ރައީސް އަބްދުﷲ ޔާމީނާއެކު ގާނޫނު އަސާސީއެއް ނުވާ ކަމަށާއި އެހެން ނޫ ނަމަ ރާއްޖޭގެ ހާލަތު މިއަދު މިދަރަޖައަށް ވެއްޓިގެން ނުދާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު ވިދާޅުވީ، މިއަދުގެ ހާލަތަށް ބަލާ އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިނިވަން ކަމާ އެކު މައްސަލަތައް ބެލުމުގެ ފުރުސަތު ދޭ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ފެނިގެންދަނީ އޭސީސީގެ މެންބަރުން ސިޔާސީ ބޭނުންތަކުގައި ބޭނުން ކުރަމުންދާ މަންޒަރު ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.
"މެޑަމް އައްޑޫއަށް ދިއުމުން، ވަކިވަކިން ރައްޔިތުންނަށް ގުޅައިގެން އޭސީސީގެ ރައީސް، މެޑަމްއަށް މަރުހަބާ ކިޔުމަށް އެދުމަކީ މީގެ ހެއްކެއް. ގާނޫނުގައި ވަކި ގޮތެއް އޮއްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި ގެއްލިއްޖެ ކަމަށް ރައީސް އޮފީހުން އެންގީމާ އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާނު ކުރުމަކީ މިނިވަން މުއައްސަސާތަކުގެ ބާރު ނެތުން. ސުޕްރީމް ކޯޓުން ސީދާ ސައްހަ ހުކުމް ލިޔެވެން ޖެހޭނެ. އެ ލިޔުމުގެ ހިތްވަރާ އަޒުމާ ގާބިލުކަމާއި ގާނޫނީ ބާރު ލިބިގެންވޭ. އެހެން ނަމަވެސް ލަދުވެތި ލިޔުންތަކެއް އެބޭފުޅުން ނެރެމުންދަނީ." އަލީ ނިޒާރު ވިދާޅުވި އެވެ.
އަލީ ނިޒާރު ވިދާޅުވީ، މިކަންކަން މިހެން ހުރުމުން ރައްޔިތުން ގާނޫނު އަސާސީ ދިފާއުކުރުމަށް ނިކުންނަން ޖެހޭ ކަމަށެވެ. ރައްޔިތުން މަރާލިއަސް ރައްޔިތުންނަށް އަނިޔާވިޔަސް، ވަރިހަމަވެވަޑައިގެން ރައީސް ޔާމީން ހުންނަވާ މަންޒަރު ފެންނަމުންދާ ކަމަށާއި އިތުރު ދައުރެއް ރައީސް ޔާމީނަށް ރައްޔިތުން ދީގެން ނުވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓުން ނުކުންނާނެ ކަމަށާއި އެ ކެންޑިޑޭޓުން ކުރިމަތިވެސް ލާނެ ކަމަށެވެ. މިކަން ރައީސް ޔާމީނަށް އޮޅިވަޑައިގެން ނުވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އެގޮތުން، އެމްޑީޕީން ރައީސް މުހައްމަދު ނަޝީދު ނިކުންނާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތައް ތިއްބެވީ ސާބިތު ކަމާ އެކުގައިކަން ފާހަގަކުރައްވާ، ނިޒާރު ވިދާޅުވީ، މިހާރު އެބޭފުޅުން އެކުރައްވަމުން ގެންދަވަނީ ކެމްޕެއިން މަސައްކަތްތައް ކަމަށެވެ.
"ރައީސް ޔާމީނަށް ވުރެ ހުރިހާ ގޮތަކުންވެސް އިލްމީ ގާބިލް ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަދި ކެމްޕެއިންގ މަސައްކަތްތައްވެސް މިވަނީ ފެށިފައި" ނިޒާރު ވިދާޅުވި އެވެ.