އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟
25 އޮކްޓޯބަރު 2026 | އާދީއްތަ 13:19ރަސްމާލެ މަޝްރޫއުގެ ދަށުން ދިވެހި ރައްޔިތުންނަށް ބިން ލިބޭނެކަމުގެ އިންތިޒާރުގައި ތިއްބާ، ބިޑަކާ ނުލައި އެ ސަރަހައްދުގެ ބޮޑު ބައެއް ބޭރުގެ އިންވެސްޓަރެއް ކަމަށްވާ އަލައްބާރަށް ދޭން ނިންމުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ދިވެހިންނަށް ޝަރުތުތައް ހަރުކަށިކޮށްފައިވާއިރު، ޔަހޫދީންނާ ގުޅުން އޮންނަ ފަރާތަކަށް 500 ހެކްޓަރުގެ ބިން ދިނުމަކީ ގައުމީ ސަލާމަތާއި ދީނީ އަދި އިޖުތިމާއީ ގޮތުން ކަންބޮޑުވުން އޮތް ކަމެއް


ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ވަނީ ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | އީގަލް ހިލްސް
މީހުން ބުނެ އެވެ. ނަސީބަކީ ކަތީބު ދޭ އެއްޗެއް ނޫނެވެ. ހަމަ ނޭނގި ހުއްޓާ ވެސް އައިސް އަތުގައި ހިފާފާނެ އެވެ. އެއީ ގޮތް ނޭނގޭ އެއްޗެކެވެ. އެކަމަކު ޒަމާނަށް އައި ބަދަލާއެކު މީހުން ބުނެ އުޅޭ އެހެން އެއްޗެއް އެބައޮތެވެ. ނަސީބަކީ މިހާރު ބައެއް ފަހަރަށް މީހުން ބަހާ ވެސް އުޅޭ އެއްޗެކެވެ. އެއަށްވުރެ ބޮޑަށް ވިއްކާ އެއްޗެކޭ ވެސް މިހާރު ބުނެ އުޅެ އެވެ.
އެބީދައިން ބަލާއިރު، ރަސްމާލެ އިން ބިންކޮޅެއް ލިބޭތޯ ފޯމު ފުރިތާ އަހަރެއް ވަނީ އެވެ. ކަނޑުފަޅުން ގޯތި ދިނުމާ ދެކޮޅު މީހުންގެ ވެރިކަމެއްގައި ބިންކޮޅެއް ލިބޭނީ އެ ތަންތަން ހިއްކާ މަގުހަދާ ދެން ވެސް ކުރަންޖެހޭ ކަންކަން ކޮށްފަ އެވެ. ދިވެހިންނަށް އޮތީ ކެތްތެރިކަމާއެކު އިންތިޒާރު ކުރުމެވެ. ރަސްމާލެ އިން ބިންކޮޅަކަށް ދިވެއްސަކު ޝަރުތު ފުރިހަމަވަނީ ލައްކަ ކަންކަމަށް ބަލާފަ އެވެ.
ފްލެޓެއް، ބިންކޮޅެއް މާލެ ސަރަހައްދުގައި އޮތް މީހަކު އެތަނަކަށް ޝަރުތު ހަމައެއްނުވެ އެވެ. ހަމައެކަނި ފްލެޓެއް ނުވަތަ ބިންކޮޅެއް އޮތް މީހާއެއް ނޫނެވެ. ފްލެޓެއް ގަތުމަށް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ މީހާއަކީ ވެސް ރަސްމާލެއިން ބިންކޮޅެއް ލިބުމަށް ޝަރުތު ފުރިހަމަވާ މީހެއް ނޫނެވެ. ރަސްމާލެއިން ބިންކޮޅެއް ލިބޭނެކަމުގެ އުންމީދުގައި ތިބި ގިނަ ބަޔަކަށް މިހާރު އެމީހުންގެ ޝަރުތު ފުރިހަމަ ނުވާކަން ވަނީ އެނގިފަ އެވެ. ނޫންނަމަ އަންގާފަ އެވެ.
ނަމަވެސް ޝަރުތު ފުރިހަމަވި މީހުންނަށް ވެސް ބިންކޮޅެއް ލިބޭކަމެއް ނުވަތަ ލިބެނީ ކިހާ ވަރެއްގެ ބިންކޮޅެއް ކަމެއް އަދި ނޭނގެ އެވެ. އެނގޭނީ ކޮން އިރަކުން ކަމެއް ވެސް ނޭނގެ އެވެ. ނަމަވެސް މިހާރު ރަސްމާލެ އިން ބިން ލިބޭކަމާއި، ރަސްމާލެ އިން ލިބޭ ބިމުގެ ސައިޒް އެކަކުވަނީ މުތުލަގަށް ކަށަވަރުކޮށްފަ އެވެ.
ވަރަށް ތަފާތެވެ. އާދަޔާ ޚިލާފެވެ. ހިތަށް އެރި އެވެ. ދިވެއްސަކަށްވީތީ މިފަހަރު ފަޚުރުވެރިވެވޭކަށް ނެތެވެ. ރަސްމާލެ އިން ފުރަތަމަ ބިން ކަށަވަރުކުރީ ދިވެއްސެއް ނޫނެވެ. އެއީ، ދިވެހީން ދެކެ އިންތިހާއަށް "ކުއްލިއަކަށް ލޯބިވި އަލައްބާރު ކިޔާ މީހަކަށެވެ. ދިވެހީން އެންމެ ރުޅިއަރާ އެއް ބަޔަކު ކަމުގައިވާ ޔަހޫދީ ޒައިނިސްޓުންގެ އެކުވެރި އަލައްބާރަށް ރަސްމާލެއިން ބިން ލިބުމަށް ޝަރުތު ފުރިހަމަވީ ތިޔަހެނެއް ނޫނެވެ. އޭނާ ޝަރުތު ފުރިހަމަވީ 500 ހެކްޓަރުގެ ބިމަށެވެ.
ހެޔޮ ވިސްނޭ މީހަކު އެވަރުގެ ބޮޑު ބިމެއް އެކަކަށް ދީފާނެ ބާވަ އެވެ. ދީފާނެއެއް ނޫނެވެ. އެއޮތީ ދޭން ނިންމާފަ އެވެ. ދިނުމަށް އެއްބަސްވެ ސޮއިކޮށްފަ އެވެ.
އަލައްބާރަށް ރަސްމާލެ އިން 500 ހެކްޓަރުގެ ބިން ހޯދާކަށް ބިޑެއް ލާކަށް ވެސް އަދި ފޯމެއް ފުރާކަށް ވެސް ނުޖެހުނެވެ. އޭނާއަކީ ނަސީބުވެރިއެކެވެ. އަލައްބާރުގެ ޖާދޫގައި ބަޔަކު ރަނގަޅަށް ޖެހި ހަފުސްވެއްޖެ އެވެ. އަލައްބާރު ޝަރުތު ފުރިހަމަވީ އާދައިގެ ގޯއްޗަކަށް ނޫނެވެ. ރަސްމާލޭގެ ދެ ބައިކުޅަ އެއް ބަޔަށެވެ.
ވުމާއެކު، ރަސްމާލެ އިން ގޯތި ހޯދުމަށް ފޯމު ފުރި މީހުންނަށް ދެން ބިންކޮޅެއް ލިބޭނީ އަލައްބާރަށް ދީފައި ބާކީ ތަންކޮޅެއް އޮތިއްޔާ އެވެ. ދިވެހި ރައްޔިތުން ދެކެ ނުވާ ލޯބި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން މިއަދު އަލައްބާރު ދެކެ ވާން ފަށައިފި އެވެ. ޚާއްސަކޮށް ދީނާއި ޤައުމާއި ވަތަނާއި ދިވެހިންގެ ދިދަ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ރައްޔިތުންނަށްޓަކައި ހުވައިކޮށްގެން ހުންނެވި ރާއްޖޭގެ ވަލިއްޔުލް އަމުރެވެ.
ކޮންމެއަކަސް އަލައްބާރަށް ރަސްމާލެ ދިނުމާ ދެކޮޅަށް އެއްޗެއް ބުނާ މީހަކު މިއަދު ރޮލާ ކާލާ ކަހަލަ އެވެ. އަލލައްބާރުގެ ވާހަކަ ދައްކާ މީހުންނަކީ މިއަދު ޤައުމުގެ އަދުއްވުން ކަމުގައި ސަރުކާރުން ދެކެން ފަށައިފި އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް އަލައްބާރުގެ ވާހަކަ ދެއްކުމުން އެ އަންނަނީކީ އަމަށަކު ރުޅިއެއް ނޫނެވެ. ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދޭން އައި ރައީސުލްޖުމްހޫރިއްޔާ ވެސް ރައްޔިތުންނަށްވުރެ ރަނގަޅު މީހަކު ފެނުނީ އެވެ. ދިވެހިންގެ ބިމުން ވެލިފުކެއްގެ މިންވަރުވިއަސް ހިލޭވިއަސް ކުއްޔަށްވިއަސް ނުދޭނަމޭ ވިދާޅުވި ރައްޔިތުންގެ ޚާދިމުގެ ބަސް އެފުށް މިފުށަށް ޖެހުނީ އެވެ. އެދިން މީހަކާއެކު ޣައިރު ދީނުގެ އަދި ޒައިނިސްޓު ޔަހޫދީން އައިސް މިތަނަށް އަތްގަދަ ކޮށްފާނެ ކުރާނެކަން އެނގިތިބެ ދީނީ އިލްމުވެރިންގެ ތެރެއިން ބަޔަކު ވެސް އެތިބީ އެކަމަށް ރުހިގެންނެވެ. ދީނާއި ޤައުމާއި ވަތަނާއި އަމްނާއި އަމާނާއި ސިލްމާއި ސަލާމު ވެއްޔާ މޮޑެވި ބައެއްގެ ޔަހޫދީންގެ އަތްދަށަށް ދާން ދޫކޮށްލައިގެން އެތިބީ ވަރިހަމަ ވެގެންނެވެ. ސަރުކާރުން ލިބޭ ފައިސާއާއި މިއަދު ތިބި ބޮޑު ވަޒީފާއާއެކު ހަކުރު ދޭތީ ބޮޑުބޭބެ ވެގެންނެވެ. ދީނަކާ ދީނެއް ދޫކޮށްލައިގެންނެވެ. ހުރި ހިތާމައެއް ބޮޑު ކަމާ އެވެ.









