ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 21:22
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ
އޭއެފްޕީ
ރޮބަޓް މުގާބޭ
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވައިފި
 
93 އަހަރުގެ މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ 37 އަހަރު އެގައުމުގެ ވެރިކަމުގައި ހުންނެވުމަށްފަހު
 
އިސްތިއުފާ ދެއްވާފައިވަނީ މަގާމުން ވަކި ކުރުމުގެ މަސައްކަތް ޤާނޫނު ހަދާ މަޖިލީހުން ފެށުމާއެކު، އެމަޖިލީހަށް ފޮނުވި ސިޓީއެއް މެދުވެރިކުރައްވާ
 
މުގާބޭ އިސްތިއުފާ ދެއްވިކަން އިއުލާން ކޮށްފައިވަނީ ޒިމްބާބްވޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވައިފި އެވެ.

މުގާބޭގެ އިސްތިއުފާ ދީފައިވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް ޤާނޫނު ހަދާ މަޖިލީހުން ފެށުމާއެކު، ޤާނޫނު ހަދާ މަޖިލީހަށް އަންގާރަ ދުވަހު ފޮނުވި ސިޓީ އެއް މެދުވެރިކޮށެވެ. މުގާބޭގެ އިސްތިއުފާގެ ސިޓީ، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އިއްވަވައިދެއްވަމުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޖެކޮބް މުޑެންޑާ އެވެ.

އެގޮތުން ޒިމްބާބްވޭގެ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ދަށުން، ޒިމްބާބްވޭގެ ރައީސްގެ މަގާމުން ރަސްމީކޮށް އިސްތިއުފާ ހުށަހެޅުއްވިކަން މުގާބޭގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް މުޑެންޑާ ވިދާޅުވި އެވެ. މީގެ އިތުރުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށް ނިންމެވީ، ވެރިކަން ބަދަލުވުމުގެ ކަންކަން އަމާންކަމާއި ޞުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ފުރުޞަތު ދިނުމުގެ މަގްސަދުގައި ކަމަށް މުގާބޭގެ ސިޓީގައިވެއެވެ.

މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ، ޒިމްބާބްވޭގެ ވެރިކަމުގެ ބާރުތައް އެގައުމުގެ އަސްކަރިއްޔާ އިން ނެގުމަށްފަހު، އެގައުމުގެ ސިޔާސީ މަސްރަޚަށް އައި ބަދަލުތަކަށްފަހުއެވެ.

މުގާބޭ އާ ބައްދަލުކުރައްވައި، އަސްކަރިއްޔާގެ އިސް ފަރާތްތަކުން މުގާބޭ އިސްތިއުފާ ދެއްވުމަށް ބާރުއެޅިނަމަވެސް މުގާބޭ މީގެ ކުރިން ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. މުގާބޭގެ އިސްތިއުފާ އާމެދު މަޝްވަރާ ކުރުމަށް އާދީއްތަ ދުވަހު އެކަނިވެސް އަސްކަރިއްޔާގެ އިސް ބޭފުޅުން މުގާބޭ އާއެކު ދެފަހަރެއްގެ މަތިން ބައްދަލު ކުރައްވާފައިވެއެވެ.

އަދި އާދީއްތަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް މުގާބޭ ދެއްވި ބަޔާނުގައި އިސްތިއުފާ އިޢުލާން ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، އަސްކަރިއްޔާގެ އިސް ބޭފުޅުންގެ އަރިހުގައި އިންނަވައި ދެއްވި ބަޔާނުގައި މުގާބޭގެ އިސްތިއުފާ އިޢުލާން ކުރައްވާފައެއްނުވެއެވެ.

އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމާއެކު، މުގާބޭ އަށް ވެރިކަމުން އިސްތިއުފާ ދިނުމަށް ހޯމަ ދުވަހުގެ މެންދުރުގެ ނިޔަލަށް މުހުލަތެއް ދީފައެވެ. އަދި މުހުލަތު ހަމަވުމާއެކު، ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން މުގާބޭ ވަކި ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އެހެންނަމަވެސް މުގާބޭ ވަނީ ގޮތް ދޫނުކުރައްވައި، އާއްމު ގޮތެއްގައި ކޮންމެ އަންގާރަ ދުވަހު ބާއްވާ ޒިމްބާބްވޭގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ބޭއްވުމަށް ތާވަލްކޮށްފައެވެ. އެހެންނަމަވެސް ކެބިނެޓް ބައްދަލުވުމަށް މުގާބޭ ގޮވާލި ގޮވާލުމަށް، އިޖާބަނުދީ ގިނަ ވަޒީރުން ވަނީ އެބައްދަލުވުން ބޮއިކޮޓް ކުރައްވާފައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން މުގާބޭ ވަކި ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.

މުގާބޭ އަށްފަހު އެގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނީ މަގާމުން ވަކި ކުރައްވާފައިވާ ނައިބު ރައީސް އެމަސަން ނަންގަގްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުގާބޭގެ ވެރިކަމުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އޭނާގެ ވަފާތެރިންވެސް ވަނީ މުގާބޭ އާއި ދެކޮޅަށް ނުކުމެވަޑައިގެންފައެވެ.

ޒިމްބާބްވޭގެ ވެރިކަން ކުރާ (ޒިމްބާބްވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން) ޒާނޫ-ޕީއެފް ޕާޓީން އާދީއްތަ ދުވަހު ބޭއްވި ހާއްސަ ބައްދަލުވުމުގައި އެޕާޓީގެ ލީޑަރުގެ މަގާމުން މުގާބޭ ވަކި ކުރައްވާ، ޕާޓީގެ ހިންގުން ކުރީގެ ނައިބު ރައީސް އެމަސަން ނަންގަގްވާ އާއި ވަނީ ހަވާލުކޮށްފައެވެ. 1975 ވަނަ އަހަރުން ފެށިގެން ޒާނޫ-ޕީއެފްގެ ލީޑަރުގެ މަގާމުގައި ހުންނެވީ މުގާބޭ އެވެ.

މީގެ އިތުރުން ޒާނޫ-ޕީއެފްގެ އަންހެނުންގެ ގޮފީގެ ރައީސްގެ މަގާމުގައި ހުންނެވި މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވަނީ އެމަގާމުން ދުރުކޮށް، ޕާޓީން ވަކިކޮށްފައެވެ.

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމުގެ ވެރިކަމާއި މުގާބޭ ހަވާލުވެވަޑައިގެންފައިވަނީ 1980 ވަނަ އަހަރު އެވެ. ބޮޑުވަޒީރުގެ މަގާމުގައި ހަތް އަހަރު ހުންނެވުމަށްފަހު، ޒިމްބާބްވޭގެ ރައީސްގެ މަގާމާއި މުގާބޭ ހަވާލުވެވަޑައިގެންނެވީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އުމުރުފުޅުން 93 އަހަރު ވެފައިވާ މުގާބޭ ވަނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޒިމްބާބްވޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.

ޒިމްބާބްވޭގެ މަސްރަހަށް ކުއްލި ބަދަލެއް އައިސްފައި މިވަނީ، އެގައުމުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އެމަސަން ނަންގަގްވާ އެމަގާމުން ވަކި ކުރެއްވުމާއި ގުޅިގެންނެވެ. ޒިމްބާބްވޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އެއް ޝަހްސިއްޔަތުގެ ގޮތުގައި ހުންނެވި ނަންގަގްވާ، ނައިބު ރައީސްގެ މަގާމުން ވަކި ކުރެއްވީ، މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ ޕްރެޝަރާއި ގުޅިގެންނެވެ.

މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ އާއި ނައިބު ރައީސް ނަންގަގްވާ އާދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވަނީ، މުގާބޭ އަށްފަހު ވެރިކަމަށް އަންނާނެ ބޭފުޅަކު ކަނޑައެޅުމާއި ގުޅޭ މައްސަލާގައެވެ. މުގާބޭ އަށްފަހު ޒިމްބާބްވޭގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ނަންގަގްވާ ޝައުގުވެރިކަން ފާޅު ކުރައްވާފައިވަނިކޮށް، އެމަގާމަށް ވަޑައިގަތުމަށް ގްރޭސް މުގާބޭ ވެސް ކެމްޕެއިން ފެއްޓެވިއެވެ. މިމައްސަލާގައި ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ މެދުގައި ބައިބައިވުން އުފެދިފައިވާއިރު، ނައިބު ރައީސްގެ މަގާމުންނާއި ޒާނޫ-ޕީއެފް އިން ނަންގަގްވާ ވަކި ކުރެއްވުމާއެކު، އެމަގާމަށް ގްރޭސް މުގާބޭ އައްޔަން ކުރެއްވުމަށް ޒާނޫ-ޕީއެފް އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނައިބު ރައީސްގެ މަގާމުން ނަންގަގްވާ ވަކި ކުރެއްވުމާއި ގުޅިގެން ޒިމްބާބްވޭގެ އަސްކަރިއްޔާ އިން ވަނީ، މުގާބޭގެ ސަރުކާރުގައި ތިއްބެވި ކޮރަޕްޓް ބޭފުޅުން ހައްޔަރު ކުރުމަށް ކަމަށް ބުނެ، އެގައުމުގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެފައެވެ.

އަސްކަރިއްޔާއިން ޒިމްބާބްވޭގެ ބާރުތައް ނެގުމަށްފަހު، މުގާބޭ ހުންނެވީ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ގޭ ބަންދުގައި ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އަދި އަސްކަރިއްޔާގެ އޮޕަރޭޝަން ނިމުމަކަށް އައުމާއެކު، ޒިމްބާބްވޭ އާއްމު ހާލަތަކަށް ރުޖޫއަވެގެންދާނެ ކަމަށް އަސްކަރިއްޔާ އިން ބުނި ނަމަވެސް، އެންމެ ފަހު ވަގުތު މުގާބޭގެ ވަފާތެރިން ވަނީ އޭނާ އާދެކޮޅަށް ނުކުންނަވައި، މުގާބޭގެ އިސްތިއުފާއަށް ގޮވާލާފައެވެ. މުގާބޭގެ އިސްތިއުފާ އަށް ގޮވާލާފައިވާ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީގެ މެމްބަރުންނާއި، އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގެ ވެރިންގެ އިތުރުން މުގާބޭގެ ސަރުކާރަށް ނިސްބަތްވާ ބައެއް ވަޒީރުން ހިމެނެއެވެ. މުގާބޭގެ އިސްތިއުފާ އަށް ގޮވާލައި، ގިނަ އަދަދެއްގެ އާއްމުން ވެރިރަށް ހަރާރޭގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
17%
17%
17%
0%
50%
ކޮމެންޓް
21 ނޮވެންބަރ 2017 | އަންގާރަ 22:52
ޒިމްބާބްވޭގެ
ބުނީމެންނުން މަރެއްވެސްނުވާނަމޭ، ވެރިކަމުންވެސްނުފައިބާނަމޭ