މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
15 ނޮވެމްބަރު 2026 | އާދީއްތަ 08:46ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެތީ ވައިޓް އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނޭ. ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ ކަނޑުތައްވެސް ގަދަވާނެތީ، ދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ކަންކަމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި


މާލެއަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވެފައި
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:30ން ހަވީރު 4:30ށް، ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އެ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން އާދިއްތަ ދުވަހުގެ ހެނދުނު 8:00ށް ކ.ދިއްފުއްޓަށް ރިކޯޑު މިންވަރަކަށް ވަރޭ ވެހިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ދިއްފުއްޓަށް 44 މިލިމީޓަރުގެ ވާރޭ، އއ.ތޮއްޑޫ އަށް 33.2 މިލިމީޓަރުގެ ވާރޭ އަދި ދަރަވަންދޫ އެއަރޕޯޓަށް 30.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެފައިވާތީ، މިދުވަސްވަރު ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުން ހުރި އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.










