މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!
19 އޯގަސްޓު 2026 | ބުދަ 08:36އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެވިއްކުމަށް އިސްތިހާރުކޮށް ހިތްވަރުދިނުމަކީ ކުށެއް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި. ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި މި އިސްލާހުގެ ދަށުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ. މި ބަދަލަކީ ކަޅު ބާޒާރުގެ ރޭޓުތައް އާންމުކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް


ހޫނު ޚަބަރު
އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން އިސްލާހު ގެނެސްފި އެވެ.
ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ވަނީ ދިރާސާކޮށްފަ އެވެ. އަދި ޕީއެންސީގެ ފުލް މެޖޯރިޓީ އޮންނަ އެ ކޮމިޓީ އިން ވަނީ އެ ބިލަށް އިސްލާހުތަކެއް ގެނެސްފަ އެވެ.
އެގޮތުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިސްތިހާރު ކުރުމަކީ ކުށެެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ މައުލޫމާތު އިސްތިހާރުކޮށް ޕްރޮމޯޓު ކުރުން ކަމަށް ބުނެފައިވަނީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުމެވެ.
މިފަދަ ކުށެއް ކުރާ ފަރާތެއް 25،000 ރުފިޔާ އާއި 500،000 (ފަސް ލައްކަ) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އިތުރު ތަފްސީލް އަންނަނީ......






