ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 04:54
ބަރިއްޔާ އޭނާގެ އާއިލާ އާއި އެކު، އެދެނީ ދީލަތި އެހީތެރިކަމަށް
ބަރިއްޔާ އޭނާގެ އާއިލާ އާއި އެކު، އެދެނީ ދީލަތި އެހީތެރިކަމަށް
ރާއްޖެ އެމްވީ
ކިޑްނީ ހަދިޔާ ކުރުން
ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް
ބަރިއްޔާ މަސައްކަތް ކުރަނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށާއި ޑޯނަރެއް ލިބޭތޯ
ޑައިލަސިސް ހަފްތާއެއްގައި ދެ ފަހަރު ހަދަން ޖެހޭ
އެހީތެރި ވާން ބޭނުންވާ ފަރާތްތަކުން 7605545 ގުޅުމަށް އާއިލާއިން އެދޭ

އޭނާއަކީ ދެ ކިޑްނީ ފެއިލްވެފައިވާ ދެ ކުދިންގެ މަންމައެކެވެ. 3 އަހަރުގެ ފިރިހެން ކުއްޖަކާއި 8 އަހަރުގެ އަންހެން ކުއްޖެއް ހުރި މި މަންމަގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ހަށިގަނޑުގައި އަޅާ ވޭނަކަށް ނުބަލައި، އޭނާ މިހާރު ވެސް މަސައްކަތް ކުރަނީ ކިޑްނީ ބަދަލުކުރުމަށް ފައިސާ ހޯދުމަށެވެ. ކޮންމެ ދުވަހަކު އޮފީހަށް ދެއެވެ. ކުދިން ސްކޫލަށް ގެންގޮސް ބަލައިދެއެވެ. ކުދިންގެ ޙައްގުގައެވެ. މިއީ ލ.ގަމަށް އުފަން އުމުރުން 31 އަހަރުގެ ފާތިމަތު ބަރިއްޔާގެ ވާހަކައެވެ.

ކިޑްނީގެ މައްސަލަ ހުރިކަން ބަރިއްޔާ އަށް އެނގުނީ 2013 ވަނަ އަހަރުގައެވެ. އޭރު ބަރިއްޔާ ހުރީ އޭނާގެ އެންމެ ހަގު ދަރިފުޅަށް ބަލިވެއެވެ. ބަލިކަން އެނގުމުން އައިޖީއެމްއެޗުން ބަޔޮޕްސީ ހެދުމަށް ފަހު، ލަންކާއަށް ގޮސް ކިޑްނީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކިއެވެ. އެ ޑޮކްޓަރުންގެ ލަފާޔާ އެކު ބޭސް ކާން ފެށިއެވެ. ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ.

"އެންމެ ފުރަތަމަ ބަލިކަން އެނގުނީ 2013 ވަނަ އަހަރު، އޭރު ކުޑަ ފިރިހެން ދަރިފުޅަށް ބަނޑު ބޮޑު، އެހެންކަމުން އެއްވެސް ކަމެއް ނުކުރެވުނު. ކުޑަ ދަރިފުޅު ވިހެއުމަށް ފަހު އައިޖީއެމްއެޗުން ބަޔޮޕްސީ ހެދިން، ދެން ލަންކާ އަށް ގޮސް ނެޕްލޮރަޖިސްޓަކަށް ދައްކައިގެން ބޭސް ކާންފެށީ، އޭރު އަހަރަކު ދެ ފަހަރު ލަންކާއަށް ގޮސް ޑޮކްޓަރަށް ދައްކަން، އެންމެ ފުރަތަމަ ބޭސްކާން ފެށުމުން ވަރަށް ރަނގަޅު،" ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ބަރިއްޔާ ބުންޏެއެވެ.

 

ބަރިއްޔާ އޭނާގެ އަންހެން ދިރިފުޅާ ފިރިމީހާ އާއި އެކު

އެހެން ނަމަވެސް ލަންކާ ޑޮކްޓަރު ދިން ބޭސް ކައިގެންވެސް އޭނާގެ ބަލި ރަނގަޅެއް ނުވިއެވެ. އިތުރު ފަރުވާ ހޯދުމަށް 2015 ވަނަ އަހަރު ބަރިއްޔާ އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.

 އޭގެ އަހަރެއްހާ ދުވަސް ފަހުންވެސް ބަލި ރަނގަޅުވުމުގެ އަލާމާތެއް ނުފެނެއެވެ. ބަރިއްޔާގެ ހަށިގަނޑުގައި އަޅާވޭން ގަދަވިއެވެ. އެހެން ކަމުން އޭނާ ބެންކޮކަށް ގޮސް އަނެންކާވެސް ޑޮކްޓަރަށް ދެއްކިއެވެ. ބަލީގެ ސީރިއަސް ކަމުންނެވެ. ބެންކޮކުން ބެލި ޑޮކްޓަރު ބުނީ ވަގުތުން ފިސްޓިއުލާ ލެއްވުމަށެވެ. އެހެން ނަމަވެސް އޭރު މާލީ ހާލަތު ހުރި ގޮތުން ފިސްޓިއުލާ ނުލައްވާ އަނބުރާ ރަށަށް އަންނަން ބަރިއްޔާއަށް މަޖުބޫރުވިއެވެ.

"2016 ވަނަ އަހަރު ބޭންކޮކަށް ގޮސް ދެއްކިއިރު، ވަރަށް ގޯސްވެފައި ހުރިކަމަށް ބުނީ. ވަގުތުން ފިސްޓިއުލާ ލެއްވުމަށް ބުނީ. އެކޮޅުން ހެދެނީ ވަރަށް ގިނަ ފައިސާއިން، އެހެންވެ އެފަހަރު ފިސްޓިއުލާ ނަހަދާ އައީ،" ބަރިއްޔާ އޭނާގެ ޙާލަތުގެ ވާހަކަތައް ކިޔައިދެމުން ބުންޏެއެވެ.

އޭރު ބަރިއްޔާ މަސައްކަތް ކުރަމުން ދިޔައީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކޮމިއުނިޓީ ހެލްތު އޮފިސަރެއްގެ ގޮތުގައެވެ. ދެމަފިރިންގެ ބުރަ މަސައްކަތުން ފައިސާ ހޯދައިގެން 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާގެ ޗެންނާއީއަށް ގޮސް ފިސްޓިއުލާ ލެއްވިއެވެ. އަދި ގަވައިދުން ކަމުން އައި ބޭސް ބަދަލުކުރިއެވެ. ބޭސް ބަދަލުކުރުމަށް އެކަނި ވެސް އެފަހަރު ބަރިއްޔާގެ އަތުން 1000 ޑޮލަރު ދިޔައެވެ. ކިޑްނީގެ ހާއްސަ ޑޮކްޓަރ ބެލުމަށް ފަހު، ބަލި ހާލަތު ހުރިގޮތުން ޑަޔަލަސިސް ހަދަން ފެށުމަށް އެންގިއެވެ. ޑޮކްޓަރުގެ އިރުޝާދު ދިނީ އަހަރަކު އެއްފަހުރު ޑަޔަލަސިސް ހެދުމަށެވެ.

 

ބަރިއްޔާ އޭނާގެ އަންހެން ދަރިފުޅާއެކު

"2013 ވަނަ އަހަރު ޗެންނާއީ އަށް ގޮސް ފިސްޓުއުލާ ( ޑަޔަލަސިސް ހެދުމަށް ނާރު ރެޑީކުރުމަށް ) ލައްވާފައި ނެފްރޮލޮޖިސްޓަކަށް ދައްކެމަށް ފަހު ބޭސް ބަދަލުކުރީ، އެ ޑޮކްޓަރ ބުނީ އެއް އަހަރު ވަންދެން ޑަޔަލަސިސް ނުހަދާ ވާނެޔޯ، އެފަހަރު ބޭހަށް އެރި އެއްހާސް ޑޮލަރަށް ވުރެ ގިނައިން.، ދެން ތިން މަހުން ތިން މަހުން ބޭރަށް ދާން ޖެހެނީ، ފުރަތަމަ ތިން މަސްދުވަހު ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކިއިރު ވަރަށް ރަނގަޅުވި،" ބަރިއްޔާ ބުންޏެއެވެ.

އެހެން ނަމަވެސް 2017 ވަނަ އަހަރު އަނެއްކާ ވެސް ބަރިއްޔާގެ ބަލި އިތުރަށް ގޯސްވިއެވެ. އިންޑިއާއިން ބެލި ޑޮކްޓަރު އަހަރަކު އެއްފަހަރު ޑަޔަލަސިސް ހަދަން ޖެހޭކަމަށް ބުނި ނަމަވެސް، އެ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި (8 މަސް ތެރޭގައި) ޑަޔަލަސިސް ހަދަން ޖެހިއްޖެއެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެއިން 2017 ވަނަ އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހު ބަރިއްޔާ މާލެ އައިސް އައިޖީއެމްއެޗުން ޑަޔަލަސިސް ހެދިއެވެ.

"ރާއްޖޭގައި ހުންނަނީ އެންމެ ނެފްރޮލޮޖިސްޓެއް، ވަރަށް އުނދަގޫ އެޕޮއިމެންޓް ހޯދަން. ކޮންމެ ފަހަރެއްގައި ކޮންމެވެސް މީހަކަށް ގުޅައިގެން ނުވަތަ ކްލުނިކެއްގައި އުޅޭ ކުއްޖަކަށް ގުޅައިގެން އެޕޮއިމެންޓެއް ލިބެނީ. ކްލިނިކަށް ދައްކާއިރު އެހާގިނަ ފައިސާ ހަރަދުވޭ،" ބަރިއްޔާ ބުންޏެއެވެ.

އޭރު އަހަރަކު އެއްފަހަރު ހަދަން ޖެހުނު ޑަޔަލަސިސް ހަފްތާއެއްގައި ދެ ފަހަރު ހަދަން ޖެހުނުއެވެ. ގޭގެ މަސައްކަތް ކުރަމުން އަދި ގަމު ރީޖަނަލްސް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުން ޑަޔަލަސިސް ހަދާ ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ހޮސްޕިޓަލްގައި އޮންނަން ޖެހެއެވެ.

"ގިނަ ދުވަސް ދުވަހު ބްލަޑް ޕްރެޝަރު މަތިވޭ، ޑަޔަލަސިސް ހަދާ ދުވަހެއްގައި ބާކީ އޮންނަ ވަގުތު ބޮލުގައި ރިއްސާވަރުން ނުވެސް ތެދުވެވޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބަރިއްޔާ ވަރަށް އަސާރާއެކު ބުންޏެއެވެ.

އޭރު ބަރިއްޔާގެ ގައިގައި އަޅާވޭން ބަލާލި މީހަކަށް ވެސް ވަޒަންކޮށްލެވޭނެވެ. ސިފަ ނޭނގޭ ވަރަށް މީހާ ހުރީ ހިކި އަނަރޫފަވެފައެވެ. ޑަޔަލަސިސް ހަދަން ފެށިއިރު 57.4 ކިލޯ ހުންނަ ބަރިއްޔާގެ ބަރުދަން 44.7 ކިލޯއަށް ވެއްޓުނުވެ. ހަށިގަނޑުން 15 ކިލޯ ލުއިވީއެވެ.

 

ބަރިއްޔާ އޭނާގެ ކުދިންނާއިއެކު

ތުއްތު ދެ ދަރިންނާއެކު ހޭދަކުރާ އަގުހުރި އުފާވެރި ވަގުތުން ވެސް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު އޭނާ މަހުރޫމްވެއެވެ. އެ ދުވަހު ކުރާ މަސައްކަތުން ވެސް އޭނާ މަހުރޫމްވެ ހޮސްޕިޓަލްގައި އޮންނަންޖެހެއެވެ. އެ ވަގުތުތަކުގައި އޭނާ އަށް ކުރެވޭ އިހްސާސް ހަނދާނުން ފުހެލަން ދައްޗެވެ. އެއީ ވެސް އިންތިހާއަށް ވޭން އަޅާކަމަކަށްވަތީއެވެ.

މިއަދު ބަރިއްޔާ އާއި އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށާއި ޑޯނަރެއް ލިބޭތޯ އެވެ. ކިޑްނީ އޮޕަރޭޝަން އާސަންދައިން ކުރި ނަމަވެސް، ކިޑްނީ ބަރިއްޔާ އާއި ގުޅޭތޯ ޓެސްޓު ކުރުމަށް އެހާމެ ގިނަ ފައިސާ ދެއެވެ. ހާއްސަކޮށް އޮޕަރޭޝަން ކުރުމަށް މަދުވެގެން ހަ މަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނަން ޖެހުމުންނެވެ. ކެއުމާއި ހުރުން ފަދަ ހުރިހާ ހަރަދެއް ކުރަންޖެހެނީ އަމިއްލަ ޖީބުންނެވެ. މިއަދު އޭނާގެ އުންމީދަކީ އެއްބަނޑު އެއްބަފާ ބޭބެ އާއި ކޮއްކޮގެ ކިޑްނީ އޭނައާއި ދިމާވުމެވެ. އެކަން ޔަގީންވަނީ ޓެސްޓު ހެދުމަށް ފަހުގައެވެ. އާއިލާގެ މެމްބަރެއްގެ ކިޑްނީ ދިމާނުވެއްޖެނަމަ، ކިޑްނީއެއް ހޯދަން ޖެހޭނީ އަމިއްލައަށެވެ. އެއީ ބަރިއްޔާ އިންތިހާއަށް ކަންބޮޑުވާކަމަކެވެ. އެކަމަށް ގާތްގަނޑަކަށް ފަސް ލައްކަ ނުވަތަ ހަ ލައްކަ ރުފިޔާ ހޯދަންޖެއެވެ.

"ވަރަށް ފަހުން ވެސް މާލެ ދިޔައިން، ކްރޮސް މެޗް ހެދުމަށް އިންޑިއާއަށް ދެވޭތޯ، މާލޭގައި ހުރި ދުވަސްތަކަކުގައި އައިޖީއެމްއެޗްގައި ހުންނަ ކިޑްނީގެ ހާއްސަ ޑޮކްޓަރު ހުރީ ޗުއްޓީގައި. އެފަހަރު ދައްކަން ޖެހުނީ ދުވަސްކޮޅަކަށް ގެނެސްފައި ހުރި އެހެން ޑޮކްޓަރަކަށް، އަދި ސްކޫލް ހުޅުވުމުން ކުދިންގެ ކަންކަން ބަލަން ޖެހުމުން ރާއްޖެއިން ބޭރަށް ނުދެވުނީ. ދެން މިއަހަރު މާރޗް މަހުގެ ތެރޭގައި ޓްރާންސްޕުލާންޓު ހެދުމަށް ލަންކާއަށް ދިއުމަށް މި މަސައްކަތް ކުރަނީ،" ބަރިއްޔާ އެންމެ ފަހުން މާލެ އައިސް ހުރެ މައުލޫމާތު ދެމުން ބުންޏެއެވެ.

ބަރިއްޔާ އޭނާގެ ދެ ދަރިންނާއި، ފިރިމީހާ އާއި އެކު

ބަރިއްޔާގެ ބޭސްފަރުވާއަށް އެހީތެރިވާ ފަރާތްތަކަށާއި، އެއްކޮށް އުޅޭ މީހުންނަށް އޭނާ ޝުކުރު އަދާކުރަން ބޭނުންވެއެވެ.

"ހާއްސަކޮށް ފާހަގަކޮށްލަން ބޭނުން ހޯމް ފައުންޑޭޝަން، ގަމު އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ، ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން، ސްޓާފުން، ހޮސްޕިޓަލްގެ ކުލަބް، ލ.ގަމު ޔަންގް ލީޑާރސް، އަދި މާމެންދޫގައި ދިރިއުޅޭ އާއިލީ ގުޅުން އޮންނަ ކުއްޖެއް، މިހާރުވެސް އިވެންޓްތައް އެކި ރަށްތަކުގައި ހިންގައިގެން ލާރި ހޯދަން އެ ކުއްޖާ އެބަ މަސައްކަތް ކުރޭ، ހާއްސަކޮށް މިހާތަނަން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު ދަންނަވަން" ބަރިއްޔާ ބުންޏެއެވެ.

 ދެ ކުދިންގެ މި މަންމަ އަށް އެހީތެރިކަން ފޯރުކޮށްދެމާތޯއެވެ؟ ލޯބި ލޯބި ދެ ކުދިންގެ ޙައްގުގައެވެ. އޭބީ ޕޮޒިޓިވް ލޭ ހުންނަ ބަރިއްޔާއަށް އެހީތެރި ވާން ބޭނުންވާ ފަރާތްތަކުން 7605545 ގުޅުމަށް އާއިލާއިން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް