ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 20:14
ހައުސިންގ މިނިސްޓަރު ރަމްޒީކޮށް ފްލެޓްތަކާ ހަވާލުވެ ވަޑައިގަންނަވަނީ
ހައުސިންގ މިނިސްޓަރު ރަމްޒީކޮށް ފްލެޓްތަކާ ހަވާލުވެ ވަޑައިގަންނަވަނީ
މިނިސްޓްރީ އޮފް ހައުސިން
ހައުސިންގ ޔުނިޓް
އަލަށް ހަވާލު ކުރި ފްލެޓްތައް ކުރީގެ ސަރުކާރުތަކުގެ ފްލެޓްތަކަށް ވުރެ އެތައް މިންވަރެއް ފެންވަރު މަތިވާނެ: މުއިއްޒު
މި ފްލެޓްތަކުގެ ބިންގާ އަޅާފައި ވަނީ 2014 ވަނަ އަހަރު
ހުޅުމާލޭގައި 704 ފްލެޓް އިމާރާތްކޮށްފައިވޭ
އަށް ރަށެއްގައި ވެސް މި މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތްކޮށްފައިވޭ

ޗައިނާގެ ސީއެމްއީސީން ހަވާލުކުރި 1،500 ހައުސިންގ ޔުނިޓްތަކުގެ ފެންވަރު ބެންޗްމާކަކަށް ކުރިއަށް އޮތްތަނުގައި ވެގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ ކުންފުންޏެއް ކަމުގައިވާ  ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން އިމާރާތްކޮށްފައިވާ 1،500 ފްލެޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އަޅާފައި ވަނީ 704 ފްލެޓް ކަމަށާއި މި މަޝްރޫއު ނިންމައި ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"މި ފްލެޓްތަކުގައި 1،500 އާއިލާއަށް ހަމަޖެހިގެން އުޅެވޭނެ. އެ އާއިލާތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިކަމުން ލިބިގެންދާނެ ކަމަށް ގަބޫލު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މިފްލެޓްތަކަކީ މީގެ ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ވުރެ ތަނަވަސް ފްލެޓްތަކެއް ކަމަށާއި މިއީ ތިން ކޮޓަރި އާއި ތިން ފާހާނާއާ އެކު އިމާރާތް ކުރެވުނު ފްލެޓްތަކެއް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މި ފްލެޓްތައް ވެގެންދާނީ އެ ފްލެޓްތަކަށް ވަންނަ ފަރާތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ފެންވަރު ރަނގަޅު ފްލެޓްތަކަކަށް ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި ފްލެޓްތައް ވެގެންދާނީ، ކުރިއަށް ހުރި ފްލެޓް މަޝްރޫއުތައް ހިންގުމަށް ނަމޫނާއަކަށް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

"މި ފްލެޓްތައް ޑިޒައިންކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި ޗައިނާގެ ސީއެމްސީއާ ގުޅިގެން. އަޅުގަނޑުމެން ވަރަށް ގާތުން މަސައްކަތް ކުރަނީ. އެހެން ކަމުން އަޅުގަނޑަށް މިކަން އެހާ ރަނގަޅަށް ދަންނަވާލެވުނީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މިއަދު ކޮންމެ ދިމާލަކުން ވެސް ފެނިގެންދަނީ ރައީސް ޔާމީންގެ ސަރުކާރުން ގެންނަ ތަރައްގީގެ މަންޒަރުތައް ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ތަރައްގީ މި ސަރުކާރަށް ގެނެސްދެވޭނެ ކަމާ މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށެވެ.

"ރައީސް ޔާމީނަށް 2018 ލިބިއްޖެ ކަމަށްވާ ނަމަ، ކިތައް އެއަރޕޯޓްތޯ، ކިތައް ބްރިޖުތޯ، ކިތައް ތަރައްގީގެ މަޝްރޫއުތޯ ފެނިގެންދާނީ. މި ވާހަކަ އަޅުގަނޑު މިދައްކަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން 1،500 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ސީއެމްއީސީއާ ހަވާލުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

މި މަޝްރޫއުއަކީ ސީއެމްއީސީ އިން ޗައިނާ އެގްޒިމް ބޭންކްގެ ލުއި ލޯނުގެ އެހީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރި ޔުނިޓްތަކެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 704 ހައުސިންގ ޔުނިޓާއި، އައްޑޫ ސިޓީ ހިތަދޫގައި 264 ހައުސިން ޔުނިޓާއި އެ ސިޓީގެ ހުޅުމީދޫގައި 48 ހައުސިންގ ޔުނިޓްގެ އިތުރަށް ފުވައްމުލަކު ސިޓީގައި 200 ހައުސިންގ ޔުނިޓާއި ގދ. ތިނަދޫގައި 120 ހައުސިންގ ޔުނިޓާއި އެއަތޮޅު މަޑަވެލީގައި 22 ހައުސިންގ ޔުނިޓުގެ އިތުރުން ހޯނޑެއްދޫގައި 40 ހައުސިންގ ޔުނިޓާއި ގައްދޫގައި 50 ހައުސިންގ ޔުނިޓާއި ގއ. ވިލިނގިލީގައި 52 ހައުސިންގ ޔުނިޓް އިމާރާތް ކޮށްފައި ވެއެވެ. މި ތަންތަން ނިމިފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޑިސެންބަރ 2017 | އަންގާރަ 01:34
ޙައްވަ
ސާބަހޭ! މަމޮޅޭ