ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 07:26
ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: މެޑްރިޑްއަށް އުނދަގޫ މޮޅެއް، ޓޮޓެންހަމް ބަލިނުވެ ގްރޫޕް ސްޓޭޖް ނިންމާލައިފި
 
މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ޓޮޓެންހަމް އަދި ރެއާލް
 
ޓޮޓެންހަމް ހޮޓްސްޕާސްވަނީ 3-0 ގެ ނަތީޖާއަކުން ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާ ބަލިކޮށްފަ
 
ބޯރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 3-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް އުނދަގޫ މޮޅެއް ހޯދިއިރު ޓޮޓެންހަމް ބަލިނުވެ ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އެޗް' ގައި ޖަރުމަނުގެ ބޯރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރެއާލްގެ ޓީމުންވަނީ ގިނަ ބަދަލުތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ 11 އިން ޑިފެންޑަރު މާސެލޯއާއި މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ އިތުރުން ފޯވާޑް ކަރިމް ބެންޒިމާ ފެނިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އިސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ބޯޖާ މަޔޯރަލްއެވެ. އޭނާ މި ލަނޑު ޖެހިތާ ހަތަރު މިނެޓު ނުވަނީސް މަޓެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާގެ ފަރަގު އިތުރު ކޮށްދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މާސެލް ޝްމެލްޒާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕިއާ އެމެރިކް އޮބަމަޔާން ވަނީ ލަނޑެއް ޖަހައިދީ ޑޯޓްމަންޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ޑޯޓްމަންޑްގެ މައްޗަށް ރެއާލް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި އޮބަމަޔާން ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު މެޗު އިތުރަށް ފޯރިގަދަ ވެގެންދިޔައިރު ދެ ޓީމުންވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ރެއާލްއަށް މި މެޗުން ތިން ޕޮއިންޓް ލިބިގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައި ތިއޯ ހަނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލޫކަސް ވަސްކުއޭޒް ޖަހައިދިން ލަނޑުންނެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްވަނީ 3-0 ގެ ނަތީޖާއަކުން ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާ ބަލިކޮށްފައެވެ. މި މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ފެނާންޑޯ ލޮރެންޓޭއާއި ދެކުނު ކޮރެއާގެ ފޯވާޑް ހެއުންމިން ސޮންގެ އިތުރުން ޖޯޖެސް އެންކޫޑޫއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ޓޮޓެންހަމް އަދި ރެއާލްއެވެ. އެގޮތުން ކުޅުނު ހަ މެޗުން 16 ޕޮއިންޓް އެއްކޮށް ޓޮޓެންހަމް ގްރޫޕުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި 13 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ. ދެ ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން ޑޯޓްމަންޑަށް ތިންވަނަ ލިބުނިއިރު އެ ޓީމަށް ވަނީ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުން ޖާގަ ލިބިފައެވެ. މި ގްރޫޕުގެ އެންމެ ފުލަށް ލަނޑުގެ ތަފާތުން ދެ ޕޮއިންޓާއެކު ދިޔައީ އެޕޮއެލް ނިކޯސިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް