ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 05:15
ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން
ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ
ތަރައްގީއަކީ ތާރީހުގެ ތެރެއިން ކުރާ ބުރަ މަސައްކަތުން އަންނަ އެއްޗެއް: އަބްދުﷲ ކަމާލުއްދީން
ރާއްޖެ ތަރައްގީ ކުރުމުގައި ފާއިތުވެދިޔަ ވެރިންގެ މަސައްކަތް ހިމެނޭ
ކޮންމެ ބައެއްގެވެސް އޮންނަންޖެހޭނީ މޮޅަށް ތަރައްގީ ކުރުމުގެ ވިސްނުން
ތަރައްގީއަށް އެންމެންވެސް އެއްބާރުލުން ދޭން ޖެހޭ

ތަރައްގީއަކީ ތާރީހުގެ ތެރެއިން އަންނަ އެއްޗެއް ކަމަށާއި ރާއްޖެ ތަރައްގީ ކުރުމުގައި ފާއިތުވެދިޔަ އަހަރުތަކުގެ ވެރިންނާއި ވަޒީރުންނާއި ރައްޔިތުންގެ ހިއްސާ އޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން، އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އަބަދުވެސް އެކަކު އަނެކަށް ލިބޭ ކުރިއެރުމަކީ އުފާކުރަންޖެހޭނެ ކަމެއް ކަމަށާއި ކޮންމެ ބައެއްގެ އަޒުމަކަށް ވާންޖެހޭނީ އެއްބަޔަކު ތަރައްގީ ކުރާ މިންވަރަށް ވުރެ މޮޅަށް ތަރައްގީކުމުގެ ވިސްނުން ކަމަށެވެ.

"އަބަދުވެސް އަޑު އިވޭ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރަކަށް ކުރެވުނު ކަންކަމަށްވުރެ ބައިވަރު ކަންތައްތަކެއް ކުރަމޭ. މައުމޫން ސަރުކާރު އައިއިރު ރިސޯޓަކުން އެންމެ ލާރިއެއްވެސް ލިބެފައެއް ނުވޭ. އެއްވެސް ގޮތަކުން ޓޫރިޒަމުން ޓެކްސްގެ ގޮތުގައިވެސް ލާރިއެއް ލިބިފައެއް ނުވޭ،" މިހާރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ކުރެވޭ ކަންކަން ވެސް އިތުރުވާންޖެހޭނެކަން ފާހަގަކުރައްވައި ކަމާލުއްދީން ވިދާޅުވި އެވެ.

ރައީސް މައުމޫން ސަރުކާރުގެ މިނިސްޓަރުކަން ވެސް ކުރެއްވި ކަމާލުއްދީން ވިދާޅުވީ، ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވިއިރު އޮތީ ގާތްގަނޑަކަށް އަށެއްކަ ރިސޯޓް ކަމަށާއި އެހެން ނަމަވެސް މިހާރު އެތައް ރިސޯޓެއް އިތުރުވެފައިވާ ކަމަށެވެ. މިއީ ހަމައެކަނި މި ސަރުކާރުން އަޅާފައި ހުރި ރިސޯޓްތަކެއް ނޫން ކަމަށާއި ދައުލަތަށް މިއަދު އާމްދަނީ ލިބެނީވެސް ހަމައެކަނި މި ސަރުކާރުން ތަރައްގީކޮށްފައިވާ ރިސޯޓުތަކުން ލިބޭ އާމްދަނީން ނޫން ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.

"މިހުރިހާ ސަރުކާރުތަކުން، ހުރިހާ ވެރިން، ޓޫރިޒަމް މިނިސްޓަރުން މަސައްކަތް ކުރައްވައިގެން ލިބިފައިހުރި ފައިދާތައް މިއަދު ފެނިގެންދަނީ. މިއީ އަލަށްވެފައި ހުރި ކަންތައްތަކެއް ނޫން. މިއީ ވަމުން ވަމުން އައިސް ބޮޑުވި ކަންކަން. މި ގައުމު އިތުރަށް ބޮޑުވާތަން އަދިވެސް ފެންނާނެ. އަޅުގަނޑުމެންގެ ދަރިންވެސް ދެކޭނެ މިގައުމު ބޮޑުވެ އިތުރަށް ތަރައްގީވާނެ މަންޒަރު. މިއީ ފިތުނަވެރިވާންޖެހޭނެ ކަމެއް ނޫން،" ކަމާލުއްދީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް