އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި
25 އޯގަސްޓު 2026 | އަންގާރަ 01:24އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހަނިވެ، ނިޒާމު ފަހަތަށް ސޮއްސާލާނެ ކަމެއް ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެ. އޭނާގެ ކުރީގެ ދައުރުގައި މައްސަލަތަކުގެ 53 އިންސައްތަ ބޭރުކޮށްލާފައިވާކަން ފާހަގަކުރައްވައި، އެ ނަން އަނބުރާ ގެންދިއުމަށް މެންބަރު ވަނީ ގޮވާލައްވާފައި


ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން އަނބުރާ ގެންދެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގޮވާލައްވައިފި އެވެ.
ހޯމަ ދުވަހު މެންބަރު ކުޑޫ ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ މާލިއްޔާތު ހަރަދު ކުރާ ގޮތާއި މުހިއްމު ނިންމުންތައް ނިންމާ ގޮތް ބަލައި، ވެރިކަން ހިންގުމުގެ ނިޒާމު ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ބާރު ކަމަށާއި މި ހައްގު ފުރިހަމައަށް ނުލިބޭނަމަ ކޮރަޕްޝަން އިތުރުވެ، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވެގެން ދާނެ ކަމަށެވެ.
އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރައްވާފައިވާ އަބްދުލްއަޒީޒްގެ ދައުރުގައި ގާނޫނު ތަންފީޒު ކުރުމުގެ ހާލަތު އޮތީ ވަރަށް ބަލިކަށިކޮށްކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ އާންމުކޮށް އަޑު އެހުންތައް ބޭއްވުމުގެ ބަދަލުގައި އޭނާ އިސްކަން ދެއްވީ ސިއްރު މަޝްވަރާތަކަށް ކަމަށާއި، އަސާސީ ހައްގަކަށް އެދޭއިރު ސަބަބު ބަޔާން ކުރަން ނުޖެހުނު ނަމަވެސް އަބްދުލްއަޒީޒް ވަނީ "މަހޯލި" ފޯމުތައް މެދުވެރިކޮށް މައުލޫމާތު ބޭނުންވާ ސަބަބު ލިޔަން މަޖުބޫރު ކުރުވާފައި ކަމަށެވެ. އަދި އެ ދައުރުގެ ތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އާރުޓީއައި އެސެސްމަންޓުގެ ހޯދުންތަކަށްް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ 53 އިންސައްތަ ވަނީ ބޭރުކޮށްލާފައި ކަމަށާއި، 16 އިންސައްތަ މައްސަލައަށް ޖަވާބު ދީފައި ނުވާ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.
ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދިޔުމުގެ ސަބަބުން އާންމު ރައްޔިތުންގެ އިތުބާރު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އަލުން ކުރިން އޮތް ސިއްރުވެރި އުސޫލުތައް ގެންނާނެ ކަމަށް ވިދާޅުވާ ބޭފުޅަކު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނު ކުރުމަކީ މުޅި ނިޒާމު ފަހަތައް ސޮއްސާލައި، މައުލޫމާތު ހޯދުމުގެ ހައްގު ހަނިވެގެން ދާނެ ކަމަށް ވިދާޅުވެ، މެންބަރު ކުޑޫ ވަނީ އަބްދުލްއަޒީޒު ނަން އަނބުރާ ގެންދިއުމަށް ގޮވާލައްވާފައި އެވެ.










