ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު
24 އޮކްޓޯބަރު 2026 | ހޮނިހިރު 13:54މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މި ސަރުކާރަކީ އެއްވެސް އަމާޒެއް ނެތި ހިންގަމުންދާ ސަރުކާރެއް ކަމަށް. އެހެންކަމުން މި ސަރުކާރު ދެމިއޮތުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ނަޝީދު ފާހަގަކުރެއްވި


އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ސޯޝަލް މީޑިއާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ އެއްވެސް މިސްރާބެއް ނެތް ސަރުކާރެއް ކަމަށާއި، މި ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ގެއްލުންވަމުންދާއިރު ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރު ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅު ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން މިދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް ތޯ ވިސްނަން ޖެހޭ ކަމަށެވެ.
މި ސަރުކާރަށް މިވީހާ މުއްދަތުގެ ތެރޭގައި ލިބުނު އެއްވެސް ކުރިއެރުމެއް، ހިންގުނު އެއްވެސް ޕްރޮޖެކްޓެއް އުފެއްދުނު އެއްވެސް ވަޒީފާއެއްގެ ފުރުސަތެއް ހުޅުދޫ އިން ވެސް ރާއްޖޭގެ އެހެން ހިސާބަކުން ވެސް ފެންނަން ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ވިޔަފާރިއެއް ތަރައްގީކޮށްގެން ސިނާއަތެއް ތައާރަފްކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ތަނަވަސްކަން ގެނައުމަށް، އިތުރު ކުރުމަށް ހަމަ އެއްކަމެއް ވެސް މި ސަރުކާރަށް ކުރެވިފައެއް ނެތް. މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ދަނީ ވަރަށް ބޮޑަށް ގެއްލުން ވަމުން. ޑޮލަރުގެ ރޭޓު މިހާރު ހުރީ 23 ރުފިޔާ އަށް ވުރެ މަތީގައިމުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ މިއަދު ތަކެތީގެ އަގު ވެސް ހުރީ އިންތިހާ އަށް މަތީގައި ކަމަށެވެ. އެމަނިކުފާނު ހުޅުދޫ އަށް ވަޑައިގެން ތަކެތީގެ އަގު ބެއްލެވި އިރު ބައެއް ތަކެތީގެ އަގު 20 އިންސައްތަ އާއި 30 އިންސައްތަ އިން އުފުލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީއެންސީ އަށް ވޯޓު ދިނުމުގެ މާނައެއް ނެތް ކަމަށާއި ބޭނުމެއް ވެސް ނެތް ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއީ ސިޔާސަތެއް ނެތް، އަމާޒެއް ނެތް ސަރުކާރެއް ކަމަށެވެ. ކަންކަން ހައްލުކުރަން ކަމަށް ބުނެ ގެންނަ ބަދަލު ވެސް ޖެހިގެން އަންނަ ދުވަހު ބަދަލު ކުރާ ކަމަށާއި އެގޮތުން ޑޮލަރުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ ކުރި ހުރިހާ ކަމެއް މިހާރު އަނބުރާލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ގެންނެވި ބަދަލަކީ ވިދާޅުވީ 500 ޑޮލަރޭ ފުރަތަމަ ކޮންމެ ޓޫރިސްޓަކު މާރުކުރަން ޖެހޭ ކަމަށް. އޭގެ ހަފްތާ އެއް ފަހުން ވިދާޅުވީ 20 ޕަސެންޓް އޭ. އޭގެ ދުވަސްކޮޅެއް ފަހުން ވިދާޅުވީ 40 ޕަސެންޓް އޭ. މީގެން އެއްވެސް ކަމެއް ނުވި. ރާއްޖޭގެ ޔޫޒަބަލް ރިޒާވް މި ދަނީ ދުވަހުން ދުވަހަށް ދަށަށް. މި ވަގުތު އަޅުގަނޑުމެންގެ ރިޒާވްފައި 2 ހަފްތާގެ އިމްޕޯޓް ކުރާނެ މިންވަރަށް ވެސް ޑޮަލަރެއް ނެތްމުހައްމަދު ނަޝީދު
އެއްދުވަހު އެއްގޮތަކަށް އަނެއް ދުވަހު އަނެއް ގޮތަކަށް އެނބުރެމުންދާ މި ސަރުކާރަކީ މީޒާނެއް ނެތް ސަރުކާރެއް ކަމަށާއި އޭގެ ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން ރައީސް މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ރާއްޖޭގެ ރައްޔިތުންނާއި މި ގައުމަށް ވެސް ލިބޭނެ ގެެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.










