ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 19:06
ކުޅުދުއްފުށި ކުޅި
ކުޅުދުއްފުށި ކުޅި
މުހައްމަދު ޝަރުހާން
ކުޅުދުއްފުށި އެއާރޕޯޓް
ކުޅިއަށް ވުރެ ރައްޔިތުން ބޭނުންވަނީ އެއާރޕޯޓް: ކުޅުދުއްފުށީ ކައުންސިލް
ކުޅުދުއްފުށީގެ 98 ޕަސެންޓް ރައްޔިތުން އެއާރޕޯޓް އެޅުމަށް ބޭނުންވޭ
އެއާރޕޯޓް އެޅުމާ ދެކޮޅު ހަދަނީ ރަށަށް ހެޔޮނޭދޭ ފަރާތްތައް
އީއައިއޭ ރިޕޯޓްގައި އޮތް އެއްޗެއް މުހިއްމެއް ނޫން

ކުޅުދުއްފުށީގެ އާބާދީގެ 98 ޕަސެންޓް ރައްޔިތުން އެރަށުގެ ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ބޭނުންވާ ކަމަށާއި އެކަމުގައި އެއްވެސް ސިޔާސީ ފިކުރެއް ނުހިމެނޭ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

 ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަބްދުލް ލަތީފު ވިދާޅުވީ، މިފާއިތުވެދިޔަ ތިން އަހަރުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ، ކުޅުދުއްފުށީގެ ފުއްޓަރު ފަރާތުގައި އެއަރޕޯޓު އެޅުމަށް ކަމަށާއި އެހެން ނަމަވެސް، އެކަމަށްޓަކާ ކުރެވުނު ދިރާސާތަކުން އެސަރަހައްދަކީ އެއަރޕޯޓެއް އެޅުމަށް އެންމެ އެކަށީގެންވާ ސަރަހަދެއް ނޫން ކަން ހާމަވެގެންދާ ކަމަށެވެ. މި ސަރުކާރުން ވީ ވައުދު ފުއްދުމަށްޓަކާ ތިން އަހަރު ފާއިތުވެގެންދިއުމުން ދޫ ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ލަތީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއާރޕޯޓެއް އެޅިގެން ދިއުމުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރި އެރުންތަކެއް ލިބިގެންދާ ކަމަށާއި އެެކަން ކުރުމަށް ރަށުގެ ރައްޔިތުން އަދި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ.

" ރައީސް ޔާމީން 2013 ގައި ކުޅި ހިއްކައިގެން އެއާރޕޯޓެއް އަޅާނެ ކަމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވޭ. އެހެން ނަމަވެސް 4 އަހަރު ފާއިތުވެގެންދިޔަ އިރު ވެސް އެކުޅި ހިމާޔަތް ކުރުމަށް ތިމާވެއްޓާ ބެހޭ އެއްވެސް އިދާރާއަކުން މަސައްކަތް ކޮށްފައެއް ނުވޭ. އެފަދަ ވާހަކައެއް ވެސް ދައްކާފައެއް ނުވޭ. އެހެން ނަމަވެސް މި މަސައްކަތް ފެށުމަށް މަހާ ޖައްރާފު ކުޅުދުއްފުއްޓަށް އަންނަން ފެށުމުން އެކަން ވަރަށް ބޮޑު މައްސަލައަކަށް ވެގެންދިޔަ. މިކަމުގައި ރަށުގައި އުޅޭ އެކަކުވެސް މައްސަލައެއް ނުޖައްސާ."ލަތީފު ވިދާޅުވި އެވެ.

ކުޅި އަށް ވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އެއަރޕޯޓެއް ކަމަށާއި އެއީ ފުއްދަން ޖެހޭނެ ވައުދެއް ކަމަށް ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ، އީއައިއޭ ރިޕޯޓްގެ މާބޮޑު ތަފްސީލުތަކެއް އެނގި ނުލައްވާ ކަމަށާއި އީއައިއޭ ރިޕޯޓުގައި ކޮންމެ ގޮތަކަށް ކަންކަން އޮތް ނަމަވެސް އެއަރޕޯޓްގެ މަސައްކަތް  ކުރުމަށް ރައްޔިތުން އެދޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރަށުގެ ވިޔަފާރިވެރިއެއް  ކަމުގައިވާ މުހައްމަދު މޫސާ ވިދާޅުވީ،ރަށުގެ ރައްޔިތުންނަށް ފުއްދާދޭނެ ކަމަށް ބުނާ ވައުދު ފުއްދަދޭން ސަރުކާރުން ޖެހޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ ނަމެއްގައި އެކަން ކުރާ އުސޫލުން ނޫން ކަމަށެވެ. އެކަން ކޮށްދޭން ޖެހޭނީ ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ފެންވަރު ރަގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެއާރޕޯޓް އެޅުމާ ދެކޮޅަށް ވާހަކަދައްކަނީ ކުޅުފުއްޓަށް ހެޔޮނޭދޭ ފަރާތްތައް ކަމަށެވެ.

" ބޮނބިތަޅާ ރޯނު ވަށާ އެތައް އަންހެން ކުދިން ގުޅާފައި ބުނެފި، ކުޅި ހިއްކުން މާރަގަޅު ކަމަށް. އަދި އެތަނުން ގޯތި ދިނަސް މާރަގަޅު ކަމަށް. ކޮންމެ ބަޔަކަށް ވެސް ރަގަޅު ވަނީ ގިނައިން ފައިސާ ލިބި ފުދުންތެރި ދިރިއުޅުމެއް ލިބުން. އެއާރޕޯޓް އެޅުމުން އެސަރަހައްދުގައި ހާދަ ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ރައްޔިތުންނަށް ލިބިގެންދާނެއޭ،"  މުހައްމަދު މޫސާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް