ހަލާލު ކާނާއާ މެދު ސުވާލާއި ޝައްކު އުފައްދައިގެން ހަލާލު ފަތުރުވެރިކަން އިސްތިހާރެއް ނުކުރެވޭނެ!
16 ސެޕްޓެމްބަރު 2026 | ބުދަ 09:30ރާއްޖޭގެ ރިސޯޓުތަކުގައި ކާނާ ތައްޔާރުކުރާ މިންގަނޑުތަކާ މެދު އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ދެއްކެވި ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުނެ ސިނާއަތުގެ ތަޖުރިބާކާރުން ފާޑުކިޔައިފި. ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާއިރު، މިހާރުގެ ނިޒާމުތަކާ މެދު ޝައްކު އުފެއްދުމުގެ ބަދަލުގައި ހަގީގީ މައުލޫމާތުގެ މައްޗަށް ބިނާކޮށް މަޝްވަރާކުރުން މުހިންމު


ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއަރ ގައި ވިޒިޓް މޯލްޑިވްސްގެ އެމްޑީ އަބްދުالله ޔާސިރު | ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. ނަމަވެސް، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައުރަޒެއްގައި، ރާއްޖޭގެ ރިސޯޓަކުން މުސްލިމް ފަތުރުވެރިއަކު ކާންބޭނުންކުރާ ޗިކަން ސޭންޑްވިޗަކީ އޫރުމަސް ކައްކަން ބޭނުންކުރި ސާމާނު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވެދާނެ ކަމަށް ބުނުމަކީ، ފަތުރުވެރިކަން އިސްތިހާރު ކުރަން ދައްކަންވީ ޒާތުގެ ވާހަކައެއް ނޫނެވެ.
ފަތުރުވެރިކަން އިސްތިހާރު ކުރާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އޭނާގެ ވިސްނުން ހާމަކުރައްވަމުން ވިދާޅުވީ، ރިސޯޓަކަށް އަންނަ މެހެމާނަކު ޗިކަން ސޭންޑްވިޗަކަށް އޯޑަރު ދީފާނެ ކަމަށާއި، ނަމަވެސް އެ ސޭންޑްވިޗް ތައްޔާރުކުރި ސާމާނަކީ އޭގެ ކުރިން އޫރުމަސް ކައްކަން ބޭނުންކުރި ސާމާނަށް ވެދާނެ ކަމަށެވެ. އެ ތަކެތި ފެނުން ދޮވެލި ކަމުގައި ވިޔަސް، އެއީ ހަލާލު އެއްޗެއް ކަމަށް ފަތުރުވެރިޔާ ގަބޫލުކުރި ނަމަވެސް، ހަގީގަތުގައި އެއީ ހަލާލު އެއްޗަކަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ހަގީގަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ އެންމެ އިސް ޒިންމާ އުފުލާ އިދާރާގެ ވެރިޔާގެ ފަރާތުން ފެނިގެން މިދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވާހަކަ ދެއްކެވި މަންޒަރެވެ.
މިއަދުގެ ރިސޯޓުތަކަކީ މީގެ އެތައް އަހަރެއް ކުރިއާ އަޅާބަލާއިރު ކާނާގެ ރައްކާތެރިކަމުގެ މާ ހަރުދަނާ ނިޒާމުތަކެއް ގެންގުޅޭ ތަންތަނެވެ. މިހާރު ގިނަ ރިސޯޓުތަކުގެ ބަދިގެތަކުގައި ތަފާތު ބާވަތްތަކުގެ ކާނާ ކޮށުމަށް ވަކި ކުލަތަކެއްގެ ވަޅިއާއި ބޯޑު ބޭނުންކުރެ އެވެ. އަދި ތަކެތި ކެއްކުމަށް ބޭނުންކުރާ ތެއްޔާއި އެހެނިހެން ސާމާނުވެސް ގެންގުޅެނީ ވަކިންނެވެ.
މި ފިޔަވަޅުތަކަކީ ހަމައެކަނި ހަލާލު ކާނާއަށް އަމާޒުކޮށްގެން ކުރާ ކަންކަމެއް ނޫނެވެ. ޒަމާނީ ބަދިގެތަކުގައި އެލާޖީގެ މައްސަލަތަކާއި، ކާނާ ވިހަވުމުގެ ނުރައްކަލާއި، އެކި ބާވަތުގެ ކާނާ އެއްވުމުން ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް މިފަދަ ހަރުދަނާ މިންގަނޑުތަކެއް ގެންގުޅެންވެސް ޖެހެ އެވެ.
1980 އާއި 2000 ގެ އަހަރުތަކާ އަޅާބަލާއިރު މިހާރު މިންގަނޑުތައް ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު، މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުން ރިސޯޓުތަކުގެ ބަދިގެތައް ހިނގާގޮތް މިހާރު ހުރި ގޮތް ބައްލަވާލެއްވުން މުހިންމު ކަމަށް ދާއިރާގައި ދުވަސްވީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.
ނުވިތާކަށް، ހަލާލު ފަތުރުވެރިކަމަކީ އިއްޔެ އުފަންވި އެއްޗެއް ނޫނެވެ. ހަލާލު ފަތުރުވެރިކަމަކީ "ވިޒިޓް މޯލްޑިވްސް" އިން އަލަށް ރާއްޖެއަށް ތައާރަފުކުރަން އުޅޭ ކަމެއްވެސް ނޫނެވެ.
މި މައްސަލައިގައި ވާހަކަދެއްކެވި ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ތަޖުރިބާކާރަކު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހަލާލު ފަތުރުވެރިކަން އޮންނާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަކީ، "ހަލާލު ފަތުރުވެރިކަން" މި ނަން ރަސްމީކޮށް ބޭނުން ނުކުރި ނަމަވެސް، ހަލާލު ފަތުރުވެރިކަމުގެ އުސޫލުތަކަށް ހިނގާ ތަންތަނެވެ.
މީގެ އިތުރުން، ބައެއް ރިސޯޓުތަކަކީ ޚާއްސަކޮށް މުސްލިމް ފަތުރުވެރިންނަށް އަމާޒުކޮށްގެން ޚިދުމަތްދޭ ތަންތަނެވެ.
މުސްލިމް ފަތުރުވެރިންނަށް ރާއްޖެއަކީ ހަލާލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދަން މަސައްކަތް ކުރާއިރު، މިހާރު އެމީހުންނަށް ދޭ ކާނާއަކީ ހަލާލު އެއްޗެއްތޯ ޝައްކު އުފެއްދުމަކީ ދެކޮޅުނުޖެހޭ ކަމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި ހަލާލު މިންގަނޑުތައް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަކީ މުހިންމު ކަމެކެވެ. ސެޓްފިކެޓް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ރިސޯޓުތަކުގައި ވަކި ހަލާލު ބަދިގެތަކެއް ހުރުމާއި، ތަކެތި ތައްޔާރުކުރާނެ ވަކި ވަސީލަތްތައް ހުރުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމާ ބެހޭގޮތުންވެސް ވާހަކަދެކެވެން ޖެހެ އެވެ.
އަދި ހަލާލު ރިސޯޓެއް ހިންގުމަކީ ވިޔަފާރީގެ ގޮތުން ފައިދާހުރި ކަމެއްތޯވެސް ބެލިދާނެ އެވެ. ނަމަވެސް، މި ހުރިހާ މަޝްވަރާއެއް ބިނާވާންޖެހޭނީ ހެއްކާއި ގަރީނާގެ މައްޗަށާއި، މިހާރު ސިނާއަތް ހިނގަމުންދާ ގޮތުގެ ސައްހަ މައުލޫމާތުގެ މައްޗަށެވެ.








