ހަރަދު ކުޑަކުރަން ކަމަށް ބުނެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ މި ދަނޑިވަޅުގައި އުނގޫފާރު ހޮސްޕިޓަލަށް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަނުކޮށްފި!
24 އޯގަސްޓު 2026 | ހޯމަ 14:44ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އުނގޫފާރު ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާ މި ދަނޑިވަޅުގައި، ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރާތީ އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައި


އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި އަބްދުﷲ ރަޝީދު | އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި އެވެ.
އަބްދުﷲ ރަޝީދު އުނގޫފާރު ހޮސްޕިޓަލުގެ ސިޔާސީ އިސް މަގާމަކަށް އައްޔަނުކޮށްފައިވާކަން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހު އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.
އަބްދުﷲ ރަޝީދު އަކީ މިދިޔަ ދައުރުގެ އުނގޫފާރު ކައުންސިލްގެ ރައީސް އެވެ.
ރަޝީދު އައްޔަނުކޮށްފައި މިވަނީ ސަރުކާރުން ހަރަދު ކުޑަކުރަން އެސްއޯއީތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި | ސޯޝަލް މީޑިއާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނި ނަމަވެސް، އަދިވެސް އަންނަނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންނެވެ. ޚާއްސަކޮށް، ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ އެކި ފަރާތްތަކަށް ވަޒީފާތައް ބަހަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.









