ކުޑަހުވަދޫ ވިޔަފާރި ބަނދަރު ގާއިމުކުރުމަށް އެއްބަސްވިތާ އެއް އަހަރު، މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް ކައުންސިލަކަށް ނުލިބޭ
24 އޯގަސްޓު 2026 | ހޯމަ 12:06މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މިއަދާ ހަމައަށް ކައުންސިލަށް މަޝްރޫއު ހިނގަމުންދާ ގޮތެއް އަދި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމެއް ވެސް އެނގިފައި ނުވާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން | ރާއްޖެ އެމްވީ
ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު އެޅުމަށް އެއްބަސްވިތާ އެއް އަހަރުވެފައިވާ އިރު ވެސް މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް ކައުންސިލަކަށް ނުލިބޭ ކަމަށް ކުޑަހުވަދޫ ކައުންސިލުގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި މުހައްމަދު ސަލީމް ވިދާޅުވީ، ކުޑަހުވަދޫ ވިޔަފާރި ބަދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2025 ފެބްރުއަރީ 24 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެމްޕީއެލް އިން ކަމަށް ފާހަގަކުރައްވާ މުހައްމަދު ސަލީމް ވިދާޅުވީ، މި އެއްބަސްވުމުގައި ވަނީ ވިޔަފާރި ބަނދަރެއްގެ އިތުރަށް ބޮންޑެޑް ވެއަރ ހައުސްއެއް ވެސް ކުޑަހުވަދޫގައި ހެދުމަށް ކަމަށެވެ.
ރައީސް މުއިއްޒު މި ރަށު ހޮސަޕިޓަލުގެ ބިންގާ އެޅުމަށް ވަޑައިގަން ދުވަސްކޮޅު އިކޮނޮމިކް މިނިސްޓަރު އަދި އެމްޕީއެލް އެގްރީމެންޓެއްގައި ސޮއިކުރި. މި އެގްރީމެންޓުގައި އޮންނަނީ ވިޔަފާރި ބަދަރަކާއެކު ބޮންޑެޑް ވެއަރ ހައުސްއެއް ކުޑަހުވަދޫގައި ހަދަންމުހައްމަދު ސަލީމް
މުހައްމަދު ސަލީމް ވިދާޅުވީ ވިޔަފާރި ބަދަރުގެ ކުރެހުންތައް ވަނީ ނިންމާފައި ކަމަށެވެ.
ނަމަވެސް މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މިއަދާ ހަމައަށް ކައުންސިލަށް މަޝްރޫއު ހިނގަމުންދާ ގޮތެއް އަދި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމެއް ވެސް އެނގިފައި ނުވާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން
ކުޑަހުވަދޫގައި ހެދުމަށް ނިންމާފައިވާ ވިޔަފާރި ބަދަރުގެ ސަބަބުން އެ ރަށް ކައިރީގައިވާ ހުރިހާ ރަށަކަށް މުދާ ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައި އެވެ. ނަމަވެސް މިއަދާ ހަމައަށް ބަދަރުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގޮސްފައި ނުވެ އެވެ.











