ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 11:43
ހޯމް މިނިސްޓަރު އަޒުލީން އަހުމަދު
ހޯމް މިނިސްޓަރު އަޒުލީން އަހުމަދު
މުހައްމަދު ޝަރުހާން
މަރުގެ ހުކުމް ތަންފީޒްކުރުން
މަރުގެ ހުކުމް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިއްޖެ: ހޯމް މިނިސްޓަރު
 
ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރު
 
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ވަސީލަތްތައް ގާއިމުކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި
 
ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ތަން ހަދާ ނިމިއްޖެ

މަރުގެ ހުކުމް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ކޮންމެ ވަގުތަކު މަރުހަލާތައް ނިމުނު ކަމުގައިވީ ނަމަވެސް، ހުކުމް ތަންފީޒު ކުރެވޭނެ ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރާށެވެ. އެހެން ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރާށެވެ. ދަން ޖައްސައިގެން ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހާއްސަ ތަނެއް ގާއިމްކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަކީ އެހެން މުއައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެކަމުގައި ގިނަ މަރުހަލާތަކެއް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން، އެ މަރުހަލާތައް ނިމުނުހާ އަވަހަކަށް ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ނިމި އެކަމަށް ބޭނުންވާ އިޖުރާއަތުތައް ވެސް ފުރިހަމަކޮށް ނިމޭނެ ކަމަށެވެ. 

މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ އިޖުރާއަތުތައް ކަނޑައަޅައި، 2016 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ގަވާއިދެއް އެކުލަވާލާފައިވެއެވެ. 

އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު، މަރުގެ ހުކުމް އިއްވައިފިނަމައެވެ. މަރާލެވިފައިވާ މީހާގެ ވާރިސުންގެ ފަރާތުން ޝަރީއަތުގައި ބަހެއް ހޯދުމުގެ ކުރިން، އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ފަރާތްތަކަށް އޮޅުން ފިލުވައިދޭން ޖެހެ އެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް މީޑިއޭޓްކުރަން ޖެހެ އެވެ.

ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތަކާ އެއްގޮތަށް އަދި ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފައިވާކަން އެނގޭ ލިޔުމެއް ޕްރޮސެކިއުޓަރ ޖެނެރަލް، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުންނެވެ. އަދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ފޮނުވަން ޖެހެ އެވެ.

ގަވާއިދުގައިވާ ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެ ލިޔުން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ލިބޭތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕްރިޒަންސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޑޮކްޓަރަކު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުގެ ތެރެއިން ތިން މީހެއްގެ ހާޒިރުގައެވެ. ނަމަވެސް، މަރުގެ ހުކުމްތަންފީޒުކުރާ ދުވަހު، އެހުކުމް ތަންފީޒުކުރުމުގެ ކުރިން، މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދަން ޖެހެ އެވެ.

ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރުގަ އެވެ. 

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
40%
0%
20%
0%
40%
ކޮމެންޓް
2 ޖެނުއަރީ 2018 | އަންގާރަ 14:46
ގަޓު ރައީސް
2017 ގަވެސް ތިހެންކީ ރިޔާސީ އިންތިހާބު ނިމެންދެންތިހެންކިޔަކިޔާތިބޭނި ތީޙޫސްގޭމް، އާއަހަރު ނެއްޓޫވީމަ މޫސާ ޒަމީރުއައް އޮތީ ކޮން އަދަބެއް، ގަޓު ރައީސްކޮބާ؟ މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ،