ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލައި، އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމައިފި
7 ސެޕްޓެމްބަރު 2026 | ހޯމަ 08:24މި ނިންމުމާ އެކު މުޅި ރާާއްޖޭގައި ކަރަންޓުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ސްޓެލްކޯ އިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި. އެއާ އެކު ފެނަކައިގެ ދަށުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލު ކުރެވިގެން ދާނެ


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑު އުވާލުމަށް ފަހު، ސްޓެލްކޯއާ އެއްކޮށްލަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާނު ކުރައްވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެގޮތުން ރައީސް ވިދާޅުވެފައި ވަނީ، މިއީ ކެބިނެޓުގައި ވަރަށް ގިނަ ގޮތް ގޮތުން މަޝްވަރާކުރެއްވުމަށް ފަހު އަދި ފަންނީ ބޭފުޅުންގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.
މި ނިންމުމާ އެކު މުޅި ރާާއްޖޭގައި ކަރަންޓުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ސްޓެލްކޯ އިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެއާ އެކު ފެނަކައިގެ ދަށުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލު ކުރެވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލުމަށް ފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)އާ އެއްކޮށްލަން ނިންމާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އާރުޑީސީ އިން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ މަގު ހެދުމުގެ މަސައްކަތްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރާނީ އެމްޓީސީސީ އިން ކަމަށެވެ. ހަމަ މިއާއެކު، އެމްޓީސީސީގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުވެގެން ދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއީ އިފިޝިއެންޓް އަދި މުވައްޒަފުން މަދު ކުންފުނިތަކެއްގެ ގޮތުގައި ހިންގުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މި މަސައްކަތް ނިމިގެންދާއިރު، ކުންފުނިތަކުގައި ތިބޭނީ، އެ ކުންފުންޏަކަށް އެންމެ ބޭނުންވާ އަދަދަށް މުވައްޒަފުން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ފެނަކަ އާއި އާރުޑީސީ އުވާލަން ސަރުކާރުން ނިންމާފައި ވަނީ، ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ. މިދިޔަ މުއްދަތުގައި ވަނީ ފެނަކަ އާއި އާރުޑީސީ ހިމެނޭހެން، ސަރުކާރުގެ އެހެނިހެން ކުންފުނިތަކުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފަ އެވެ.
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމާފައިވާއިރު، މިދިޔަ މުއްދަތުގައި ސަރުކާރުން ވަނީ މި ކުންފުނިތަަކަށް ގިނަ މަސައްކަތްތަކެއް ވެސް ހަވާލުކޮށްފަ އެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކައާ ހަވާާލު ކޮށްފައިވާއިރު، ވަރަށް ގިނަ ރަށް ރަށުގެ ސްކޫލް އިމާރާތް ކުރުން ފަދަ މަސައްކަތް ވަނީ އާރުޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.











