ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު
24 އޯގަސްޓު 2026 | ހޯމަ 09:55ރާއްޖޭގައި ދިވެހި ފައިސާއަށް އޮންނަ ޑިމާންޑު އިތުރުކުރުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާގެ މުސާރަ އާއި މުއާމަލާތްތައް ރުފިޔާއަށް ބަދަލުކުރަން ޖެހޭ ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވެއްޖެ. އަދި 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެކްސްޗޭންޖް ރޭޓް "މެނޭޖް ފްލޯޓް" ނިޒާމަކަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް ނަމަވެސް، އެކަން ކުރެވޭނީ ރިޒާވް ވަރުގަދަކޮށްގެން ކަމަށް ގަވަރުނަރު ވިދާޅުވި


އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު | ރައީސް އޮފީސް
ރާއްޖޭގައި މިވަގުތު ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރުން މަދު ކުރަން ޖެހޭ ކަމަށާއި ދިވެހި ފައިސާއަށް އޮންނަ ޑިމާންޑު އިތުރު ކުރަން ޖެހޭ ކަމަށެވެ.
މިގޮތުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދިވެހި ރުފިޔާއަށް ބަދަލު ކުރަންޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ޓީއެމްއޭ ފަދަ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ މީހުންނަށް މުސާރަ ދެމުންދަނީ ޑޮލަރުންކަމަށް ފާހަގަކުރައްވާ މުނައްވަރު ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
ފަތުރުވެރިކަމުން ވެސް ދައްކަނީ ބޭރު ފައިސާއިން. ހަމައެގޮތަށް މުސާރަތައް މިސާލަކަށް ޓީއެމްއޭ ނުވަތަ ރިސޯޓުތަކުން ވެސް ދެނީ ޑޮލަރުން. ޑޮލަރުން މުސާރަ ދިނުމުގެ ކަންކަމަށް ވެސް ބަދަލު އަންނަން ޖެހޭ. އޭރުން ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރު ވާނީ. މިހާރު ވެސް ބޭރު ފައިސާ ބެނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައިއަހުމަދު މުނައްވަރު
މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ މުސްތަގުބަލުގެ ތަސައްވަރަކީ ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ފިކްސްޑް އެކްސްޗޭންޖް ރޭޓްގެ ބަދަލުގައި މެނޭޖް ފްލޯޓް އެކްސްޗޭންޖް ރޭޓަށް ބަދަލު ކުރުން ކަމަށެވެ. ނަމަވެސް މިވަގުތު މިފަދަ ބަދަލުތައް ގެނައުމަށް އެމްއެމްއޭގެ ރިޒާވްގައި ހަކަތައެއް ނެތް ކަމަށާއި އެންމެ މަދުވެން ތިން މަހާއި ހަތަރު މަހުގެ އިންޕޯޓްސް އެތެރެ ކުރުމުގެ ގާބިލުކަން ހުންނަންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމްއޭގެ ވިޝަން އަކީ ދިވެހިރާއްޖޭގައި އޮންނަން ޖެހޭނީ މެނޭޖް ފްލޯޓިންގް އެކްސްޗޭންޖް. މެނޭޖް ފޮލޯޓަކަށް ދާއިރު ވެސް އެމްއެމްއޭގެ ރިޒާވް އޮންނަން ޖެހޭނެ. މިހާރު އަޅުގަނޑުމެންގެ ނެތް އެވަރު ރިޒާވްއެއް އެވަރު ހަކަތައެއް. އެންމެ މަދުވެގެން ވެސް އަޅުގަނޑުމެންގެ ރިޒާވްގައި 3 ނުވަތަ 4 މަހުގެ އިންޕޯޓްސްއަހުމަދު މުނައްވަރު
މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ ތަސައްވުރަކީ މި ބަދަލުތައް 2030 ވަނަ އަހަރާ ހަމަޔަށް ގެނައުން ކަމަށެވެ.
މިވަގުތު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ. މިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ ކަޅު ބާޒާރުގައި ވިޔަފާރި ކުރާ މީހުން ޖޫރިމަނާ ކުރުމަށް ގާނުނަށް އިސްލާހެއް ގެންނަން ފާސް ކޮށްފަ އެވެ. އަދި ބޮޑު އަގުގައި ޑޮލަރު ގަނެ ވިއްކުމަކީ ޖިނާއީ ކުށެއް ކަމަށް ހޯމްލެންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.











