"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"
18 ނޮވެމްބަރު 2026 | ބުދަ 08:09ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ނުފުއްދަވާތީ، ހައްގުތައް ހޯދުމަށް އިހުތިޖާޖަށް ނުކުތުމަށް ބޯހިޔާވަހިކަމާ ގުޅޭ ޖަމިއްޔާތަކުން ގޮވާލައިފި. މި ސަރުކާރުގެ ތިން އަހަރު ނިމި ބޮޑު ބަޖެޓެއް ހޭދަވިއިރު ވެސް އަމަލީ މަސައްކަތެއް ނުފެށޭތީ، ބޯހިޔާވަހިކަމަށް އުންމީދުކުރާ ދެލައްކައަށްވުރެ ގިނަ ރައްޔިތުންގެ ހައްގުގައި ބަސްބުނަން ޖެހޭ ކަމަށް އެ ޖަމިއްޔާތަކުން ބުނޭ


ބޯހިޔާވަހިކަމާ ބެހޭ ޔޫނިއަންތަކުގެ ސްޕޯކްސްޕަރސަން ސޮބާހު ރަޝީދު | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 އަހަރުގެ ދައުރުން 3 އަހަރު ނިމި 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން ކަމަށް ބޯހިޔާވަހިކަމާއި ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނެފި އެވެ.
ބުދަ ދުވަހު އެ ޖަމިއްޔާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫނިއަންތަކުގެ ސްޕޯކްސްޕަރސަން ސޮބާހު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ހުޅުމާލޭގެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅު އަދި ދެވަނަ ސްކީމުގެ ދަށުން އުތުރުތިލަފަޅުގެ ބިންހިއްކައި ގޯތިދިނުމަށް ނިންމާ އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވަނިކޮށް، ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އެއަށްވުރެ ފުރިހަމަކޮށް އެ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
އެ ސަރަހައްދުތަކުގައި ނުހިއްކި ބާކީ ހުރި ބިންތައް ހިއްކައި އެ ސަރަހައްދުތަކުން ގޯތި ލިބިފައިވާ މީހުން އެދޭ ޑިޒައިނަކަށް އަދި އެމީހަކު ބޭނުންވާ އުސްމިނަކަށް ގެދޮރު އަޅާދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ސޮބާހު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް މިފަދަ ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވުމަށްފަހު، ވެރިކަމުގެ 5 އަހަރު ދުވަހުގެ ވަޒީފާއާ ހަވާލުވެވަޑައިގެން އެ ވަޒީފާގެ 5 އަހަރުގެ ތެރެއިން 3 އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ދައުލަތުގެ ބަޖެޓުން 170 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
ސޮބާހު ވިދާޅުވީ އެ ސަރަހައްދުތަކުން ބޯހިޔާވަހިކަން ލިބިފައިވާ 50 ހާސް އާއިލާއެއްގެ 2 ލައްކައަށްވުރެ ގިނަ ރައްޔިތުން މިކަންކަމުގެ މައްޗަށް ބަސް ނުބުނެ ތިބެއްޖެ ނަމަ، ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް 2 އަހަރު ނިންމާލައްވާނީ ވެރިކަމަށް ވަޑައިގަންނަވަން ވޯޓު ހޯއްދެވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ނުފުއްދަވާ ކަމަށެވެ.
ރިޔާސީ ކެމްޕޭނުގައި އެންމެ ގިނައިން މުއިއްޒު ދެއްކި ވާހަކަތަކަކީ، އޭނާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު ބަލަން ރައްޔިތުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކުރިއިރު، "އެ ރައްޔިތުން ދިރިއުޅެނީ ވަރަށްދަތި ތަންތަނުގައި ވަރަށް ދަތިހާލުގައި ކަމަށް. އެހެންގޮތަކަށް ބުނާނަމަ އެ ތަންތަނުގައި މީހުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއްގެ ބޯއަޅައިގެން ކަމަށް" ނަމަވެސް، މުއިއްޒުގެ 5 އަހަރުގެ ދައުރުން 3 އަހަރު ނިމި 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް އެރައްޔިތުން ނިދަނީ ހަމަ އެކެއްގެ ފައިމަތީގައި އެނެކެއް ބޯއަޅައިގެން. މުއިއްޒު ވެފައިވާ ވައުދު ނުފުއްދާ ވެރިކަމުގެ މި 5 އަހަރު ނިންމާލައިފި ނަމަ، ބޯހިޔާވަހިކަމަށް އެދި އެ އުންމީދުގައި ތިބި އެންމެހާ ރައްޔިތުންގެ ހަޔާތުން 5 އަހަރު ދުވަސް ގެއްލި ދިޔައީސޮބާހު ރަޝީދު
ސޮބާހު ވިދާޅުވީ މިހިނދުން މިހިނދަށް، އެ މަޝްރޫއުތަކުގެ މަސައްކަތް މި ސަރުކާރުން ފަށައިގެން ކުރިއަށް ނުގެންގޮސްފި ނަމަ، ނިމިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ސްކީމް އެކަކާއި ސްކީމް ދޭކުން ބޯހިޔާވަހިކަމަށް އެދިފައިވާ 50 ހާސް އާއިލާގެ 2 ލައްކައަށް ވުރެ ގިނަ ރައްޔިތުން އިހުތިޖާޖުކުރަން ނުކުތުމަށް ޖަމިއްޔާތަކުން ގޮވާލާ ކަމަށެވެ.
ސަބަބަކީ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ބާކީ އޮތީ 2 އަހަރުކަމަށް ވެފައި، ފާއިތުވި 3 އަހަރު ތެރޭގައި 170 ބިލިއަންގެ ބަޖެޓު ހުސްކޮށްލާފައި ވާއިރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވުން ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ. އަދި ބާކީ އޮތް 2 އަހަރުގެ ބަޖެޓުން މި މަޝްރޫއުތައް ކުރިއަށް ނުގެންދެވިއްޖެ ނަމަ، މިކަމަކީ ރައީސް މުއިއްޒު އަށް ވެރިކަމުގެ ވަޒީފާ ރައްޔިތުން ހަވާލުކުރުމުން 2 ލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބިގެންދިޔަ ބޮޑު ގެއްލުމަކަށް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ބޯހިޔާވަހިކަމުގެ އެކިއެކި ސްކީމްތަކަށް ފޯމް ހުށަހަޅާފައިވާ ރައްޔިތުންނާއި އަދި ހިއްކާފައިވާ ބިންތަކުގެ ތެރެއިން އަސާސީ ޚިދްމަތްތަށް ގާއިމުކޮށްފައިނުވާ ބިންތަކަށް ނިސްބަތްވާ ރައްޔިތުން ހައްގު ހޯދުމަށް ތެދުވުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.











