މައިޒާން އިލެކްޓްރޯނިކްސްގެ ތަޖުރިބާއާއެކު ޓެކްނޮލޮޖީގެ އައު އުދަރެހަކަށް މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ!
22 އޮކްޓޯބަރު 2026 | ބުރާސްފަތި 10:02ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ މައިޒާން އިލެކްޓްރޯނިކްސްގެ ފަންނީ ތަޖުރިބާއާއެކު، އަމަލީ ތަމްރީނު ދޭ "މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ" ރަސްމީކޮށް ހުޅުވައިފި. މި މަރުކަޒުން ރޮބޮޓިކްސް އާއި އޭއައި ފަދަ ޒަމާނީ ދާއިރާތަކުން ކުޑަކުދިންނާއި ޒުވާނުން ބިނާކުރުމަށް މަސައްކަތް ކުރާއިރު، މިއީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އެ ކުންފުނިން ވޭތުވެދިޔަ 57 އަހަރު ފޯރުކޮށްދިން ޚިދުމަތްތަކުގެ މުހިންމު ކުރިއެރުމެއް


މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު | ރާއްޖެ އެމްވީ
ދިވެހިރާއްޖޭގެ އިލެކްޓްރޯނިކްސް އަދި މެރިން ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ދިގު ތާރީޚެއް އޮތް އެއް ނަން ކަމަށްވާ މައިޒާން އިލެކްޓްރޯނިކްސްގެ ފަންނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް، "މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ" (އެމް.އައި.އައި.ޓީ) އިން ރާއްޖޭގެ ޓެކްނޮލޮޖީ ތައުލީމަށް އައު އިންގިލާބެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މި އިންސްޓިޓިއުޓަކީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިން އަހުލުވެރިކުރުވައި، އަމަލީ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ތައުލީމީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އުފައްދާފައިވާ މަރުކަޒެކެވެ.
ބުރާސްފަތި ދުވަހު މި އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީ އެވެ. ޑރ މަޙުމޫދު ޝައުޤީ ވަނީ އެމް.އައި.އައި.ޓީ ގެ ވެބްސައިޓްވެސް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފަ އެވެ.

މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު | ރާއްޖެ އެމްވީ
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޑރ މަޙުމޫދު ޝައުޤީ ވަނީ ރާއްޖެ ފަދަ ޤައުމަކަށް މިފަދަ ޒަމާނީ އިންސްޓިޓިއުޓެއްގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީ
އެމް.އައި.އައި.ޓީން މިހާރު އަންނަނީ ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ކޯޑިންގ، ތްރީޑީ ޑިޒައިން އަދި ޕްރިންޓިންގގެ އިތުރުން ޑްރޯން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އަމަލީ ތަމްރީނުތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ފުޅާކުރަމުންނެވެ.
މި ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި، ޒުވާނުންނާއި، މުދައްރިސުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.
މީގެ އިތުރުން، އޮންލައިންކޮށް ހިންގާ ޕްރޮގްރާމްތަކުގެ އެހީގައި އަތޮޅުތެރޭގެ ސްކޫލްތަކަށްވެސް މި ފުރުސަތުތައް ވަނީ ފުޅާކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމް.އައި.އައި.ޓީ ގެ ބާނީ މައިޒާން އަހުމަދު މަނިކު ވަނީ މިފަދަ އައު ޓެކްނޮލޮޖީތައް އުފެއްދުމުގެ ޤާބިލުކަން ހުރި ހުނަރުވެރި ބަޔަކަށް ރާއްޖޭގެ ޒުވާނުން ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
މައިޒާން އަހުމަދު މަނިކު ގަބޫލުކުރައްވާ ގޮތުގައި، ޒުވާނުންނަށް ޓެކްނޮލޮޖީ ދަސްކޮށްދީ، އެ ތަކެތި މަސައްކަތްކުރާ ގޮތް އަމަލީގޮތުން ދަސްކޮށްދިނުމަކީ ގައުމުގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެމް.އައި.އައި.ޓީ ގެ ބާނީ މައިޒާން އަހުމަދު މަނިކު
މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ އިތުރުން، އިންސްޓިޓިއުޓްގެ ޓުއަރއެއްވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލާފައިވެ އެވެ.

މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު | ރާއްޖެ އެމްވީ
މިއަދު އެމް.އައި.އައި.ޓީން ކުރިއަށްގެންދާ މަސައްކަތްތަކަކީ މައިޒާން އަހުމަދު މަނިކު ފެއްޓެވި ދިގު ރާސްތާގެ މުހިންމު ބައެކެވެ. މި އިންސްޓިޓިއުޓްގެ އަމާޒަކީ ދިވެހި ކޮންމެ ދަރިވަރަކަށްވެސް ޓެކްނޮލޮޖީގެ އައު އީޖާދުތައް ދަސްކޮށް، އަމިއްލަ އިތުބާރާއެކު އެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން އައު ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ.
ތާރީޚުގެ ތެރެއިން:
ދިވެހި އުޅަނދުފަހަރުގައި ޖީޕީއެސް އާއި ސެޓެލައިޓް މުވާސަލާތީ ނިޒާމުތަކާއި، ޑިޖިޓަލް ނެވިގޭޝަން އެޅުމުގެ މާ ކުރިންވެސް، ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ގުޅުވައިދޭނެ ޓެކްނޮލޮޖީ ދަންނަ ބައެއްގެ ބޭނުންތެރިކަން އޮތީ ނުހަނު ބޮޑުވެފަ އެވެ.
މައިޒާން އިލެކްޓްރޯނިކްސްގެ ބިންގާ އެޅިގެން ދިޔައީ އެފަދަ މާހައުލެއްގެ ތެރެއިންނެވެ.
މި ކުންފުނީގެ ތާރީޚު ފެށެނީ 1967 ވަނަ އަހަރު، ރޭޑިއޯ އާއި ބްރޯޑްކާސްޓިން އަދި މުވާސަލާތީ ސާމާނު މަރާމާތުކޮށް ބަލަހައްޓާ އަމިއްލަ މަރުކަޒެއްގެ ގޮތުގައި "މައިޒާން ރޭޑިއޯ ސާވިސަސް" އުފެދުނު ހިސާބުންނެވެ. އެއީ ރާއްޖޭގައި އެފަދަ ފަންނީ ޚިދުމަތްތައް ލިބުން މަދު ދުވަސްވަރެކެވެ.

މައިޒާން އިލެކްޓްރޯނިކްސް: ސުނާމީއާ ގުޅިގެން މުއާސަލާތީ ޚިދުމަތްތައް މެދުކެނޑުމުން މައިޒާން އިލެކްޓްރޯނިކްސްއިން ވަނީ ދިވެހިރާއްޖޭގެ އަޑަށް އިމަރޖެންސީކޮށް ކޮމިއުނިކޭޝަން ސެޓަޕް ފޯރުކޮށްދީފައި | މައިޒާން އިލެކްޓްރޯނިކްސް
އޭގެ ދިހަ އަހަރު ފަހުން، 1977 ވަނަ އަހަރު، މައިޒާން ރޭޑިއޯ ސާވިސަސްގެ ނަން "މައިޒާން އިލެކްޓްރޯނިކްސް" އަށް ބަދަލުކުރެވުނެވެ.
އަދި 1981 ވަނަ އަހަރު، މައިޒާން އިލެކްޓްރޯނިކްސް އަކީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީކޮށް، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ބާޒާރަށް މުވާސަލާތީ ސާމާނު އެތެރެކޮށް ފޯރުކޮށްދޭން ފެށިއެވެ.
1980ގެ އަހަރުތަކަށް އައިއިރު، މައިޒާން އިލެކްޓްރޯނިކްސްއިން ވަނީ ކަނޑުދަތުރުފަތުރުގެ މުއާސަލާތީ ދާއިރާއަށް ޚިދުމަތްތައް ފުޅާކޮށް، ވީ.އެޗް.އެފް، ޔޫ.އެޗް.އެފް އަދި އެސް.އެސް.ބީ/އެޗް.އެފް ރޭޑިއޯ ސާމާނު އެ ދާއިރާއަށް ތައާރަފުކޮށްފައެވެ.
ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާއެކު، މައިޒާން އިލެކްޓްރޯނިކްސްއަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން 1990ގެ އަހަރުތަކުގައި ޖީ.ޕީ.އެސް، ރޭޑާ އަދި ފިޝްފައިންޑަރު ފަދަ ވަސީލަތްތައް ތައާރަފުކުރުމުގެ އިތުރުން، މި އާ ނިޒާމުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް މަސްވެރިންނަށް އެ ކުންފުނިން ފޯރުކޮށްދޭން ފެށިއެވެ.
އޭގެ ފަހުން އައި އަހަރުތަކުގައި ވެސް މައިޒާން އިލެކްޓްރޯނިކްސްއިން ވަނީ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކުރުން ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ސެޓެލައިޓް ފޯނާއި، ސެޓެލައިޓްގެ އެހީގައި މަސް އައިން ހޯދައިދޭ ޚިދުމަތްތަކާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ މުއާސަލާތީ ސާމާނު ހިމެނެއެވެ.
ނަމަވެސް، އެ ކުންފުނީގެ ޚިދުމަތަކީ ހަމައެކަނި ސާމާނު ފޯރުކޮށްދިނުމެއް ނޫނެވެ. 2013 ވަނަ އަހަރު މައިޒާން އިލެކްޓްރޯނިކްސްއިން ވަނީ މޯލްޑިވްސް ފިޝަރމެންސް އެސޯސިއޭޝަނާ ގުޅިގެން ލާމު ގަމުގައި "ފިޝަރމެންސް ކޮމިއުނިޓީ ސެންޓަރު" އެއް ގާއިމުކޮށްފައެވެ. މި މަރުކަޒުގެ ސަބަބުން ސެޓެލައިޓް މެދުވެރިކޮށް މަސްވެރިކަން ރަނގަޅު ސަރަހައްދުތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތާއި، ތަމްރީނާއި ފަންނީ އެހީތެރިކަން މަސްވެރިންނަށް ލިބިގެންދިޔަ އެވެ.

މައިޒާން އިލެކްޓްރޯނިކްސް | މައިޒާން އިލެކްޓްރޯނިކްސް
މި މަސައްކަތްތަކާއެކު، މައިޒާން އިލެކްޓްރޯނިކްސް ވެގެން ގޮސްފައިވަނީ ހަމައެކަނި ކަނޑުދަތުރުފަތުރުގެ ސާމާނު ސަޕްލައިކޮށްދޭ ކުންފުންޏަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ކުންފުނި ވެފައިވަނީ ކަނޑުގެ މުއްސަނދިކަމަށް ބަރޯސާވާ ދިވެހި ރައްޔިތުންނާ ހަމައަށް ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބައިވެރިއަކަށެވެ.
މަސްވެރިކަމުގެ ދާއިރާއަށް އެ ކުންފުނިން ވެދީފައިވާ މި ޚިދުމަތްތައް ގައުމީ ފެންވަރުގައި ވަނީ ބަލައިގެންފަ އެވެ.
އެގޮތުން 2015 ވަނަ އަހަރު، މަސްވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ހާއްސަކޮށް ހޭލުންތެރިކަން އިތުރުކުރުމާއި ތަމްރީނު ދިނުމުގެ ދާއިރާއިން، މައިޒާން އަހުމަދު މަނިކަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. މި އިނާމު އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ.

މަސްވެރިކަމުގެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ހާއްސަކޮށް ހޭލުންތެރިކަން އިތުރުކުރުމާއި ތަމްރީނު ދިނުމުގެ ދާއިރާއިން، މައިޒާން އަހުމަދު މަނިކަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައި | މައިޒާން އިލެކްޓްރޯނިކްސް
މީގެ އިތުރުން، މަސްވެރިކަމުގެ ޓެކްނޮލޮޖީ ތައާރަފުކޮށް، ދިވެހި މަސްވެރިން އެ ތަކެއްޗަށް އަހުލުވެރިކުރުވުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް، 2019 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާގެ ކާމިޔާބީގެ އެވޯޑެއް ލިބިފައިވެ އެވެ.
މައިޒާން އިލެކްޓްރޯނިކްސްގެ އެންމެ ފަހުގެ އެއް މަސައްކަތަކީ "މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ" (MIIT) އެވެ.
މައިޒާން އިލެކްޓްރޯނިކްސްގެ ފަންނީ ތަޖުރިބާގެ ބިންގަލުގެ މައްޗަށް އުފެއްދި އެމް.އައި.އައި.ޓީ އަކީ، އެ ކުންފުނިން އެތައް އަހަރެއް ވަންދެން ހޯދާފައިވާ އިލްމާއި ތަޖުރިބާ، ތައުލީމީ އޮނިގަނޑެއްގެ ތެރެއިން ފޯރުކޮށްދޭ މަރުކަޒެކެވެ.

މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު | ރާއްޖެ އެމްވީ
ގިނަ ގޮތްގޮތުން ބަލާއިރު، އެމް.އައި.އައި.ޓީ އަކީ މައިޒާންގެ ވާހަކަ ފުރިހަމަވެގެންދާ ހިސާބެވެ. މިއަދު، އެތައް އަހަރެއް ވަންދެން ދިވެހި މަސްވެރިންނާއި ކަނޑުދަތުރުވެރިންގެ އަތަށް ޓެކްނޮލޮޖީ ފޯރުކޮށްދިން ކުންފުނިން މިވަނީ އާ މަސައްކަތެއް ފަށާފައެވެ. އެއީ އަންނަން އޮތް ޖީލުގެ އަތްމައްޗަށް ޓެކްނޮލޮޖީގެ އިލްމު ފޯރުކޮށްދިނުމެވެ.








