ހަލާލު ޓޫރިޒަމްގެ ހަގީގީ މާނަ ވިޒިޓް މޯލްޑިވްސްގެ އެމްޑީ ސޭންޑްވިޗެއްގެ މިސާލުން ދެއްކެވި ގޮތް
15 ސެޕްޓެމްބަރު 2026 | އަންގާރަ 06:53ހަލާލު ޓޫރިޒަމްގެ މާނައާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ އެމްޑީ ދެއްކެވި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ. ދުބާއީގައި ކުރިއަށްދާ މި ފެއަރގައި އޭނާ ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭގެ ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރާ ގޮތާ މެދު ސުވާލު އުފެދޭ ފަދަ މިސާލުތަކެއް ދެއްވުމުން، އެއީ ގައުމުގެ އަގުވެއްޓޭ ފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން


ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއަރ 2026 ގައި ވިޒިޓް މޯލްޑިވްސްގެ އެމްޑީ އަބްދުالله ޔާސިރު | ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ހަލާލު ޓޫރިޒަމްގެ ހަގީގީ މާނަ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު ސޭންޑްވިޗެއްގެ މިސާލުން ވިދާޅުވެދެއްވައިފި އެވެ.
ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއަރ 2026 ގައި ދެއްވި އިންޓަވިއުއެއްގައި ޔާސިރު ވިދާޅުވީ، ހަލާލު ޓޫރިޒަމަކީ ހަމައެކަނި ނަމެއްގައި އޮންނަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އޭގެ އެންމެ ފުރިހަމަ މާނައިގައި ފުޅާ ދާއިރާއެއްގައި ވިސްނައިގެން އަމަލީ ގޮތުން ތަންފީޒުކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އާންމު މިސާލަކުން އެކަން ސާފުކޮށްދެއްވަމުން ޔާސިރު ވިދާޅުވީ، ރިސޯޓަކަށް ގޮސް ބަދިގެއިން ކުކުޅު ސޭންޑްވިޗެއް އޯޑަރުކުރާ ހާލަތަކަށް ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން، އެ ސޭންޑްވިޗް ތައްޔާރުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އޫރުމަސް ފަދަ ހަރާމް އެއްޗެއް ތައްޔާރުކުރަން ބޭނުންކުރި ތަކެތި، ހަމައެކަނި ފެންފޮދަކުން ދޮވެލުމަށްފަހު އެ ތަކެތި ބޭނުންކޮށްގެން ކުކުޅު ސޭންޑްވިޗް ތައްޔާރުކޮށްފާނެ ކަމަށެވެ. އަދި އެ ސޭންޑްވިޗް މޭޒުމައްޗަށް ގެނެސްދިނުމުން، ބޭރުފުށުން ބަލާފައި އެއީ ހަލާލު އެއްޗެއް ކަމަށް ނިންމިދާނެ ނަމަވެސް، ހަގީގަތަކީ އެއީ ހަލާލު އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފުންކޮށް ވިސްނުން ގެންގުޅެންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މިހާރު ރާއްޖެ މިއީ މުސްލިމް ގައުމެއްނޫން ހެއްޔޭ؟ އެހެންވީމަ ހަލާލު ފަތުރުވެރިކަން ނޫން ހެއްޔޭ އޮންނާނީ؟ އެކަމަކު އަޅުގަނޑު ދަންނަވަން އޮތީ އެހެން ޖަވާބެއް އަސްލު. ޖަވާބަކީ ހަމަ އެހެނެއް ނޫނޭ އަސްލު. މިސާލަކަށް ތިބޭފުޅާ ރިސޯޓަކަށް ވަޑައިގެންނެވީ، ޗިކަން ސޭންޑްވިޗަކަށް އޯޑަރ ކުރައްވަނީ. އެ ޗިކަން ސޭންޑްވިޗް ތައްޔާރު ކުރުމުގައި ބޭނުންކޮށްފައި ހުރެދާނެ މީގެ ހިނދުކޮޅެއް ކުރީގައި އޫރުމަސް އެކަހަލަ އެއްޗެއް ތައްޔާރުކުރަން ބޭނުން ކޮށްފަ ކުޑަގޮތަކަށް ފެން ކޮޅެއް އަޅާ ދޮވެލާފަ ހަމަ ކުކުޅުގެ ސޭންޑްވިޗް ހަދާލަން. ތިބޭފުޅާ އަށް ގެނެސްދިނީމަ، ތިބެއްލެވީ ހަލާލު ސޭންޑްވިޗެއް ކަމަށް ނިންމެވިދާނެ. އެކަމަކު ހަގީގަތަކީ އެއީ އެއް ނޫންއެމްޑީ ޔާސިރު
މީގެއިތުރުން، ކެއުންބުއިމުގެ ކަންކަމަކީ ނުހަނު މުހިންމު އަދި ސީދާ ޔަގީންކަމާއެކު ހަލާލު ތަކެތި ކަމުގައި ވާންޖެހޭ ކަންކަން ކަމުގައި ޔާސިރު ވިދާޅުވި އެވެ.
ހަލާލު ފަތުރުވެރިއާ އައުމުން ކޮޓަރިތަކުގައި ތަރުތީބުކުރެވިފައި ހުންނަ ބުއިންތަކާއި، މިނިބާރގައި ހުންނަ ތަކެއްޗަކީ ވެސް ހަލާލު އެއްޗެއްސަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ޔާސިރު ފާހަގަކުރެއްވީ، މުސްލިމް ނޫން ގައުމެއްގެ ބަޓްލަރުންގެ ކައިރީގައި، ކޮޓަރީގެ މިނިބާރ ހުސްކޮށްލުމަށް އެދުމުން އެކަން އެބޭފުޅުން ކޮށްދޭނެ ކަމަށާއި، ނަމަވެސް، ބައެއް ހާލަތްތަކުގައި އަލަމާރި ތެރޭގައި ހަލާލު މިންގަނޑަށް ނުފެތޭ ބާވަތުގެ ފުޅިއެއް ފަދަ އެއްޗެއް ނޭނގި ނަމަވެސް ބެހެއްޓިފައި ހުރުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރެއްވި އެވެ.
އެހެންކަމުން، ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ފުޅާކޮށް ތަންފީޒު ކުރެވެމުންދާއިރު މިފަދަ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ވަށާޖެހެން ޖެހޭ ކަމަށެވެ. އެހެންކަމުން މި ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފެށިގެންދާއިރު، ހާއްސަ ސެޓިފިކޭޝަން ޕްރޮގްރާމްތައް ހިންގައި، ރަށްތަކުގެ ތެރެއިން މިފަދަ ޚިދުމަތްތަކުގައި ބައިވެރިވާނީ ކޮން ބައެއްތޯ ބަލައި، އެބަޔަކާ އެކު ކުރިއަށް ދިއުމަށް ކަމަށް ޔާސިރު ވިދާޅުވި އެވެ.
ޔާސިރުގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދެމެހެއްޓުމާއި، މި ދާއިރާ ހިންގުމުގެ ހަގީގީ ތަސައްވުރާ މެދު އެކަށީގެންވާ މައުލޫމާތު ނެތްކަން މި ވާހަކަތަކުން ދޭހަވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި އިސްތިހާރުކޮށް ކުރިއެރުވުމުގެ އެންމެ އިސް ޒިންމާ އުފުއްލަވާ ފަރާތަކުން، ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދެއްވާއިރު މިއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެއްވަނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރަން އެންމެ އެކަށޭނަ ގޮތް ނޫން ކަމަށާއި، ދުނިޔޭގެ ފެންވަރުގެ މަގްބޫލު ބްރޭންޑެއްގެ ވާހަކަ ދައްކާއިރު، ފަތުރުވެރިކަމުގެ ޚިދުމަތްތަކުގެ އާދައިގެ ތަފްސީލުތަކަށްވުރެ ބޮޑަށް، ޤައުމުގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކާއި ކުރިމަގުގެ ތަސައްވުރަށް އިސްކަންދޭން ޖެހޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން، މިފަދަ ޒިންމާދާރު މަޤާމެއްގައި ހުންނަވައިގެން، މި ފެންވަރުގައި ވާހަކަދެއްކެވުމަކީ މުޅި ޤައުމުގެ އަގުވެއްޓިގެންދާނެ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑުއުފުލައިފަ އެވެ.
މެދުއިރުމަތީގައި ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ފަތުރުވެރިކަމުގެ މި ފެއަރގައި ބައިވެރިވެ، ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ޤުދުރަތީ ރީތިކަން ވަނީ ދައްކާލާފަ އެވެ.
މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ގިނަ ފަރާތްތަކެއް އެއްތަންވާ މުހިންމު ޕްލެޓްފޯމެކެވެ.
މިއަހަރުގެ އޭޓީއެމް ފެއަރއި ރާއްޖޭގެ ސްޓޭންޑު ޚާއްސަކޮށްފައިވަނީ ކަނޑުގެ އަޑީގެ ހިތްގައިމުކަން ދައްކުވައިދޭ ތީމަށެވެ.
މި ފެއަރގައި ފަތުރުވެރިކަމުގެ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ރާއްޖޭގެ ސްޓޭންޑުގައި 49 ކޯ އެގްޒިބިޓަރ ކައުންޓަރާއި 52 ބީޓުބީ މީޓިންގ މޭޒު ވަނީ ބަހައްޓާފަ އެވެ.











