ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 13:28
މެންބަރު ސިޔާމް ހިތާނީ ކޭމްޕްގައި މެޑަމް ފާތިމަތު އާއި އެކު
މެންބަރު ސިޔާމް ހިތާނީ ކޭމްޕްގައި މެޑަމް ފާތިމަތު އާއި އެކު
ރައީސް އޮފީސް
ލޯން ގެރެންޓީ
2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގަން އެންމެ ފަހުން މެންބަރު ސިޔާމަށް ސަރުކާރުން ގެރެންޓީ ދީފި
ގެރެންޓީ ދީފައިވަނީ 150 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް
ލޯން ގެރެންޓީ ދިނީ ޑިސެމްބަރު 14 ވަނަ ދުވަހު
ލޯން ގެރެންޓީ ދިނީ ނ. ދިގުރަށް ތަރައްގީ ކުރުމަށް

މެންބަރު ސިޔާމް ނެއްގެވި 150 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ، ސަން ސިޔާމް ކުންފުންޏަށް  ލޯނަށް ގެރެންޓީދީފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ބޭރުގެ ބޭންކް އަކުން ނެގި 150 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީދީފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ބަލާނަމަ 2.3 ބިލިއަން ރުފިޔާ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ލޯން ގެރެންޓީ ދީފައިވަނީ ސަން ސިޔާމް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ނ. ދިގުރަށުގެ މަސައްކަތް ކުރުމަށެވެ. މިއީ އެކުންފުނިން މިހާތަނަށް ތަރައްގީ ކުރަމުން އަންނަ އެންމެ ބޮޑު ރިސޯޓެވެ.

މި ރިސޯޓް ތަރައްގީ ކުރަނީ ހުރިހާ ފަންތިއަކަށް ބައްޓަން ކޮށްގެންނެވެ. ދިގުރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ނިމޭ އިރު 14 ކެޓަގަރީއަކުން 600 ކޮޓަރި ހުންނައިރު، ކަނޑުއަޑީގެ ރެސްޓޯރެންޓަކާއެކު 15 ރެސްޓޯރެންޓް ހުންނާނެ ކަމަށް މީގެ ކުރިން މެންބަރު ސިޔާމް ވަނީ މީޑިޔާތަކާއި ހިއްސާކޮށްފަ އެވެ. މިރިސޯޓް ތަރައްގީ ކުރުމުން  2500 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަން ކުންފުނިން ބުނެ އެވެ.

މިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. ދިގުރަށަކީ، ސަން ސިޔާމްގެ އިރުފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅުރަށެކެވެ. އެރަށާއެކު، އެ އަތޮޅު މިނާވަރު ވެސް ސަން ސިޔާމް ނަގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ނެގި ލޯނަށް ސަރުކާރުން ލޯން ގެރެންޓީ ދީފައިވާ އިރު މި ލޯން ގެރެންޓީ ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެހެން  ނަމަވެސް އެކި ސަބަބު ތަކާއި ހުރެ ލޯން ގެރެންޓީ ދިނުން  ވަރަށް ބޮޑަށް ލަސްވެގެންދިޔަ އެވެ. އެންމެ ފުރަތަމަ ލޯން ގެރެންޓީ ދިނުމަށް އުޅުނީ 200 މިލިއަން ޑޮލަރު ނުވަތަ 3 ބިލިއަން ރުފިޔާގެ ލޯނަކަށް ކަމަށް ވަނީ އަޑު ފެތުރިގެން ގޮސްފަ އެވެ.

ލޯނު ގެރެންޓީއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ސުވާލު ކުރެއްވުމުން ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މެންބަރު ސިޔާމް ނެއްގެވި ލޯނަކަށް ސަރުކާރުން ގެރެންޓީ ދިނުމުން، ސިޔާމަށް ލޯން ނުދެއްކިއްޖެ ހާލަތެއްގައި އެ ލޯނަށް ޒިންމާވެ، ފައިސާ ދައްކަންޖެހޭނީ ދައުލަތުގެ ފައިސާ އިން ނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް