ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
3 އޯގަސްޓު 2026 | ހޯމަ 07:38ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އިތުރުކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި. މި އިސްލާހުގެ ދަށުން ބޯޑު މެންބަރުންނަށް އެއް ދައުރަށްވުރެ ގިނަ ދައުރު އަދާކުރުމުގެ ފުރުސަތު ލިބޭއިރު، އޮތޯރިޓީގެ ސީއީއޯއަށް ބޯޑުގެ ނިންމުންތަކުގައި ވޯޓު ނުލެވޭގޮތަށް ވަނީ ހަމަޖައްސާފައި


20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ | ރައްޔިތުންގެ މަޖިލިސް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާފައިވެ އެވެ. އެ ބިލު ބަލައިގަތުމަށް ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންވި 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ގޮތަކަށް ވޯޓެއް ދެއްވަން ބޭނުން ނުވާ ކަމަށް 1 މެންބަރަކު ވޯޓު ދެއްވި އެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ.
ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ އެ އޮތޯރިޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތްތައް ފުޅާކުރުމެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުގައިވާ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ކަނޑައެޅިފައިވާ ވަކި ފަންނީ ދާއިރާތަކަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
ސަރުކާރުން އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއެކު ބޯޑު މެންބަރުންގެ އަދަދު 7 އަށް އިތުރު ކުރުމަށެވެ. މި ބަދަލާއެކު، ޗީފް އެގްޒެކެޓިވް ފިޔަވައި ދެން ތިއްބަވާ ހުރިހާ މެންބަރުންނަކީ ވެސް ފަންނީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ބިލުގައި ވަނީ މެންބަރުން އައްޔަނު ކުރުމުގެ މުއްދަތަށް ވެސް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ ބޯޑަށް މެންބަރުން އައްޔަންކުރެވެނީ 5 އަހަރުގެ 1 ދައުރަށް ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުގެ އެހެން މެންބަރުން، 1 ދައުރަށް ވުރެ ގިނަ ދައުރަށް އައްޔަން ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެ ފުރުސަތު ލިބޭނީ މަގާމުން ވަކިކުރާ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް ކަމަށް ވެސް ބިލުގައިވެ އެވެ.
ބޯޑުގެ ހިންގުމުގެ އުސޫލަށް ހުށަހަޅާފައިވާ އިސްލާހަށް ބަލާއިރު ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަވާނެ ގޮތާއި، ބޯޑުން ނިންމާ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވް އަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.










