ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 14:45
ވިލު ސްޓޫޑިއޯ އާއި އަޅީގެ "ތިޔޭ ލޯތްބަކީ"ގެ ވީޑިއޯ ޝޫޓް ކުރުމުގެ ތެރެއިން
ވިލު ސްޓޫޑިއޯ އާއި އަޅީގެ "ތިޔޭ ލޯތްބަކީ"ގެ ވީޑިއޯ ޝޫޓް ކުރުމުގެ ތެރެއިން
ވިލު ސްޓޫޑިއޯ
ވިލާއި އަޅި
ވިލު ސްޓޫޑިއޯ އާއި އަޅި: އަލެއް ކަމަކު މަސައްކަތް ވަރަށް ފައްކާ
 
ކުރިއަށް އޮތްތަނުގައި ފިލްމީ ދާއިރާގެ މަސައްކަތްތަކުން ވެސް ވިލު ސްޓޫޑިއޯ ފެންނާނެ
 
ތިޔޭ ލޯތްބަކީ އާއި އޭމަލާގެ ވީޑިއޯ ނެރުމަށް މިހާރު ވަނީ ތައްޔާރުވެފަ
 
ތިޔޭ ލޯތްބަކީ ވިލު ސްޓޫޑިއޯ އާއި އަޅި ގުޅިގެން އުފެއްދި ފުރަތަމަ ލަވަ

ހުނަރު ގިނަވެ، ހުނަރު ޝޯކޭސްކުރާނެ ޕްލެޓްފޯމްތައް މަދުވެފައިވާ ދިވެހި މި ރާއްޖޭގައި، ހުނަރުވެރި ޒުވާނުން ދަނީ އެމީހުންގެ ހުނަރު ދައްކާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަބަދުވެސް އާކަމެއް ކުރެވޭތޯ، އާ އެއްޗެއް ނެރެވޭތޯ އެ ޒުވާނުން ދަނީ މަސައްކަތް ކުރަމުންނެވެ. ވިލު ސްޓޫޑިއޯއަކީވެސް މިފަދަ ސްޓޫޑިއޯއެކެވެ.

ދާދިފަހުން އުފެއްދި ވިލު ސްޓޫޑިއޯގެ ނަން އާވި ނަމަވެސް މި ސްޓޫޑިއޯގެ ފަހަތުގައި ހުރީ މިހާރު އާމޫނެއް ނޫނެވެ. ފިލްމީ ދާއިރާގައި، ޚާއްސަކޮށް، ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ އެކި ޕްރޮޖެކްޓްތަކުގައި 2010 ވަނަ އަހަރުން ފެށިގެން ފެނިގެން ގޮސްފައިވާ އަޙުމަދު ޝާކިރު (ޝާއްކޮ) އެވެ. ޑާކް ރެއިންގެ ފިލްމުތަކުގައި އޭނާ ފެނިފައިވާ ރޯލުތަކުގެ ގޮތުން، ޝާއްކޮއަކީ ހަމައެކަނި އެކްޓަރެއް ކަމަށް ހީވި ނަމަވެސް، ޝާއްކޮ އަކީ އެއަށްވުރެ ހުނަރުވެރި ޒުވާނެކެވެ. ކެމެރާގެ ކުރިމައްޗެކޭ އެއްގޮތަށް އޭނާއަކީ މި ދާއިރާގައި ކެމެރާގެ ފުރަގަހުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަން ދަންނަ ޒުވާނެކެވެ. އެޑިޓިން އާއި ޑައިރެކްޝަން ވެސް މިއީ ޝާއްކޮގެ ހުނަރުހުރި ދާއިރާތަކެވެ.

ހުނަރު ފުޅާކޮށް، އަމިއްލަ އުފެއްދުންތަކެއް އާންމުންނާއި ހަމައަށް ގެނައުމުގެ ވިސްނުމުގައި ޝާއްކޮ އުފެއްދި ވިލު ސްޓޫޑިއޯގެ ބައެއް މަސައްކަތްތައް ދާދި ފަހުން ވަނީ އާންމުންނާ ހަމައަށް ދޫކޮށްލާފައެވެ. ފުރަތަމަ ދެ އޯޑިއޯ ލަވައެވެ. އެކަމަކު އެ ވާހަކައަށް ޖެހިލުމުގެ ކުރިން މި ދަތުރުގައި ވިލު ސްޓޫޑިއޯއާ އެކު ބައިވެރިވާ އަޅީގެ ވާހަކައަށް ވެސް ޖެހިލާނަމެވެ.

'އަޅި' އަކީ 3 އާޓިސްޓުންނެވެ. ޔާނާ ޢަބްދުއްސައްތާރާއި އަޙުމަދު ޝިޒާން (ސިސްކޯ) އާއި ޝާއްކޮގެ ބޭބެ، މުޙައްމަދު ޝާކިރެވެ. ވިލު ސްޓޫޑިއޯއިން އެންމެ ފުރަތަމަ އުފައްދަން ނިންމާފައިވާ ލަވަތަކުގެ ވީޑީއޯގްރަފީ މަސައްކަތާއި ޑައިރެކްޝަންގެ މަސައްކަތް ކުރަނީ އެ ޓީމުންނެވެ. އެކި ވައްތަރުގެ ކުރެހުންތަކާއި، ހޭންޑިކްރާފްޓްސްއަށް ޚާއްސަ "އަޅި" ވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ތެރެއަށް ވަދެ، މި ދާއިރާގައި ކުރާ މިއީ ފުރަތަމަ މަސައްކަތެވެ.

ވިލު ސްޓޫޑިއޯ އާއި އަޅި ގުޅިގެން ތިން ލަވައެއް ނެރެން ނިންމާފައިވާއިރު މީގެ ތެރެއިން ދެ ލަވައެއްގެ އޯޑިއޯ ރިލީޒްކޮށް، އެ ދެލަވައިގެ ވީޑިއޯ ރިލީޒް ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ޓީމުގެ ފުރަތަމަ އުފެއްދުމަކީ "ތީޔޭ ލޯތްބަކީ" އެވެ. މި އަހަރުގެ ޖުލައި 16 ވަނަ ދުވަހު ސައުންޑްކްލައުޑުގައި ރިލީޒްކުރި މި ލަވައަށް އެހުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. މުޙައްމަދު ޝަޙުބާންގެ މިއުޒިކަށް ޝާއްކޮ ޅެން ލިޔެ، މެލޮޑީ ތައްޔަރުކޮށްފައިވާ މި ލަވަ ކިޔައިދީފައި ވަނީ ޔޫސުފް ޝަހްބާން (ޔޫއްކޮ) އެވެ.

"ތީޔޭ ލޯތްބަކީ" އަށް ފަހު، ވިލު ސްޓޫޑިއޯ އާއި އަޅީގެ ފަރާތުން ދެން އެހުންތެރިންނާ ހަމައަށް ގެނެސްދިނީ "އޭމަލާ" އެވެ. މި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި މި ލަވައަށް "ތީޔޭ ލޯތްބަކީ" އަށް ވުރެ ވެސް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާއިރު، ޙުސައިން ތަޢުފީޤުގެ މިއުޒިކަށް ޝާއްކޮ ޅެންލިޔެ، މެލޮޑީ ތައްޔަރުކޮށްފައިވާ މި ލަވަ ކިޔައިދީފައި ވަނީ އިންޝާ އަޙުމަދާއި މޯލްޑިވިއަން އައިޑޮލްގެ ތަރި އިބްރާހިމް އަމާނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ އެކިއެކި މަސައްކަތްތަކަށް އާ ޒުވާނުން ނެރުމަކީ ވިލު ސްޓޫޑިއޯގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވާއިރު، "އޭމަލާ" ކިޔައިދީފައިވާ އިންޝާއަކީ ވެސް އެފަދަ ފަންނާނެކެވެ.

މިއުޒިކްގެ ދާއިރާގައި ހަރަކާތްތެރިވާތާ ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް، މިހާތަނަށް އިންޝާގެ ފޯކަސް ބޮޑަށް ހުރީ ކަވަރ މިއުޒިކަށެވެ. "އޭމަލާ" އަކީ އިންޝާގެ ފުރަތަމަ އަމިއްލަ ރާގުގެ ލަވައެވެ.

"އޭމަލާ" ގެ ތަޖުރިބާ އާއި ގުޅޭގޮތުން އިންޝާ ކިޔައިދިން ގޮތުގައި ކަވަރތަކެއް ކިޔަމުންގޮސް، އަމިއްލަ ރާގުގެ ލަވައެއް ކިޔުން ވެގެން ދިޔައީ އޭނާއަށް ތަފާތު ތަޖުރިބާއަކަށެވެ. ނަމަވެސް މި ތަޖުރިބާ ވަރަށް ކަމުދިޔަ ކަމަށާއި، ކަވަރ ލަވަޔަށްވުރެ އަމިއްލަ ރާގުގެ ލަވައެއް ކިޔުން ވެސް ކަމުދިޔަ ކަމަށް އޭނާ ބުންޏެވެ. މި ލަވައަށް އެހުންތެރިންގެ ފަރާތުން ލިބުނު ފާޑުކިޔުންތައް މައިގަނޑުގޮތެއްގައި ވަރަށް ރަނގަޅުކަން ފާހަގަކުރަމުން، އިންޝާ ވަނީ އަމާންއާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ވެސް ހިއްސާ ކޮށްފައެވެ.

"އަމާން އިޒް ރިއަލީ އީޒީ ޓު ވަރކް ވިތު. ވަރަށް ސަޕޯޓް ދޭނެ އަމާން. ވަރަށް މޯރަލް ސަޕޯޓް ދޭނެ. އިންޝާ ލަވަކީރު ކޮންމެ ލައިނެއްވެސް ސަކްސެސްފުލްކޮށް ކިއިއްޖެޔާ ޓަޗެއް ޖަހާލާފަ، ވަރަސް ސްވީޓް އަމާން" އިންޝާ ކިޔައިދިނެވެ.

"ތިޔޭ ލޯތްބަކީ" އާއި "އޭމަލާ" ގެ ވީޑިއޯ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަޅީގެ ފަރާތުން ތަޖުރިބާ ހިއްސާ ކުރަމުން އަޙުމަދު ޝިޒާން (ސިސްކޯ) ބުނީ، "އަޅި" އިން މި ލަވަތަކުގެ މަސައްކަތް ނެގީ ޗެލެންޖެއްގެ ގޮތުގައި ކަމަށާއި، އާ ކަމެއް ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި މި ކުރި މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. މި ދެލަވައިގެ ވީޑިއޯ ރިލީޒް ކުރަން ތައްޔާރުވަމުންދާއިރު މި ދެލަވަ ޚައްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. މި ދެ ލަވައާ އެކު ޑައިރެކްޝަންގެ ދާއިރާއަށް އާ އަންހެން ފަންނާނަކު ނުކުންނަނީއެވެ. އެއީ އަޅީގެ އެއް އާޓިސްޓް ޔާނާއެވެ.

ސަޕްރައިޒްއަކާ އެކު މި ލަވަތަކުގެ ވީޑިއޯ ނެރުމަށް ތައްޔާރުވާއިރު، ޝާއްކޮ ބުނި ގޮތުގައި މި މަސައްކަތުގެ ފަހަތުގައި އެ ޓީމުން ޝުކުރު އަދާކުރަން ބޭނުންވާ ގިނަ ބަޔަކު އެބަތިއްބެވެ. އަދި އެ އެންމެންގެ ނަންތައް ހިމެނޭ ގޮތަށް ޝުކުރުގެ ލިސްޓު ހާމަކުރަން ވެސް ޝާއްކޮ އެދުނެވެ. އެގޮތުން ވިލު ސްޓޫޑިއޯ އާއި އަޅީގެ މަސައްކަތުގެ ޝުކުރު ޙައްޤުވަނީ، ހިޝްކޮ، ސޭމް، އައްކި، ރިޒް، އަލީ ޝާކިރް، އައިމިނަތު ނާސިރާ، ޕޮޗި، ޙުސައިން، ޒިހާން، ޝާހިދު، އިތުމީނާ، ޗަންނަ، ޝާމިން، ޔޫއްކޮ، މުޙައްމަދު ޝަޙުބާން، ނަވާލް، ޗުއްޕި، އަޙުމަދު ފަޔާޒް (ފަޅޯ)، އަޒާން، ޏުޒޫ، ހުޝާމް، އަޙުސަން، އައްކޭ، ސާޔާ، ޝަލަބީ، ހައިފާ، އިންޝާ، ވިދާދް، އިބާ، އާދަނު (ބޮންސާއި) މޮގަރ، ޗިއްޕެ، ފުބު، ފޯޑް، ވިޝާމް، އަލީ ޝަޒްލީމް، އަޒޫ، އަދި ޝައްމުއަށެވެ. މީގެ އިތުރުން ދި ލިޓްލް ބޮންސާއި، ބޯޑަރ ސްޓައިލް އަދި ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ނަން ވެސް އެ ޓީމުން ފާހަގަކުރިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
40%
0%
10%
ކޮމެންޓް