ގާނދީގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ 688 މެސެޖު 1.2 މިލިއަން ޕައުންޑަށް ވިކިއްޖެ
22 އޯގަސްޓު 2026 | ހޮނިހިރު 18:47މަހާތުމާ ގާނދީގެ ގާތް އެކުވެރިއަކަށް ފޮނުއްވި 688 މެސެޖު ހިމެނޭ ތާރީޚީ ކަލެކްޝަން، އިންޑިއާގެ ނީލަމެއްގައި 1.2 މިލިއަން ޕައުންޑަށް ވިއްކާލުމުން އެ ގައުމުގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ގާނދީގެ ޒާތީ ދިރިއުޅުއްވުމާއި ފަލްސަފާތައް ހާމަވާ މި ލިޔުންތައް ނީލަމުގައި ވިއްކުމުގެ ބަދަލުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި މިއުޒިއަމްތަކުގައި ރައްކާތެރިކުރުމަށް ކަމާބެހޭ މާހިރުން އިލްތިމާސްކުރޭ

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީ (މޯހަންދާސް ކަރަމްޗަންދު ގާނދީ، 1869 - 1948) ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު، އެކަހެރިވެ ދިރިއުޅުއްވި ދުވަސްވަރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ސިޓީތައް ބައްލަވަނީ | ގެޓީ އިމޭޖަސް
މަހާތުމާ ގާނދީ އަމިއްލަފުޅު އަތްޕުޅުން ލިޔުއްވާފައިވާ 688 މެސެޖެއް ހިމެނޭ ކަލެކްޝަނެއް، އިންޑިއާގައި ބޭއްވި ނީލަމެއްގައި 1.2 މިލިއަން ޕައުންޑަށް ވިއްކާލައިފި އެވެ. މިއީ އިންޑިއާގެ ތާރީޚީ ލިޔެކިޔުމެއް ނީލަމެއްގައި މިހާ ބޮޑު އަގަކަށް ވިއްކާލި ފުރަތަމަ ފަހަރެވެ.
އަމިއްލަފުޅު އަތްޕުޅުން ލިޔުއްވާފައިވާ މި މެސެޖުތަކަކީ ގާނދީގެ ގާތް އެކުވެރިއެއް އަދި އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގައި ބައިވެރިވި އާނަންދު ޓީ ހިންގޯރާނީއަށް ފޮނުއްވާފައިވާ މެސެޖުތަކެކެވެ.
ނީލަން ކުރިއަށްގެންދިޔަ "ސެފްރަންއާޓް" އިން ބުނި ގޮތުގައި، 20 ނޮވެމްބަރު 1944 އިން ފެށިގެން 10 އޮކްޓޯބަރު 1946 އާ ހަމައަށް ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ލިޔުއްވި މި މެސެޖުތައް ފަހުން ވަނީ "އަ ތޯޓް ފޯ ދަ ޑޭ" ގެ ނަމުގައި ފޮތެއްގެ ގޮތުގައި އެކުލަވާލާފަ އެވެ.
ހިންގޯރާނީގެ އާއިލާއިން ބުނި ގޮތުގައި މި މެސެޖުތައް ލިޔުއްވާފައިވަނީ ވަރަށް އަމިއްލަ ކަންތައްތަކަކާ ގުޅިގެންނެވެ. އެގޮތުން ހިންގޯރާނީގެ އަންހެނުން ވިދްޔާ މަރުވުމާ ގުޅިގެން އޭނާއަށް އިހުސާސްވަމުންދިޔަ އެކަނިވެރިކަމާއި ހިތާމަތައް ގާނދީއާ ހިއްސާކުރެއްވި އެވެ. އެ ދުވަސްވަރަކީ ކަންފަތުގެ ބީރުކަމަށް ފަރުވާ ހޯދުމަށް ހިންގޯރާނީ ގުދުރަތީ ފަރުވާގެ މަރުކަޒެއްގައި ހުރި ދުވަސްވަރެކެވެ.
ހިންގޯރާނީގެ ހިތާމަތަކަށް ތަސައްލީއެއް ދެއްވުމުގެ ގޮތުން ގާނދީ ކޮންމެ ދުވަހަކުވެސް އޭނާއަށް މެސެޖެއް ލިޔުއްވި އެވެ. މިގޮތަށް ފެއްޓެވި އަމިއްލަ ކަމެއްގެ ސަބަބުން، އެ ދެފަރާތުގެ ގުޅުން ހާމަކޮށްދޭ އެންމެ ފުޅާ ތާރީޚީ ރެކޯޑު ވަނީ އުފެދިފަ އެވެ. ސެފްރަންއާޓްގެ ކޯ-ފައުންޑަރ އަދި ރައީސް މިނާލް ވަޒީރާނީ "ދަ އިންޑިއަން އެކްސްޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގާނދީ ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރައްވައިގެން އަމިއްލަފުޅު މެސެޖުތައް ލިޔުއްވަމުން ގެންދެވި ކަމަށާއި، އަމިއްލަ މުއާމަލާތެއްގެ ގޮތުގައި ފެށުނު މިކަން ފަހުން ބޮޑު މަޝްރޫއަކަށް ބަދަލުވެގެންދިޔަ ކަމަށެވެ.
މިނާލް އިތުރަށް ވިދާޅުވީ، ކޮންމެ މެސެޖެއްގެ މުސައްނިފަކީ ގާނދީ ކަމަށްވީ ނަމަވެސް، އެ ލިޔުންތައް ލިބިގަނެ، ތަރުތީބުކޮށް، ޝާއިއުކުރުމަށް ތައްޔާރުކުރީ ހިންގޯރާނީ ކަމަށެވެ.
މި 688 މެސެޖުގައި ގާނދީގެ މުޅި ހަޔާތްޕުޅުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވި ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އޭގެ ތެރޭގައި ތެދުވެރިކަން، އަނިޔާވެރިނުވުން، ނަފްސު ކޮންޓްރޯލްކުރުން، ދުނިޔޭގެ މުދަލަށް ދަހިވެތިނުވުން، ބިރުކުޑަކަން، ދީނީ ހަމަހަމަކަން، އަޅުކަންކުރުން، ޚިދުމަތްކުރުން، މަސައްކަތްތެރިކަން، ވާޖިބުތައް އަދާކުރުން، ހަނުހުރުން، އަމިއްލަ ނަފްސު ދެނެގަތުން އަދި ކަލާނގެ ދެނެގަތުމަށް ކުރާ މަސައްކަތް ހިމެނެ އެވެ.
މީގެ އިތުރުން 1930 އާއި 1931 ވަނަ އަހަރާ ދެމެދު ލިޔުއްވާފައިވާ ނުވަ ސިޓީއެއްގައި، އާނަންދު އަދި ވިދްޔާ ހިންގޯރާނީގެ ކައިވެންޏާ ގުޅޭގޮތުން ހުރި މައްސަލަތަކާއި، މައިންބަފައިންގެ ދެކޮޅުވެރިކަމާއި، މާލީ މިނިވަންކަމާއި، އާއިލީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން އަމިއްލަ ނަފްސު ހިފެހެއްޓުމާއި ގޭތެރޭގެ ޒިންމާތަކާ މެދު ގާނދީ ދެކެވަޑައިގަންނަވާ ގޮތް ހިމަނާފައިވެ އެވެ.
މި މުޅި ކަލެކްޝަން އެތައް ޖީލެއް ވަންދެން ބަލަހައްޓަމުން އައީ ހިންގޯރާނީގެ އާއިލާއިންނެވެ. ސެފްރަންއާޓުން މި ތަކެތި ނީލަމަށް ހުށަހެޅީ "ގާނދީ: ފްރޮމް ދަ ކަލެކްޝަން އޮފް އާނަންދު ޓީ ހިންގޯރާނީ" ގެ ނަމުގައި 86 ބަޔަކަށް ބަހާލައިގެންނެވެ.
ނީލަމުގެ އެންމެ މުހިންމު ބައި ކަމުގައިވާ މި މެސެޖުތައް ވިކޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވަނީ 150 މިލިއަން ރުޕީސް (1.1 މިލިއަން ޕައުންޑް) އާއި 250 މިލިއަން ރުޕީސް (1.9 މިލިއަން ޕައުންޑް) އާ ދެމެދުގެ އަގަކަށެވެ. ނަމަވެސް މި ތަކެތި ވިކުނީ 162 މިލިއަން ރުޕީސް (1.2 މިލިއަން ޕައުންޑް) އަށެވެ. ސެފްރަންއާޓުން ބުނި ގޮތުގައި މިއީ އިންޑިއާގެ ތާރީޚީ ލިޔެކިޔުމެއް ނީލަމެއްގައި ވިކުނު ދުނިޔޭގެ ރެކޯޑު އަގެކެވެ.

އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ ބާނީ، މަހާތުމާ ގާނދީގެ އަރިސް ބޭފުޅެއް ކަމަށްވާ އާނަންދު ޓީ ހިންގޮރާނީއަށް އެޑްރެސްކޮށް، ގާނދީ އަމިއްލަފުޅު އަތްޕުޅުން ލިޔުއްވާފައިވާ މެސެޖުތަކެއް | ސްކްރީން އިމޭޖް
ގާނދީ ލިޔުއްވަން އިންނަވަނިކޮށް ނަގާފައިވާ އަދި އެމަނިކުފާނުގެ ސޮއި ހިމެނޭ ފޮޓޯއެއް 7.8 މިލިއަން ރުޕީސް (59,678 ޕައުންޑް) އަށް ވިކުނުއިރު، އިގްތިސާދީ މިނިވަންކަމާ ގުޅޭ ސިޓީތަކާއި ޓެލެގްރާމްތައް ހިމެނޭ ކަލެކްޝަނެއް 5.8 މިލިއަން ރުޕީސް (44,376 ޕައުންޑް) އަށް ވަނީ ވިކިފަ އެވެ.
ސެފްރަންއާޓްގެ ކޯ-ފައުންޑަރ ދިނޭޝް ވަޒީރާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ކަލެކްޝަންގެ އެންމެ ހާއްސަ ކަމަކީ އިންޑިއާގެ ތާރީޚީ އެންމެ މުހިންމު އެއް ޝަޚުސިއްޔަތު، ވަރަށް ގާތް ޒާތީ ގުޅުމެއްގެ ތެރެއިން ފެނިގެންދިއުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގާނދީ އާންމުންގެ ތެރޭގައި ވަކާލާތު ކުރެއްވި އުސޫލުތަކާ އެއްގޮތަށް އެމަނިކުފާނު އަމަލީ ގޮތުން ދިރިއުޅުއްވި ގޮތް މި ލިޔުންތަކުން ހާމަވާ ކަމަށެވެ. އަދި މިއީ ގާނދީގެ ވިސްނުންފުޅާއި އަމަލުފުޅުތައް ދެނެގަތުމަށް ލިބުނު އަގުހުރި ރެކޯޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ނަމަވެސް، ގާނދީގެ އަސްލު ސިޓީތަކާއި، އަތުން ލިޔުއްވާފައިވާ ލިޔުންތަކާއި، އަމިއްލަ ތަކެތި މިގޮތަށް ވިއްކާލުމާ ގުޅިގެން އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދިއްލީގައި ހުންނަ ނޭޝަނަލް ގާނދީ މިއުޒިއަމްގެ ޑައިރެކްޓަރު އޭ. އަންނަމަލައި މި ނީލަން ސިފަކުރެއްވީ "ވަރަށް ބޮޑު ހިތާމައެއް ލިބުނު ޚަބަރެއް" ގެ ގޮތުގަ އެވެ.
"ދަ އިންޑިޕެންޑެންޓް" އާ ހިއްސާކުރި ބަޔާނެއްގައި އަންނަމަލައި ވިދާޅުވީ، ގާނދީގެ އަސްލު ސިޓީތަކާއި ލިޔުންތަކުގައިވާ މައުލޫމާތު ކުރިން ޝާއިއުކޮށްފައިވީ ނަމަވެސް، އެ ތަކެތީގެ އަސްލު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ތާރީޚީ މަސްއޫލިއްޔަތެއް ކަމަށެވެ.
އޭނާ ވަނީ މިފަދަ ތަކެތި ގެންގުޅޭ ފަރާތްތަކުން އެ ތަކެތި ނީލަމުގައި ނުވިއްކުމަށާއި، އޭގެ ބަދަލުގައި ނޭޝަނަލް ގާނދީ މިއުޒިއަމާ ހަވާލުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އެއީ އަންނަން އޮތް ޖީލުތަކަށް އެ ތަކެތި ފެންނާނެހެން ރައްކާތެރިކުރުމަށްޓަކަ އެވެ.
"ގާނދީގެ ސިޓީތަކާއި، ލިޔުންތަކާއި، އަމިއްލަ ތަކެއްޗަކީ ހަމައެކަނި އަމިއްލަ މިލްކިއްޔާތެއް ނޫން. އެއީ އިންޑިއާގެ އެންމެންގެ ތަރިކައެއް އަދި އަޅުގަނޑުމެންގެ ގުޅިފައިވާ ތާރީޚުގެ ބައެއް. އެ ތަކެތި ބަލަހައްޓަންވާނީ އިންޑިއާގެ ރައްޔިތުންނާއި މުޅި ދުނިޔޭގެ މީހުންނަށްވެސް އެ ތަކެތި ބަލައި، ދިރާސާކޮށް، އޭގެއިން އިބުރަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް،" އަންނަމަލައި ވިދާޅުވި އެވެ.









