ތުއްތު ކުދިންނަށް ދޭ ފޯމިއުލަރ ލިބުން ދަތިވެ، މައިންގެ އެތައް ކަންބޮޑުވުމެއް!
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:34ތުއްތު ކުދިންނަށްދޭ ތަފާތު ބާވަތްތަކުގެ ފޯމިއުލާ ކިރު ބާޒާރުން ލިބުން ދަތިވުމާ ގުޅިގެން، ގިނަ އަދަދެއްގެ ބެލެނިވެރިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފި. މާލެއާއި އަތޮޅުތެރޭގެ ފާމަސީތަކުން ކިރު ހުސްވުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާތީ، ކަމާބެހޭ އިދާރާތަކުން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ބެލެނިވެރިން ދަނީ ގޮވާލަމުން.


ކުޑަކުދިންނަށްދޭ ތައްޔާރީ ކިރު | އޭބީސީ ނިއުސް
ތުއްތު ކުދިންނަށް ދޭ ފޯމިއުލަރ ލިބުން ދަތިވެ، ގިނަ އަދަދެއްގެ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
'ބޭބީ ފޯމިއުލާ" އަކީ މައިމީހާގެ ގާތުން ދެވޭނެ ގޮތެއް ނެތް ހާލަތްތަކުގައި ނުވަތަ ކާނާ އިތުރުކުރަން ޖެހޭ ހާލަތްތަކުގައި ތުއްތު ކުދިންނަށް ބޭނުންވާ މުހިންމު ނިއުޓްރިޝަންސް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކިރެކެވެ.
މި މައްސަލައާ ގުޅޭގޮތުން މަންމައަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މައްސަލައަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ މި ދަތިކަމާ ގުޅޭގޮތުން ކޮންމެ ވެސް ފަރާތަކުން ވާހަކަދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.
ވޭތުވެދިޔަ ތިން ދުވަހު މާލެއާއި ހުޅުމާލޭގެ އެކި ފާމަސީތަކާއި ފިހާރަތަކުން "ނޭން ސްޓޭޖް 2" (NAN Stage 2) ފޯމިއުލާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ ބާވަތުގެ ފޯމިއުލާ ލިބޭގޮތް ނުވި ކަމަށް އޭނާ ބުންޏެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ވެސް އެ ފޯމިއުލާ ލިބޭތޯ ބަލާފައިވާއިރު، މިއީ ހަމައެކަނި އޭނާއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން ފާހަގަކޮށް އޭނާ ބުނީ، ކޮންމެ ދުވަހަކު ވެސް މައިންގެ ކޮމިއުނިޓީ ގްރޫޕްތަކުގައި ފޯމިއުލާ ހޯދުމަށް އެދި އެތައް މަންމަޔަކު ސުވާލުކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ދަތިވެފައިވަނީ ހަމައެކަނި "ނޭން ސްޓޭޖް 2" އެކަނި ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ، "ލެކްޓޯޖަން" (Lactogen) އާއި އެހެނިހެން ބާވަތްތަކުގެ ފޯމިއުލާ ހޯދުމުގައި ވެސް މަންމައިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިއީ އާންމުކޮށް ހުސްވާ މުދަލެއް ހުސްވުން ފަދަ ކަމެއް ނޫން ކަމަށާއި، މިއީ ވަކި ބާވަތެއްގެ ފޯމިއުލާއަކަށް ބަރޯސާވާ ތުއްތު ކުދިންނަށް ދިމާވާ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
އަދި މިކަމުގެ ޒިންމާ ނަގަންޖެހެނީ ކޮން ފަރާތަކުންތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ. އެއީ ކިރު އެތެރެކުރާ ފަރާތްތަކުންތޯ، ސަޕްލަޔަރުންތޯ، ބަހާ ފަރާތްތަކުންތޯ ނުވަތަ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުންތޯ އޭނާ ސުވާލުކުރި އެވެ. ޒިންމާތައް ބެހިފައިވާ ގޮތެއް ނޭނގުނު ނަމަވެސް، ތުއްތު ކުދިންގެ ކިރު ހޯދުން މިހާ ބޮޑު ތަކުލީފަކަށް ވެފައިވާއިރު، ކޮންމެވެސް ފަރާތަކުން މިކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
މުޅި ދުވަހު ފާމަސީތަކަށް ގުޅުމާއި، އެހެން ރަށްރަށުން ފޯމިއުލާ ހޯދުމަށް މަސައްކަތް ކުރުމާއި، އޮންލައިންކޮށް ނުދަންނަ މީހުންގެ ކިބައިން އެހީއަށް އެދުމާއި، ފޭސްބުކް ގްރޫޕްތަކުގައި ތަކުރާރުކޮށް ޕޯސްޓްކުރުމުގެ އިތުރުން ރާއްޖޭން ބޭރުން އަންނަ މީހަކު އަތަށް ފޯމިއުލާ ފޮނުވޭތޯ ބެލުމަކީ ތަކުލީފު ބޮޑު ކަމެއް ނަމަވެސް، މިއަދު ގިނަ މަންމައިންނަށް ޖެހިފައިވަނީ މި ހާލަތާ ކުރިމަތިލާށެވެ.
މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކުރި އެހެން މަންމަޔަކު ބުނީ، އޭނާގެ ދަރިފުޅަށް ދެވެނީ ހަމައެކަނި "ސިމިލެކް" (Similac) ބާވަތުގެ ފޯމިއުލާ ކަމަށެވެ. އަތޮޅުތެރޭގެ ރަށްރަށުން މި ފޯމިއުލާ ހޯދުމަކީ އިންތިހާއަށް އުނދަގޫ ކަމެއް ކަމަށާއި، ރަށު ތެރެއިން ފަސޭހައިން މި ބާވަތުގެ ފޯމިއުލާ ލިބެން ނުހުންނަ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މާލެއިން ފޯމިއުލާ ގެނައުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ. ފޯމިއުލާ ފޮނުވަން ޖެހެނީ ކާގޯ މެދުވެރިކޮށް ކަމަށްވާއިރު، ކޮންމެ ދުވަހަކު ރަށްރަށަށް ފްލައިޓް ނޯންނާތީ، ދަރިފުޅަށް ބޭނުންވާ ފޯމިއުލާ ލިބެންދެން ބައެއް ފަހަރު ދެން އޮންނަ ފްލައިޓަކަށް މަޑުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން، "ސިމިލެކް" އަކީ އަގުބޮޑު އެއްޗަކަށް ވުމުން، އެއްފަހަރާ ގިނަ އަދަދަކަށް ގަނެފައި ބެހެއްޓުމަކީ މާލީ ގޮތުން ދަތި ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އަދި މިއީ ރާއްޖޭގެ ކަމާގުޅޭ ޤަވާއިދުތައް ބައްޓަންވެފައި އޮންނަ ގޮތުގެ ސަބަބުން ދިމާވާ ތަކުލީފެއްކަން ވެސް ބައެއް މީހުން ފާހަގަކުރި އެވެ.
މި މައްސަލައިގައި ޚިޔާލު ފާޅުކުރި އެހެން މީހަކު ބުނީ، ހުރިހާ މަންމައިންނަކީ ގާތުން ކިރު ދެވޭނެ މީހުން ނޫން ކަމަށާއި، ހުރިހާ ތުއްތު ކުދިންނަކީ ގާތުން ކިރު ބޮވޭނެ ކުދިން ނޫން ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
ބެލެނިވެރިން ގޮތް ހުސްވެފައި ތިއްބާ، ހަމައެކަނި "ގާތުން ދިނުމަކީ އެންމެ ރަނގަޅު ގޮތޭ" ބުނެލުމަކުން ނުފުދޭނެ ކަމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިކަމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ނުހަނު ސީރިއަސް މައްސަލައެއްކަން އޭނާ ފާހަގަކުރި އެވެ.











