އޮގަސްޓު މަހު މީރާ އަށް 98.08 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފި
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:29އޮގަސްޓު މަހުގެ އާމްދަނީ އިތުރުވީ އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި ބަދަލުވުމާއި، ޖީއެސްޓީ އާއި ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެން. މީރާއިން ނުލިބި ހުރި 497 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އާއި އިންކަމް ޓެކްސް. މީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

ބޭންކެއްގެ ކައުންޓަރުން އެމެރިކާ ޑޮލަރުތަކެއް ގުނަނީ | އެލަމީ
ހުސްވި އޮގަސްޓު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2.42 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދައިފި އެވެ. މީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ. އޮގަސްޓް މަހުގެ އާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14 އިން ސައްތަ އިތުރު އަދަދެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ. އަދި މި އަދަދަކީ އޮގަސްޓު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ.
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު މި ފީ ރިކޯޑްކުރެވިފައެއްނުވެ އެވެ. ހަމަމިއާއެކު، ވާކް ޕާމިޓް ފީ ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮގަސްޓް މަހު އިތުރުވެފަ އެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމުދާއިރާގެ ޖީ.އެސް.ޓީ އާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އިތުރުން ބޭންކް އިންކަމް ޓެކްސް އިތުރުވުމެވެ. އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވާތީ އެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އެއްފަހަރާ ލިބިފައިވުމަކީވެސް އޮގަސްޓު 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީގެ 14.8 އިންސައްތަ އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ %3.01 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް ވެސް މީރާ އިން ބުނެ އެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، އޮގަސްޓު 2026 ގައި ވަނީ ޖުމްލަ 497 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 302 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 77 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 105 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 7 މިލިއަން ރުފިޔާ، އެކްޝަން ޕޮލިސީގެ ދަށުން 0.89 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 4.60 މިލިއަން ރުފިޔާ ވަނީ ހޯދައިފައި ކަމަށް މީރާ އިން ބުނެ އެވެ.
އެހެން މަސްތަކެކޭ އެއްގޮތަށް އޮގަސްޓު 2026 ގައި ވެސް މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 51.5 އިންސައްތަ ނުވަތަ 1.25 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 20.2 އިންސައްތަ ނުވަތަ 490 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 200 މިލިއަން ރުފިޔާ (%8.3)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިއަން ރުފިޔާ (%6.0)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 144 މިލިއަން ރުފިޔާ (%5.9)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ (%3.2) ލިބިފައިވެ އެވެ.
މަސްދަރު: މީރާ










