ލ. ގަމުގައި ހިނގި ގްރޫޕް މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ މެންބަރު އިސްމާއިލް ޒަކީ ވިދާޅުވީ، ރޭ ގާތްގަނޑަކަށް 21:30 ހާއިރު ހިނގި ގްރޫޕް މާރާމާރީގައި ބޮޑު ވަޅިއަކުން ޒުވާނަކަށް ހަމަލާދީފައިވާ ކަމަށެވެ. މުކުރިމަގު އަވަށުގައި ހިނގި މިހާދިސާގައި ޒަހަމްވެފައިވަނީ 19 އަހަރުގެ ޒުވާނެއް ކަމަށް ޒަކީ ވިދާޅުވި އެވެ. އެ ޒުވާނާއަށް ހަމަލާދީފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުން އައިސް ދިން ބޮޑު ވަޅި (ކަތިވަޅި) އަކުންނެވެ. ޒަަހަމްވި ކުއްޖާގެ މޫނާއި އަތް ޒަހަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކުއްޖާގެ ހާލަތު ސީރިއަސް ކަން އަދި ނޫން ކަންވެސް ސާފު ނުވާ ކަމަށް އެނާ ވިދާޅުވި އެވެ.
މިހާދިސާއާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ މީޑިޔާއަށް ގުޅުމުން ވަނީ ޖަވާބެއްލިބޭގޮތް ނުވެފަ އެވެ.