ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ
30 ޖުލައި 2026 | ބުރާސްފަތި 20:37މުޖުތަބާ ވިދާޅުވީ ޓްރާންސްފަރ ސްޓޭޝަން އަށް ގެންނަ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް. އަދި ގައު ކުނި ނުވަތަ ސީއެންޑީ ހުންނަން ވާނީ ދެ ބަޔަކަށް ވަކި ކޮށްފައި ކަމަށް. އެގޮތުން ބައި ކުރެވެން ވާނީ ސީއެންޑީ އަދި ސީއެންޑީ އެހެނިހެން ކުނި ދެ ބަޔަކަށް


ވެމްކޯގެ ކުނި އުކާ އުޅަނދަކުން ކުނި ހުސް ކުރާ މަންޒަރު | ސޯޝަލް މީޑިއާ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުންގެންދާ ޚިދުމަތްތައް ހޮނިހިރު ދުވަހުން ފެށިގެން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޖުތަބާ ވިދާޅުވެފައި ވަނީ، ހޮނިހިރު ދުވަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް މި ޚިދުމަތް ލިބިގެން ދާނެ ކަމަށެވެ. އަދި މީގެ އިތުރުން ވެމްކޯގެ ކުނި ނެގުމުގެ މަސައްކަތް ވެސް ކުރިއެކޭ އެއްފަދައިން ކުރިއަށް ގެންދާނެ ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން މުޖުތަބާ ވިދާޅުވެފައި ވަނީ ޓްރާންސްފަރ ސްޓޭޝަން އަށް ގެންނަ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ގައު ކުނި ނުވަތަ ސީއެންޑީ ހުންނަން ވާނީ ދެ ބަޔަކަށް ވަކި ކޮށްފައި ކަމަށެވެ. އެގޮތުން ބައި ކުރެވެން ވާނީ ސީއެންޑީ އަދި ސީއެންޑީ އެހެނިހެން ކުނި ދެ ބަޔަކަށެވެ.
ސީއެންޑީ ކުނީގެ ތެރޭގައި ހިމެނެނީ، ވެލި، ތަޅާ ކުދި ކޮށްފައި ހުންނަ ކޮންކްރީޓް، ކޮންކްރީޓް ތަނބު، ކޮންކްރީޓް ސްލެބް، ހިލަ، ބްރިކްސް ނުވަތަ ހޮލޯ ބްލޮކްސް، ތަށިމުށި އަދި ފާޚާނާގައި ބަހައްޓާ ފިކްސްޗާސް އެވެ. ސީއެންޑީ އެހެނިހެން ބައިގެ ތެރޭގައި ހިމެނެނީ ޕީވީސީ، ބިއްލޫރި، ލަކުޑި، ގޯނި، ދަގަނޑު، ޕްލާސްޓިކް، އިލެކްޓްރޯނިކްސް، ކާޑް ބޯޑް އަދި އެހެނިހެން އެވެ.
ވެމްކޯ އިން ބުނެފައި ވަނީ އެ ނޫން ގޮތަކަށް ވަކި ކޮށްފައި ހުންނަ ކުނި ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 1666 އަށް ގުޅުމަށް ވެސް ވެމްކޯ އިން ވަނީ އެދިފައި އެވެ.
ވެމްކޯގެ ކުނި އުކުމުގެ އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައި ވަނީ ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ކުނި އުކުމުގެ އޮޕަރޭޝަން ހުއްޓުމަކަށް އައިއިރު، އާންމުންގެ ގިނަ ކަންބޮޑުވުން އަދި ޝަކުވާ އެކަމުގައި އޮތެވެ.










