ދުވަސްނުފުރާ ވިހާ ކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ސާޖިދާ
21 ސެޕްޓެމްބަރު 2026 | ހޯމަ 14:20ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް، ޒަމާނީ ވަސީލަތްތަކާއެކު ސިއްހީ ޚިދުމަތްތެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވި. "ނިއޯކެއަރ 2026" ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުފަންވާ ކުއްޖަކަށްވެސް އެއް ފެންވަރެއްގެ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމަށް ވެސް ގޮވާލައްވާފައިވޭ


ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވާހަކަދައްކަވަނީ | ރައީސް އޮފީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އުފަންވާ، ޚާއްސަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ސިއްހީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ގޮވާލެއްވީ "ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ފެށުމުގެ ގޮތުން ހޯމަ ދުވަހުގެ ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ، ޚާއްސަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ސިއްހީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަށް ގޮވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރައްވާފަ އެވެ.
ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޚާއްސަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ސިއްހީ ޚިދުމަތްތެރިންކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
އެގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ސިއްހީ ފަންނީ ބޭފުޅަކަށްކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި އެކަމަނާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ފަންނީ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ސިއްހީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްސަ ތައުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވި އެވެ.
މި މަސައްކަތަށް އެއްބާރުލުން ދިނުމުގައި "ނިއޯކެއަރ" ގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ސިއްހީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން، މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މިއީ މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމަށް ލިބުނު ވަރަށް އަގުހުރި މަންސައެއްކަމުގައި ސިފަކުރައްވައި، މާލެއިން ފެށިގެން އަތޮޅުތަކަށް، އަދި ސިއްހީ ޚިދުމަތްތެރިންގެ އެކި ޖީލުތަކަށް މިފަދަ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއާވާލެއްވި އެވެ.
އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ހާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެ ކަމަށް އެކަމުގައި އެކަމަނާ ވިދާޅުވި އެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ގާބިލުކަމާއި، އެބޭފުޅުންގެ ކިބައިގައިވާ ފަރުވާތެރިކަމާއި އޯގާތެރިކަމަށް އެކަމަނާ ތައުރީފުކުރެއްވި އެވެ.
އާއިލާއަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަން ފާހަގަކުރައްވަމުން، އިންޓެންސިވް ނުވަތަ ޚާއްސަ ފަރުވާ ހޯދަމުންދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި، އެހީތެރިކަމާއި، ސާފު މައުލޫމާތާއި، ގަދަރާއި އިހްތިރާމް އަދި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް ވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހަނދާންކޮށްދެއްވި އެވެ. އަދި ސިއްހީ ޚިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާދިނުން ނޫންކަމަށާއި، އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުންކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
ނިއޯކެއަރ 2026 ކުރިއަށްދަނީ "އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން" މި ޝިއާރުގެ ދަށުންނެވެ.










