އިންގްލެންޑުގައި 2021 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މުސިއާލާ ވަނީ ޖަރުމަނު ތަމްސީލު ކޮށްފަ އެވެ. އެ މުބާރާތާ އެކު އޭނާ ވެގެން ގޮސްފައި ވަނީ، ޔޫރޯގައި ޖަރުމަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެހެން ނަމަވެސް، އެ އަހަރުގެ މުބާރާތް ޖަރުމަނުން ނިންމާލަން ޖެހުނީ ގަދަ 16 ވަނަ ބުރާ ހަމައިންނެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ވެސް ޖަރުމަނާއެކު މުސިއާލާ ދިޔަ އެވެ. ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ޖަރުމަނުން ގްރޫޕް ސްޓޭޖުގަައި ކުޅުނު ތިން މެޗުގައި ވެސް މުސިއާލާ ކުޅުނެވެ. ނަމަވެސް ޖަރުމަނުން ވޯލްޑް ކަޕް ނިންމާން ޖެހުނީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ.

ޖަރުމަނަށް ދެ މުބާރާތުގައި ވެސް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޖަރުމަނުގެ ލެޖެންޑް ލޮތަރް މައްތައުސް ވަނީ މުސިއާލާ އަށް ތައުރީފުގެ ބަސްތައް "އޮއްސާލާފައި" އެވެ. އޭނާ ބުނެފައިވާ ގޮތުގައި މުސްތަޤުބަލުގައި މުސިއާލާ ވެގެން ދާނީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަށް ފަހަރު ކާމިޔާބު ކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަހަލަ ކުޅުންތެރިޔަކަށެވެ. އެކަން ސިފަ ކުރަމުން މައްތައުސް ބުނީ، މުސިއާލާ އަކީ "މުސްތަޤުބަލުގެ މެސީ" ކަމަށެވެ. ޚާއްސަކޮށް މުސިއާލާ ދައްކަމުން އަންނަ ކުޅުމާއި، އޭނާގެ ހުނަރަށް ބަލާއިރު، މައްތައުސް ވެސް ހުރީ ކޮސްވެފަ އެވެ. މުސިއާލާގެ ޝަޚުސިއްޔަތަކީ މައްތައެސް އެންމެ ލިބިވާ ޝަޚުސިއްޔަތު ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ޖަރުމަނަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވުނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ވޯލްޑް ކަޕް އެ ޤައުމުން ކާމިޔާބު ކުރިއިރު، އެ ކާމިޔާބާއެކު ޖަރުމަނުގެ މޮޅުކަން ގިނަ އަހަރުތަކަކަށް ދެމިގެން ނުދިޔަ އެވެ. ނަމަވެސް، އެއީ ޖަރުމަނުގެ އިންޤިލާބީ ދުވަސްވަރު ކަމަށް ތަޖުރިބާާކާރުން ބުނެ އެވެ. ޖަރުމަނު ރަނގަޅުކޮށް، އަލުން ފުޓުބޯޅައިގައި ފައި ހިއްޕާލުމަށް އެ ޓީމުގެ ގޮވައިގެން ނާގަލްސްމަން ނިކުންނައިރު، މުސިއާލާގެ މުހިންމުކަން ނާގަލްސްމަން އަށް އެނގެ އެވެ.

ސްކޮޓްލެންޑާ ދެކޮޅަށް ޖަރުމަނުން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، މުސިއާލާ ގާތުން ޚާއްސަކޮށް ވަކި ކަމެއް ކުރަން ބުނަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި މުސިއާލާ އަމިއްލަ އަށް ވެސް އެކަމެއް ކުރާނެކަން ނާގަލްސްމަން ވަނީ ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް ސްކޮޓްލެންޑު މެޗުގައި މުސިއާލާ ވަރަށް މޮޅަށް ކުޅުނު ކަމަށާއި، މެޗުން ޖަރުމަނު މޮޅުވުމުގަައި އޭނާގެ ނުފޫޒު ވަރަށް ބޮޑު ކަމަށް ވެސް ނާގަލްސްމަން ފާހަގަ ކުރި އެވެ.

މުސިއާލާގެ ޕާސްތަކާއި، އޭނާގެ ދުވެއްޔާއި، ވިސްނުންތެރި ކަމަކީ އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ވެސް އޮޅުން އަރާނެ ކަންކަމެވެ. މުސިއާލާ އަކީ އެއް މަގާމަކަށް ވުރެ ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިޔަކަށްވާއިރު، ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަށް ވުރެ ނާގަލްސްމަންގެ އިތުބާރު މުސިއާލާ އަށް ބޮޑެވެ.

އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ބެލިންހަމާއެކު ކުޅޭނެ، ހުނަރުވެރި މޮޅު ކުޅުންތެރިޔަކު އެ ޓީމަށް ބީވުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެހެން ނަމަވެސް، އެކަމުގެ ފައިދާ ކުރީ ޖަރުމަނަށެވެ. ޖަރުމަނުން އެކަމުގެ ފައިދާ ނަގައިގެން، މުސިއާލާ އާއެކު ކުރިއަށް ދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް