މާލޭގައި ކާބޯތަކެތީގެ އަގުތައް އޮކްޓޫބަރު މަހު އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި
14 ނޮވެމްބަރު 2026 | ހޮނިހިރު 08:23މާލޭގެ ބާޒާރުގައި މުދަލުގެ އަގުތައް ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 1.01 އިންސައްތަ އުފުލިފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އަގުތައް ވަނީ 9.96 އިންސައްތަ މަތިވެފައި. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައީ ކާބޯތަކެއްޗާއި ބުއިންތަކުގެ އަގަށް ކަމަށްވާއިރު، އެއްގަމު މަހާއި ތަރުކާރީގެ އަގުތައް ވަނީ އަހަރުން އަހަރަށް ބަލާއިރު 20 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައި. އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެއްޗާއި ކައްކާ ގޭހުގެ އަގުތައް ވެސް ވަނީ މި މުއްދަތުގައި މައްޗަށް ގޮސްފައި


ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް | އައިސްޓޮކް
މާލޭގެ ބާޒާރުގައި ކާބޯތަކެއްޗާއި މުހިންމު މުދަލުގެ އަގުތައް އޮކްޓޫބަރު މަހު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ "އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް" (އީސީޕީއައި) އަށް ބަލާއިރު، ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މާލޭގެ ބާޒާރުގައި މުދަލުގެ އަގުތައް ވަނީ 1.01 އިންސައްތަ އިތުރުވެފަ އެވެ. އަދި ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ އޮކްޓޫބަރު މަހު މުދަލުގެ އަގުތައް ވަނީ 9.96 އިންސައްތަ އުފުލިފަ އެވެ.
ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ވަނީ 0.96 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މޭވާގެ އަގު 3.32 އިންސައްތަ، ގޮދަނާއި ގޮދަނުން އުފައްދާ ތަކެތީގެ އަގު 1.92 އިންސައްތަ، އަދި ހަކުރާއި ފޮނިކާތަކެތީގެ އަގު 1.51 އިންސައްތަ އުފުލުމެވެ. މީގެ އިތުރުން ތެލާއި ފެޓްސްގެ އަގު 1.38 އިންސައްތަ އަދި މަހުގެ ބާވަތްތަކުގެ އަގު 1.04 އިންސައްތަ ވަނީ މަތިވެފަ އެވެ. ނަމަވެސް ތަރުކާރީގެ އަގު 0.38 އިންސައްތަ އަދި ކަނޑުމަހުގެ ބާވަތްތަކުގެ އަގު 0.31 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ.
އަހަރުން އަހަރަށް ބަލާއިރު ކާބޯތަކެތީގެ އަގުތައް ވަނީ 10.73 އިންސައްތަ މަތިވެފަ އެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އެއްގަމު މަހުގެ ބާވަތްތަކުންނެވެ. އެގޮތުން އެއްގަމު މަހުގެ އަގު 23.97 އިންސައްތަ އުފުލިފައިވާއިރު، ތަރުކާރީގެ އަގު 22.16 އިންސައްތަ، މޭވާގެ އަގު 13.24 އިންސައްތަ، އަދި ކިރާއި ބިހުގެ ބާވަތްތަކުގެ އަގު 12.11 އިންސައްތަ ވަނީ މަތިވެފަ އެވެ. ހަކުރާއި ފޮނިކާތަކެތީގެ އަގު 10.63 އިންސައްތަ އަދި ތެލުގެ ބާވަތްތަކުގެ އަގު 10.20 އިންސައްތަ އުފުލިފައިވާކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެ އެވެ.
ބުއިންތަކުގެ އަގުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު ވަނީ 1.45 އިންސައްތައިގެ އިތުރުވުމެއް އައިސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މޭވާ އަދި ތަރުކާރީ ޖޫހުގެ އަގު 3.97 އިންސައްތަ އަދި ސައިގެ ބާވަތްތަކުގެ އަގު 2.22 އިންސައްތަ އުފުލުމެވެ. އަހަރުން އަހަރަށް ބަލާއިރު ބުއިންތަކުގެ އަގު 7.42 އިންސައްތަ މަތިވެފައިވާއިރު، ކޮފީގެ ބާވަތްތަކުގެ އަގު ވަނީ 23.22 އިންސައްތަ އުފުލިފަ އެވެ.
އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ނުވަތަ ޕާސަނަލް ކެއާ އުފެއްދުންތަކުގެ އަގު އޮކްޓޫބަރު މަހު ވަނީ 1.53 އިންސައްތަ މަތިވެފަ އެވެ. އަދި ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 4.86 އިންސައްތަ އުފުލިފަ އެވެ. ކައްކާ ގޭހާއި އެހެނިހެން ފިއުލްގެ އަގުތަކަށް މަހުން މަހަށް ބަދަލެއް އައިސްފައި ނުވި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 13.82 އިންސައްތަ މަތިވެފަ އެވެ.
އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސްއަކީ ކާބޯތަކެއްޗާއި، ބުއިންތަކާއި، ތެލާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ހިމެނޭހެން 96 ބާވަތެއްގެ މުދަލުގެ އަގަށް އަންނަ ބަދަލު ބަލާ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި އެންމެ ބޮޑު ބަރުދަނެއް ދީފައިވަނީ ކާބޯތަކެއްޗަށެވެ. އެއީ 70.94 އިންސައްތަ އެވެ. ބުއިންތަކަށް 14.20 އިންސައްތަ، ޕާސަނަލް ކެއާ އުފެއްދުންތަކަށް 8.43 އިންސައްތަ އަދި ގޭހާއި ފިއުލްއަށް 6.43 އިންސައްތަ ބަރުދަން ދީފައިވެ އެވެ. މި އިންޑެކްސް ބޭނުންކުރަނީ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށާއި އިންފްލޭޝަން ހުރި މިންވަރު ދެނެގަތުމަށެވެ.










