Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޯޝަލް މީޑިއާ

މެޓާގެ މައްސަލަތައް ކޯޓަށް: ސޯޝަލް މީޑިއާ ކުންފުނިތަކަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި ގާނޫނީ ހުރަސްތަކެއް ކުރިމަތިވަނީތަ؟

18 އޯގަސްޓު 2026 | އަންގާރަ 10:53

މެޓާގެ ޕްލެޓްފޯމްތަކަކީ ކުޑަކުދިން ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ބުނެ އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން އެ ކުންފުންޏާ ދެކޮޅަށް ބޮޑު ދައުވާއެއް އުފުލައިފި. މި މައްސަލައިގައި 1.4 ޓްރިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް އެދިފައިވާއިރު، މިއީ ސޯޝަލް މީޑިއާގެ ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި މެޓާއަށް ކުރިމަތިވެފައިވާ ގާނޫނީ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލަ

ރާއްޖެ އެމްވީ | 18 އޯގަސްޓު 2026 | އަންގާރަ 10:53
ސްމާޓްފޯނެއްގެ ސްކްރީނުން މެޓާގެ ލޯގޯ ފެންނަނީ

ސްމާޓްފޯނެއްގެ ސްކްރީނުން މެޓާގެ ލޯގޯ ފެންނަނީ | ގެޓީ އިމޭޖަސް

ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި، މެޓާއާ ދެކޮޅަށް އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން ހުށަހަޅާފައިވާ ބޮޑު މައްސަލައެއްގެ ޝަރީއަތް އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ޔޫރަޕާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ކުންފުންޏަށް ވަނީ ގާނޫނީ އަދި ރެގިއުލޭޓަރީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ފަށާ މި ޝަރީއަތުގައި، މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ކުޑަކުދިން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެއް ކަމަށާއި، މީގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލައިގައި ބަދަލުގެ ގޮތުގައި 1.4 ޓްރިލިއަން ޑޮލަރު މެޓާގެ އަތުން ހޯދުމަށް ދައުވާކޮށްފައިވާއިރު، މި މައްސަލަ ކާމިޔާބުވެއްޖެ ނަމަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އެމެރިކާގެ ސްޓޭޓްތަކުގެ އެޓާނީ ޖެނެރަލުން ފާހަގަކުރައްވާ ގޮތުގައި، ކުޑަކުދިންގެ ބެލެނިވެރިންގެ ހުއްދައާ ނުލައި އެ ކުދިންގެ ޒާތީ މައުލޫމާތު އެއްކުރާ މައްސަލައަކީ ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

މި ދައުވާގައި ބުނެފައިވާ ގޮތުގައި، މެޓާގެ ޕްލެޓްފޯމްތަކުގައި ހިމެނޭ "ކޮންޓިނިއުއަސް ސްކްރޯލިންގް" ނުވަތަ ހުއްޓުމެއް ނެތި ފެންނަ ކޮންޓެންޓާއި، އެލްގޮރިދަމް މެދުވެރިކޮށް އަންނަ ނޮޓިފިކޭޝަންތަކަކީ ކުޑަކުދިންނަށް ސީދާ ގޮތުން ގެއްލުންދޭ ފީޗާތަކެކެވެ.

ޔޫރަޕާއި އެހެނިހެން ސަރަހައްދުތަކުގައި ވެސް މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، މި މައްސަލަތަކުގެ ސަބަބުން ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތަކަށް އަތުވެދާނެ ބަދަލުތަކަށް ބަލާލަމާ ހިނގާށެވެ.

އެމެރިކާގައި މެޓާއާ ދެކޮޅަށް ދައުވާ ކުރަނީ ކޮން ބައެއް، އަދި ކޮން ސަބަބަކާ ހުރެ؟

އެމެރިކާގެ 29 ސްޓޭޓަކުން ގުޅިގެން ކެލިފޯނިއާގެ ކޯޓް އޮފް އެޕީލްއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މެޓާގެ ޕްލެޓްފޯމްތައް ފަރުމާކޮށްފައިވަނީ "ދެވިހިފާ ގޮތަށް" ކަމަށާއި، ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި ބެލެނިވެރިންގެ ކޮންޓްރޯލްތަކުން ކުދިން ސަލާމަތްވުމަށް ހިތްވަރުދީ، ގެއްލުންދެނިވި ކޮންޓެންޓްތަކުން ކުދިން ރައްކާތެރިކުރުމުގެ ބަދަލުގައި ގަސްތުގައި އެފަދަ ކަންކަން ފަތުރާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މެޓާ އިން ވަނީ މި ހުރިހާ ތުހުމަތުތަކެއް ވަރަށް ބޮޑަށް އިންކާރުކޮށްފަ އެވެ.

2023 ވަނަ އަހަރު މެޓާއާ ދެކޮޅަށް ފެޑަރަލް ދައުވާ ހުށަހެޅި ފުރަތަމަ ހަތަރު ސްޓޭޓް ކަމަށްވާ ކެލިފޯނިއާ، ކެންޓަކީ، ކޮލޮރާޑޯ އަދި ނިއު ޖާޒީން އަންގާރަ ދުވަހު އެ ސްޓޭޓްތަކުގެ ހެކިތައް ހުށަހަޅަން ފަށާނެ އެވެ.

މި މައްސަލަ ހުށަހެޅި އެޓާނީ ޖެނެރަލުން ގެއްލުމުގެ ބަދަލުގެ އިތުރުން އެދިވަޑައިގަންނަވަނީ، ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މެޓާގެ ޕްލެޓްފޯމްތަކަށް ބަދަލުތަކެއް ގެނައުމަށް ކޯޓުން އަމުރުކޮށްދިނުމަށެވެ.

މީގެ ތެރޭގައި، ފުރާވަރުގެ ކުދިންނަށް ބެލެނިވެރިންގެ ހުއްދަ ހޯދުމުގެ ނިޒާމެއް ގާއިމުކުރުމާއި، ސިކުނޑިއަށް ނުފޫޒު ފޯރުވާ "ޑޯޕަމީން-މެނިޕިއުލޭޓިންގް" އެލްގޮރިދަމްތައް ބަދަލުކުރުމާއި، ފޮޓޯތަކަށް ބޭނުންކުރާ ފިލްޓަރުތައް އުނިކުރުމާއި، އެކަކަށް ގިނަ އެކައުންޓް ހެދުން މަނާކުރުމުގެ އިތުރުން، އަމިއްލައަށް ފޮހެވޭ "ޑިސްއެޕިއަރިންގް" މެސެޖުތައް ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގެ ޖޫރީ ހޮވުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފަ އެވެ. ޝަރީއަތް ގާތްގަނޑަކަށް ހަތް ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، އިތުރު ކަންތައްތަކެއް ފެންމަތިވެއްޖެ ނަމަ މިއަށްވުރެ ގިނަ ދުވަސް ނަގާފާނެ އެވެ.

މި މައްސަލައިގައި ކޯޓުން ނިންމާ ނިންމުމަކީ މައްސަލައިގެ ފަހު ބަސް ކަމަށް ނުބެލެވެ އެވެ. ސަބަބަކީ މެޓާއާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އެ ކުންފުނިން އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބެލެވޭތީ އެވެ.

މި ޝަރީއަތުގައި މެޓާގެ ސީއީއޯ މާކް ޒަކަބާގް އާއި އިންސްޓަގްރާމްގެ އިސްވެރިޔާ ހެކިބަސް ދޭނެ ކަމަށް ބެލެވެ އެވެ. މިއީ މިފަދަ މައްސަލައެއްގައި ޒަކަބާގް މިއަހަރު ހެކިބަސް ދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން ފެބްރުއަރީ މަހު ލޮސް އެންޖެލިސް ކޯޓެއްގައި "ކޭޖީއެމް" ގެ ނަމުން ނިސްބަތްކުރާ ޒުވާން އަންހެނަކު ހުށަހެޅި މައްސަލައިގައި ވެސް އޭނާ ވަނީ ހެކިބަސް ދީފަ އެވެ. ކުޑަކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް ހުންނަ ފީޗާތަކާ ގުޅޭ އެ މައްސަލައިގައި މެޓާ ވަނީ ބަލިވެ، މިލިއަނުން ޑޮލަރު ދައްކަން ޖެހިފަ އެވެ.

މި ދައުވާގެ މުހިންމުކަމަކީ ކޮބާ، އަދި ނުކުންނާނެ ނަތީޖާއަކީ ކޮބާ؟

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ ޕްރޮފެސަރު ސޯނިއާ ލިވިންގްސްޓަން "އަލްޖަޒީރާ" އަށް ވިދާޅުވި ގޮތުގައި، މިއީ ވަރަށް މުހިންމު މައްސަލައެކެވެ.

އޭނާ ވިދާޅުވީ މެޓާގެ ވިޔަފާރީގެ މޮޑެލް މުޅިން ބަދަލުކޮށްލާނެ ކަމަށް ނުބެލެވުނު ނަމަވެސް، މި މައްސަލަތަކާ ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ލިވިންގްސްޓަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެޓާ އިން ބޮޑަށް އިސްކަންދޭނީ 18 އަހަރުން ދަށުގެ ކުދިންނަށް ޕްލެޓްފޯމް ބޭނުންކުރުމުގައި ހުރި ނުރައްކާތައް ކުޑަކުރުމަށެވެ.

ޑިޖިޓަލް ރައްކާތެރިކަމަށް މަސައްކަތްކުރާ "5ރައިޓްސް ފައުންޑޭޝަން" އިން ބުނީ، މިއީ ކުޑަކުދިންނަށް އިންޓަނެޓް ރައްކާތެރި ތަނަކަށް ހެދުމަށް އެޅޭ މުހިންމު ފުރަތަމަ ފިޔަވަޅު ކަމަށެވެ. މިފަދަ ދައުވާތަކުގެ ސަބަބުން ކުންފުނިތަކުގެ އަމަލުތައް ބަދަލުވާނީ، އެ ކުންފުނިތަކުގެ އާމްދަނީއަށް އަސަރުކުރާ ފަދަ ބޮޑެތި ޖޫރިމަނާތަކާއި ހަރުދަނާ ގަވާއިދުތަކެއް ތަންފީޒުކޮށްގެން ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މިއީ އެމެރިކާގައި މެޓާއާ ދެކޮޅަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ މައްސަލަ އެވެ.

މި މަހުގެ ކުރީކޮޅު ނިއު މެކްސިކޯގެ ފަނޑިޔާރަކު ވަނީ، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ދިނުމުގެ ބަދަލެއްގެ ގޮތުން 567 މިލިއަން ޑޮލަރު ދެއްކުމަށާއި، ޒުވާން ބޭނުންކުރާ މީހުންނަށް ޕްލެޓްފޯމް ހިންގާ ގޮތް ބަދަލުކުރުމަށް މެޓާގެ މައްޗަށް އަމުރުކޮށްފަ އެވެ.

ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި ކެލިފޯނިއާގެ މައްސަލަ މިއަށްވުރެ ބޮޑުވެގެންދާނެ އެވެ. ޔޫސީއެލްއޭ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޫލިއާ ޕައުލްސް ސީއެންބީސީއަށް ވިދާޅުވީ، އެމެރިކާގެ އެހެން ހުރިހާ ސަރަހައްދަކަށް ވުރެ ކެލިފޯނިއާގެ ނިންމުން މުހިންމުވާނެ ކަމަށާއި، މިއީ މުޅި ދުނިޔެ ވެސް ބަލަމުންދާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން އެމެރިކާގެ އެހެން 14 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ކުރާ ވަކި ޝަރީއަތެއް 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މެޓާއަށް އެހެން ގައުމުތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކޮބާ؟

އެމެރިކާގައި ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ގިނައިން ކުރިއަށްދަނީ ކޯޓު މައްސަލަތައް ކަމަށްވީ ނަމަވެސް، އެހެން ގައުމުތަކުގައި މިކަމުގައި އިސްކޮށް އުޅެނީ ރެގިއުލޭޓަރީ އިދާރާތަކެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)

އީޔޫ އިން ދަނީ މެޓާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މީގެ ތެރޭގައި ވަޓްސްއެޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި، "ޑިޖިޓަލް ސާވިސަސް އެކްޓް" (ޑީއެސްއޭ) ގެ ދަށުން ދެވިހިފާ ފަދަ ފީޗާތަކާ ގުޅޭ މައްސަލަތައް ހިމެނެ އެވެ.

2024 ވަނަ އަހަރު އީޔޫގެ ރެގިއުލޭޓަރުން ވަނީ ފޭސްބުކް އަދި އިންސްޓަގްރާމްގައި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ގަވާއިދުތަކާ މެޓާ އިން ޚިލާފުވެފައިވޭތޯ ބެލުމަށް ރަސްމީ ތަހުގީގެއް ފަށާފަ އެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނި ގޮތުގައި، ވީޑިއޯ އާއި ޕޯސްޓްތައް ދެއްކުމަށް ބޭނުންކުރާ އެލްގޮރިދަމްތަކުގެ ސަބަބުން ކުޑަކުދިންގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކަންކަމަށް ދެވިހިފުމަށް މަގުފަހިވާތީ އެ އިދާރާއިން ކަންބޮޑުވެ އެވެ.

މިދިޔަ މަހު ޔޫރަޕިއަން ކޮމިޝަނުން ވަނީ ދެ އަހަރު ދުވަހުގެ ތަހުގީގަށްފަހު، މެޓާ އިން ޑީއެސްއޭއާ ޚިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ހުއްޓުމެއް ނެތި ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށްޓަކައި ޕްލެޓްފޯމްގެ ފަރުމާއަށް ބަދަލުތަކެއް ގެނައުމަށް ވަނީ އަންގާފަ އެވެ.

އީޔޫ އިން ވަނީ ފޭސްބުކް އަދި އިންސްޓަގްރާމަކީ "ދެވިހިފާ ގޮތަށް" ފަރުމާކޮށްފައިވާ ތަންތަން ކަމަށް ތުހުމަތުކޮށް، ގަވާއިދުތަކަށް ބޯނުލަނބާ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިދިޔަ ޖުލައި މަހު ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ފާސްކޮށްފަ އެވެ. ނަމަވެސް އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުން ވަނީ އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްފަ އެވެ.

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)

މިއަހަރުގެ ޖޫން މަހު ޔޫކޭ ސަރުކާރުން ވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނެކަން އިއުލާންކޮށްފަ އެވެ. މި ގަވާއިދު އަންނަ އަހަރު އަމަލުކުރަން ފަށާއިރު، ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ފަދަ ސައިޓްތަކުގެ އިތުރުން، ގޭމިންގް ޕްލެޓްފޯމްތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ އެވެ.

އަންގާރަ ދުވަހު އިންގްލެންޑްގެ ޗިލްޑްރަންސް ކޮމިޝަނަރު ޑޭމް ރޭޗަލް ޑި ސޫޒާ ވަނީ، 18 އަހަރުން ދަށުގެ ކުދިންނަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކޭގެ ކުދިން އޮންލައިންކޮށް ހަރުކަށި ފިކުރުތަކަށް ހުށަހެޅި، އަނިޔާވެރިކަމަށް މަގުފަހިވަމުންދާ ކަމުގެ ބިރު އެބައޮތެވެ.

ޑި ސޫޒާ ލަފާދެއްވަނީ ވަކި ވަގުތުތަކެއްގައި ސޯޝަލް މީޑިއާ ބޭނުންނުކުރެވޭ ގޮތް ހެދުމަށާއި، އިޝްތިހާރު ކުރުން މަނާކުރުމަށާއި، ނުދަންނަ މީހުންނަށް ކުދިންނާ ގުޅޭ ގޮތް ހުރިހާ ޕްލެޓްފޯމެއްގައި ވެސް ބަންދުކުރުމަށެވެ.

އޮސްޓްރޭލިއާ

އޮސްޓްރޭލިއާ އިން ވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން 2025 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ނިންމާފަ އެވެ. ނަމަވެސް މި މަހު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ 10 ކުދިންގެ ތެރެއިން 8 ކުދިން އަދިވެސް ދަނީ ސޯޝަލް މީޑިއާ ބޭނުންކުރަމުންނެވެ.

މިކަމާ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން މެޓާ ފަދަ ކުންފުނިތަކަށް ތުހުމަތުކުރަނީ، އުމުރު ކަށަވަރުކުރުމުގެ ނިޒާމުތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ. ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން ބުނީ، އެކައުންޓް ހެދިއިރު އެއްވެސް ވަރަކަށް އުމުރު ޗެކްކޮށްފައި ނުވާ ކަމަށެވެ.

ބްރެޒިލް

ބްރެޒިލްގެ ކޮންސިއުމާ ރައިޓްސް ޖަމިއްޔާއަކުން ވަނީ މެޓާ، ޓިކްޓޮކް އަދި ކުވައި (Kwai) އާ ދެކޮޅަށް 525 މިލިއަން ޑޮލަރުގެ ދެ ދައުވާއެއް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުށަހަޅާފަ އެވެ. މި ދައުވާތަކުގައި ވެސް ބުނެފައިވަނީ ކުޑަކުދިން ދެވިހިފުމުން ސަލާމަތްކުރުމަށް އެ ކުންފުނިތަކުން ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ބްރެޒިލްގައި މިހާރު ވަނީ 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް ބެލެނިވެރިންގެ އެކައުންޓާ ގުޅުވަން ޖެހޭ ގޮތަށް ގަވާއިދެއް ހަދާފަ އެވެ. އަދި މި މަހު ބްރެޒިލްގެ ރެގިއުލޭޓަރުން ވަނީ "ޑިސްކޯޑް" ގެ ލައިވްސްޓްރީމް ފީޗާ މުޅި ގައުމުގައި ސަސްޕެންޑްކޮށްފަ އެވެ. އެއީ 13 އަހަރުގެ އަންހެން ކުއްޖަކު ލައިވް ބްރޯޑްކާސްޓެއްގެ ތެރޭގައި އަމިއްލައަށް މަރުވާން މަޖުބޫރުކުރުވި މައްސަލައެއް ތަހުގީގު ކުރުމަށްފަހުގަ އެވެ.

ކެންޔާ

ކެންޔާގެ ހައިކޯޓުން ވަނީ މެޓާއާ ދެކޮޅަށް ހުށަހަޅާފައިވާ 2.4 ބިލިއަން ޑޮލަރުގެ ބޮޑު މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމާފަ އެވެ. މި މައްސަލައަކީ އިތިއޯޕިއާ ހަނގުރާމައިގެ ދުވަސްވަރު ފޭސްބުކްގެ އެލްގޮރިދަމްތަކުން ނަފްރަތާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ކޮންޓެންޓް ފެތުރުމުގެ ސަބަބުން ގިނަ ބަޔަކު މަރުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

މީގެ އިތުރުން، މެޓާގެ ކޮންޓެންޓް މޮޑަރޭޝަން ސެންޓަރުގައި މަސައްކަތްކުރި މުވައްޒަފުންނަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ވެސް ކެންޔާގެ ކޯޓުގައި ދަނީ ހިނގަމުންނެވެ.

މި ހުރިހާ ކަމަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުރާނީ ކޮން އަސަރެއް؟

މާހިރުން ލަފާކުރާ ގޮތުގައި މި ގާނޫނީ ފިޔަވަޅުތަކުގެ ސަބަބުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މުޅިން ހުއްޓުމަކަށް ނައި ނަމަވެސް، އެ ތަންތަނުގެ ފީޗާތަކާއި އުމުރު ކަށަވަރުކުރާ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާނެ އެވެ.

ޕްރޮފެސަރު ލިވިންގްސްޓަން ވިދާޅުވީ، ޕްލެޓްފޯމްތަކުގެ ފަރުމާ ބަދަލުނުކޮށްފި ނަމަ، އާންމުންގެ ކެތްތެރިކަން ކޮޅުންލައި، މިއަށްވުރެ ހަރުކަށި މަނާކުރުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި މީގެ ސަބަބުން ސޯޝަލް މީޑިއާގެ ބާޒާރަށް އާ ބަދަލުތަކެއް އަންނާނެ އެވެ. އެއީ ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމުގެ ބަދަލުގައި، އިންސާނާގެ ސިކުނޑިއަށް ނުފޫޒު ފޯރުވާ އެލްގޮރިދަމްތަކުގެ މައްޗަށް ބިނާނުވާ، ރައްކާތެރި ޕްލެޓްފޯމްތަކަށް މީހުން ބަދަލުވުމެވެ.

އިންސްޓަގްރާމްމާކް ޒަކަބާގްމެޓާސޯޝަލް މީޑިއާ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026
ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން
05 އޯގަސްޓު 2026

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

05 އޯގަސްޓު 2026
މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
19 ޖުލައި 2026

ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް

19 ޖުލައި 2026
ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް
11 ޖުލައި 2026

މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަނީ

11 ޖުލައި 2026
މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި  ކަންބޮޑުވުން ފާޅުކުރަނީ
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
16 ޖޫން 2026

ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި

16 ޖޫން 2026
ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި
13 ޖޫން 2026

ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!

13 ޖޫން 2026
ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް