ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!
7 ސެޕްޓެމްބަރު 2026 | ހޯމަ 05:16ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނެފައި ވަނީ، ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަަމައަށް އައިއިރު ވެސް މުސާރަ ނުލިބޭ ކަމަށް. އަދި މުސާރަ ލިބޭނެ ދުވަހެއް ވެސް ބުނަން ނޭނގޭ ކަމަށް އެ މުވައްޒަފުން ވަނީ މައުލޫމާތު ދީފައި


ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް | ސޯޝަލް މީޑިއާ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނީ، ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަަމައަށް އައިއިރު ވެސް މުސާރަ ނުލިބޭ ކަމަށެވެ. އަދި މުސާރަ ލިބޭނެ ދުވަހެއް ވެސް ބުނަން ނޭނގޭ ކަމަށެވެ.
އެ މުވައްޒަފުން ބުނީ ލަހުން މުސާރަ ލިބުމަކީ ވެމްކޯގައި މިހާރު އާދައަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން ބައެއް މަސްމަހުގެ 10 ވަނަ ދުވަސް ފަހަނަ އަޅާދާއިރު ވެސް، މުސާރަ ނުލިބި ހުންނަ ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. މުސާރަ ލަހުން ލިބޭ މައްސަލައިގައި ކުންފުނީގެ ވެރިންނާ އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ހިއްސާކުރި ނަމަވެސް، އެކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވެމްކޯގެ ހެޑް އޮފީހަށް ގުޅުމުން ބުނީ، އެކަމާ ގުޅޭ މައުލޫމާތު މިވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ. އެގޮތުން ހުރިހާ މުވައްޒަފުންނަށް މުސާރަ ލިބުނު ކަމެއް، ނުވަތަ ނޫން ކަމެއް ބުނެދެވެން ނެތް ކަމަށް ވެމްކޯގެ ހެޑް އޮފީހުން ވަނީ ބުނެފަ އެވެ.
ވެމްކޯގެ މުވައްޒަފުންނަށް މީގެ ކުރިން ވެސް މުސާރަ ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ވެމްކޯގައި މަސައްކަތް ކުރާ ބައެއް ދިވެހި މުވައްޒަފުންނަށް މަހުގެ މެދަށްދާއިރު ވެސް މުސާރަ ނުލިބޭއިރު، މަހުގެ ފަހު 10 އަކަށްދާއިރު ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
މުސާރައިގެ އިތުރުން ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ވެސް ބޮޑުވެފައިވެ އެވެ. އެގޮތުން ޕެންޝަނަށް ކަނޑާ އަދަދު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ނަމަވެސް، އެ އަދަދު މުވައްޒަފުންގެ ޕެންޝަނަށް ޖަމާ ނުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.











