އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުންވެސް ފާސްކޮށްފި
28 އޮކްޓޯބަރު 2026 | ބުދަ 07:28އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ އަޣުލަބިއްޔަތުން މިހާރު ވަނީ ފާސްކޮށްފައި. ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަމުންދާ މި ދަނޑިވަޅަކީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ވަގުތަކަށް ވުމުން، އާންމު ރައްޔިތުންގެ މެދުގައި މިކަމާ ގުޅިގެން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި


ރައްޔިތުންގެ މަޖިލިސް | ރައްޔިތުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ނިންމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް، މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
އެ ނިންމުމަށް ބުދަ ދުވަހު ވޯޓަށް އަހާފައިވާއިރު، 40 މެންބަރުންގެ އަޣުލަބިއްޔަތުން އެ ނިންމުން ވަނީ ފާސްކޮށްފަ އެވެ.
ދާދި ފަހުން މަޖިލީހުން ވަނީ މަޖިލީހުގެ ރައީސްގެ އިތުރުން ވަޒީރުންނަށް ލިބޭ މުސާރަ ބޮޑުކުރަން ވެސް ނިންމާފަ އެވެ.
މި ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދަނީ ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަކި ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ދައުލަތުގެ އިސް މަޤާމުތަކުގެ މުސާރަ ބޮޑުކުރުމަކީ އެކަށީގެންވާ ކަމެއްތޯ ބައްލަވަން ޖެހޭނެ ކަމަށެވެ.











