ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް
25 އޮކްޓޯބަރު 2026 | އާދީއްތަ 08:13ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް އައްޑޫ ސިޓީގައި ޓެކްސް ފްރީ ޒޯނެއް ގާއިމުކުރުމަށާއި، ޖީއެސްޓީ ރަޖިސްޓްރީކުރާ ތްރެޝޯލްޑް 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. މީގެ އިތުރުން، ވިޔަފާރިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ އިންތިޒާމާއި، ރޯ މެޓީރިއަލްއިން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމުގެ އިތުރުން ޒުވާން ވިޔަފާރިވެރިންނަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފުކުރުމަށް ވެސް ވަނީ ހަމަޖެހިފައި


ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޮވެމްބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްޤީ ހާސިލުކުރެއްވުމުގެ އަމާޒުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތައާރަފު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހާއި 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިމެނޭހެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދަށްވުރެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހާމަކުރައްވާ ރައީސްް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޮވެމްބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް މި ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ޚާއްސަ، ޓެކްސް-ފްރީ ޒޯންތަކެއް ޤާއިމުކުރުމަށް ނިންމާފައިވާއިރު، 3 އަހަރުގެ މުއްދަތަށް، ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފަށާނީ އައްޑޫ ސިޓީއިން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. މި ޒޯންގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މައާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުން ފަދަ ކަންކަން ހަމަޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަމިއާއެކު، ޓެކްސް އޮފްސެޓް ކުރުމާއި ޖީއެސްޓީ ތްރެޝޯލްޑަށް ބަދަލު ގެންނަވާނެކަން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ ގޮތް ހަމަޖެހިފައިވާކަމަށާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް، 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެ ކަން ވެސް ރައީސް މުއިއްޒު ހާމަ ކުރެއްވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް، 1 ޖެނުއަރީ 2027 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ ސުމެއް އިންސައްތަ އަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށާއި މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގެ ފެހި ސިގުނަލް ވެސް ރައީސް ދެއްވި އެވެ.
މީގެ އިތުރުން، ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް އަދަށްވުރެ ތަނަވަސްކުރުމުގެ ގޮތުން މިހާރުވެސް މަސައްކަތްތަކެއް ކުރެވޭކަމަށާ، މި ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހި، އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެންމެން ޝާމިލުވާ (އިންކްލޫސިވް) މުޖުތަމައެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤައުމީ އިގްތިސާދުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެއްވެސް މީހެއްގެ ޖިސްމާނީ ނުވަތަ އެހެނިހެން ޙާލަތެއްގެ ސަބަބުން ފުރުސަތުތަކަށް ހުރަސްއެޅުމަށް ޖާގަ ނުދެއްވާނެކަމުގެ ޔަގީން ކަން ދެއްވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެން ޝާމިލުވާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.











