ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 19:01
އެއަރޕޯޓް ތަރައްޤީކޮށް، ބްރިޖް އަޅަނީ ޗައިނާއަށް ދަރަނިވެރިވެގެން
އެއަރޕޯޓް ތަރައްޤީކޮށް، ބްރިޖް އަޅަނީ ޗައިނާއަށް ދަރަނިވެރިވެގެން
ރާއްޖެއެމްވީ
ޗައިނާއަށް ދަރަނިވެރިވުން
މަޤޭ ޤައުމާ ނުކުޅޭށޭ ކިޔަކިޔާ ތިއްބާ ޤައުމު ދަރާ ހުސްކޮށްފި
 
ރާއްޖޭގެ ދަރަނި ބޮޑުވެ، ލޯނު ދޭނެ ބޭންކްތައް މަދުވެއްޖެ
 
ޗައިނާ ދަރަނީގެ ސަބަބުން ބަނގުރޫޓުވެދާނެކަމުގެ ބިރު ހީވެފައިވާ 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ
 
ޗައިނާއަށް ދަރާފައިވާ މިންވަރު ޤައުމު ބަނގުރޫޓުވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުން

އިޤްތިޞާދީ މާމޮޅު މާހިރެއް ޤައުމުގެ ވެރިކަމަށް ގެނެވިގެން ދިވެހިންގެ ތެރެއިން ބަޔަކު މީގެ ވަރަކަށް އަހަރުކުރިން އުފާފާޅުކޮށް އުޅުނެވެ. ނަމަވެސް މިހާރު އެމީހުން ކައިރީގައި އެއިޤްތިޞާދީ މާހިރު މޮޅުވެގެން ކުރީ ކީއްތޯ އަހާލުމުން އެއަށް އެކަށީގެންވާ ޖަވާބެއް ނުދެވުނެވެ.

މިދައްކަނީ ރައީސް ޔާމީންގެ ވާހަކައެވެ. އެމަނިކުފާނަކީ މާމޮޅު އިޤްތިޞާދީ މާހިރަކަށް ވެގެން ޕީޕީއެމްގެ އިސް ދެތިން ބޭފުޅަކު އުޅުއްވިއެއް ކަމަކު، އެމަނިކުފާނުގެ އިޤްތިޞާދީ ސިޔާސަތު ބައްޓަން ވެފައި އޮތީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގްގެ އިޤްތިޞާދީ ސިޔާސަތަށެވެ. ރާއްޖެއަކީ ޝީގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބަޔަކަށް ވުމުން، ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތު ބައްޓަންކުރަމުން އެދަނީ ސީދާ ޗައިނާގެ ސަރުކާރު ބޭނުންވާ ގޮތަށް، ބޭނުންވާ ބައްޓަމަށެވެ.

މީގެ ހެއްކަކަށް ރާއްޖެއަށް ޗައިނާއަށް ދަރާ އޮތް ދަރަނި ފުދެއެވެ. އެތައް ބިލިއަން ރުފިޔާއެއް މިހާރު ވެސް ޗައިނާއަށް ދަރާފައި އޮތްއިރު، ތަރައްޤީގެ ޕްރޮޖެކްޓެކޭ ކިޔައި ސަރުކާރުން ހިންގިއްޔާ ހިންގި ހުރިހާ ޕްރޮޖެކްޓެއް ހިންގަނީ ޗައިނާގެ ލޯނު އެހީގައި ޗައިނާ މީހުން ލައްވައެވެ. އިގްތިސާދީ ގޮތުން އެއްވެސް ފައިދާއެއް ލިބޭ ގޮތަކަށް ނޫނެވެ. ދިވެހިންނަށް މިއިން ޕްރޮޖެކްޓަކުން ފައިދާއެއް ކުރާތަނެއް އަދިއެއް ނުފެނެއެވެ. ބްރިޖް ނިމުމުން އެތަން މަތިން ހުރަސްކޮށް ދަތުރުކޮށްލެވުނަސް، އެތަނަށް ދައްކަން ޖެހޭ ދަރަނި ދައްކަދައްކާ ތިއްބައި އުމުރު ހުސްވާނެއެއެވެ. އެއަކު އިގްތިސާދީ އެއްވެސް ފައިދާއެއް ނެތެވެ،. 

އެމެރިކާގެ ވޮޝިންޓަންގައި ޤާއިމްކޮށްފައިވާ ތިންކް ޓޭންކެއް ކަމަށްވާ ސެންޓަރ ފޮރ ގްލޯބަލް ޑިވެލޮޕްމަންޓް އިން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖެ އޮތީ ޗައިނާ އިން ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ދަރަނީގެ ޙާލަތު އެންމެ ނުރައްކާވެފައިވާ އަށް ޤައުމުގެ ތެރޭގައެވެ. އަނެއް ހަތް ޤައުމަކީ ވެސް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައިވެރިންގެ ގޮތުގައި ޗައިނާއިން ހިމަނައި، އެޤައުމުތައް ދަރަނިވެރިކޮށްގެން ޗައިނާ އިން ޕްރޮޖެކްޓްތައް ހިންގާ ޤައުމުތަކެވެ. އެޤައުމުތަކުން ޗައިނާއަށް ދަރާފައި އޮތް ދަރަނި ބޮޑުވެ، ޤައުމުގެ އިސްތިޤްލާލު ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް މާހިރުން ޤަބޫލުކުރެއެވެ. ރާއްޖެ ފިޔަވައި އަނެއް ހަތް ޤައުމަކީ ވެސް އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމުތަކެއް ނޫނެވެ. އެޤައުމުތައް އޮތް ޖިއޮގްރަފީގެ ލޮކޭޝަންގެ ގޮތުން ނުވަތަ ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުން އޭގެ ބޭނުން ޗައިނާއިން ހިފަނީއެވެ. ރާއްޖެ ފިޔަވައި، ޗައިނާއަށް ދަރާފައި އޮތް ދަރަނީގެ ސަބަބުން ޤައުމު ދަރަނިވެރިވެދާނެކަމުގެ ބިރު ހީވެފައިވާ އަނެއް ހަތް ޤައުމަކީ މެދުތެރޭ އޭޝިއާގެ ޤައުމުތައް ކަމަށްވާ ތަޖިކިސްތާން، ކިރްގިސްތާން، އިރުމަތީ އޭޝިއާގެ ޤައުމުތައް ކަމަށްވާ ލާއޯސް، މޮންގޯލިއާ އަދި އެފްރިކާ ބައްރުގެ ޖިބޫޓީގެ އިތުރުން ޕާކިސްތާނާއި ޔޫރަޕްގެ އެންމެ ފުދުންތެރިކަން ކުޑަ އެއް ޤައުމު ކަމަށްވާ މޮންޓަނީގްރޯއެވެ.

މިޤައުމުތަކުގައި ވެސް ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާއިރު، އެޤައުމުތަކުގެ ޤައުމީ ދަރަނީގެ ބޮޑު ބައި މިހާރު ދަރާފައި ވަނީ ޗައިނާއަށެވެ. މިއިން ދަރަންޏެއް އަދާނުކުރެވިއްޖެ ނަމަ އެކަމުގެ އަގު އަދާކުރަން ޖެހޭނީ ޤައުމުގެ މުދާ ޗައިނާއަށް ވިއްކައިގެންކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ދަރަނި އަދާކުރަމުން ދިޔަޔަސް އެ ދަރަނިތައް ނިމޭނެ ދުވަހެއް ނޭނގޭތީ އަބަދު ވެސް އޮންނަންޖެހޭނީ ޗައިނާ ދެކެ ބިރުންނެވެ. ނުވަތަ ޗައިނާގެ އިގްތިސާދީ އަޅުވެތިކަމުގައެވެ. 

އޭގެ މިސާލަކީ ޗައިނާގެ އިންވެސްޓްމަންޓްތައް މެދުނުކެނޑި އޮއްސަމުން އައި ސްރީލަންކާއެވެ. އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ އަގު ހުރި ހަންބަންޓޯޓާ ބަނދަރު ޗައިނާއަށް ވިއްކާލަން ޖެހުނީ ދަރަނި އަދާނުކުރެވި، އިންވެސްޓްމަންޓްތަކުގެ ބޭނުން ޗައިނާ އިން ބޭނުވާ ގޮތް ނޫން އެހެން ގޮތަކަށް ނުހިފިގެންނެވެ.

ރާއްޖެ އިން ޗައިނާގެ އެހީގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ބްރިޖް ޕްރޮޖެކްޓާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓެވެ. ރައީސް ޔާމީންގެ ވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މައިގަނޑު ތިން ފޮޓޯއަކީ ވެސް މި ތިން ތަނުގެ ފޮޓޯއެވެ. މި ތިން ޕްރޮޖެކްޓަކީ ވެސް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއްގެ ގޮތުގައި، ޗައިނާއިން ލޯނު ދީގެން ހިންގާ ޕްރޮޖެކްޓްތަކަށް ވުމުން، އެކަމުން  ރައީސް ޔާމީންގެ އިޤްތިޞާދީ ވިސްނުން މޮޅުވި ސަބަބެއް ނުވިސްނުނެވެ. ބްރިޖް ޕްރޮޖެކްޓަށް 400 މިލިއަނެއްހާ ޑޮލަރު ޚަރަދުވާއިރު، އެބްރިޖަކީ 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަގަކަށް ހެދޭ ބްރިޖެއް ކަމަށް ކުންފުނިތަކުން އަންދާޒާ ކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވެސް ވިދާޅުވިއެވެ.

ހުޅުލޭ އެއަރޕޯޓަކީ މިދެންނެވި ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް ޕްރޮޖެކްޓެވެ. އެމްޑީޕީ ސަރުކާރުން 25 އަހަރަށް އެއަރޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރަށް ހަވާލުކުރުން، ޤައުމު ވިއްކާލައިފިޔޭ ކިޔައި ގޮސް އެތަން އަތުލި މީހުން، މިހާރު އެތަން އެތަރައްޤީކުރަނީ 15 ވަރަކަށް ބިލިއަން ރުފިޔާގެ ލޯނު ނަގައިގެން ޤައުމު ދަރުވާލައިގެންނެވެ. ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށޭ ބުނި މީހުން އެނިންމާލީ ދިވެހިންގެ އެއަރޕޯޓް ޗައިނާއަށް ދީފައެވެ. 

ޗައިނާއަށް އަމިއްލަ އިޚްތިޔާރުގައި ކުރީގައި ދަރަނިވެރިވަމުން ދިޔަ ނަމަވެސް، މިހާރު ޗައިނާއަށް ދަރަނިވެރިވުން ވަނީ މަޖުބޫރުވެފައެވެ. ސެންޓަރ ފޮރ ގްލޯބަލް ޑިވެލޮޕްމަންޓްގެ ރިޕޯޓުގައި މިކަން ވެސް ފާހަގަކޮށްފައި ވެއެވެ. ދަރަނި ބޮޑުވެ، ވޯލްޑް ބޭންކާއި ބައިނަލްއަޤްވާމީ މާލީ އިދާރާ އައިއެމްއެފް އިން ރާއްޖެއަކީ ބަނގުރޫޓޫވުމުގެ ބިރު ހީވެފައިވާ ޤައުމެއް ކަމަށް ކަނޑައަޅާފައިވާތީ ދުނިޔޭގެ އެހެން ބޭންކްތަކުން ރާއްޖެއަށް ލޯނު ދިނުމަށް މިހާރު ފަސްޖެހެއެވެ. އެހުސްކަން ފޫބައްދައިދެނީ ޗައިނާގެ އެގްޒިމް ބޭންކާއި އެޤައުމުގެ ސަރުކާރުގެ ބޭންކްތަކެވެ. އެހެންކަމުން މުސްތަގުބަލުގައި ވެސް އަނެއްކާ ވެސް އިތުރު ދަރަނިތަކެއް ބޮލުގައި އެޅިގެންދާނެއެވެ. އެހެންކަމުން ކަންތައް ގޮސްފައިވާ ހިސާބުން މިހާރު ޗައިނާއަށް ދަރަނިވެރިވުން ފިޔަވައި އެހެން މާގިނަ ގޮތްތަކެއް ވެސް ނެތެވެ. ބޭންކް އޮފް ސިލޯނާއި، އެޗްއެސްބީސީ އިން މިހާރު ވެސް ރާއްޖޭގައި އެބޭންކްތަކުން ދޭ ލޯނުތައް ކުޑަކޮށްފައި ވާކަން މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

ޗައިނާއަށް ދަރާފައި އޮތް ދަރަނީގެ ސަބަބުން ބަނގުރޫޓުވުމުގެ ބިރު ހީވެފައިވާ އަށް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުއިރު، ޗައިނާގެ 'އެހީ'ގެ ދަންތުރައިގައި ޖެހިފައިވަނީ މުޅިން ވެސް ފަޤީރު ޤައުމުތަކެވެ. އުމްރާނީ ތަރައްގީ އަށް ދަހިވެތިވެފައިވާ ގައުމުތަކެވެ. ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް ޝީ ޖީންގްޕިންގްއަށް އެހީވެދޭނެކަމުގެ ޔަޤީންކަން ދީފައި އައިސް، އެޤައުމުތަކުން ވެރިން ވެސް ރައްޔިތުންނަށް ދެއްކި މަންޒަރަކީ ތިމަންނާއަކީ އިޤްތިޞާދީ މާހިރެއް ކަމެވެ. ޤައުމު ބަނގުރޫޓޫވެގެންދާއިރު، އަދިވެސް އިޤްތިޞާދީ މާހިރު ދެން ވެސް އޮތިއްޔާ އޮތްތަނެއް ވިއްކާލާއިރު އަޅުގަނޑުމެން އަތްޖަހަން ތިބެންވީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
16%
4%
24%
8%
48%
ކޮމެންޓް
14 މާރޗް 2018 | ބުދަ 19:54
ނަޝީދު
އެމްޑީޕީ މުޒާހަރާތަކުގައި ޕޯޑިއަމަށް އަރާ މީހުން ދައްކާގޮތަށް ރިޕޯޓް ލިޔުނީމަ މިޔަކަށް ނޫސްވެެރިކަމެކޭ ނުކިޔާނެއެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ގިނަ ގައުމުތަކަށް ހަންފަތުރައި، ބާރު ފޯރުވަމުން ދަނިކޮށް ޗައިނާއިން އެބާރުތަކުގެ މައްޗަށް ބާރުގަދަކުރަން ފެށުމުން މިއުވާން ތިޔަ ވިދާޅުވި ތިންކްޓޭންކް ތައް މެދުވެރިކޮށް ސްޓޯރީ ޓްވިސްޓް ކޮށްލުމަށް މިހާރުވެސް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ގައުމެކެވެ. މިއުވާނަށް މުޅި ރިޕޯޓަށްވެސް ލާން ތި ލިބުނީ މި މައުލޫމާތުކޮޅުވީމަ ތިޔަ ކުރަށްވާ ނޫސްވެރިކަމަށް ދެން ބުނަން ޖެހޭނީ ހަމަ ސަލާމެވެ.