މި ސަރުކާރުން މީރާއަށް ދައްކަންޖެހޭ 3.5 ބިލިއަން ރުފިޔާގެ ޓެކްސް ނުދައްކާ އެބައޮތް: ބޮންޑާ
4 އޯގަސްޓު 2026 | އަންގާރަ 05:16ސަރުކާރުން 3.5 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވީ ނަމަވެސް، އާންމު ރައްޔިތަކު ކަރަންޓު ބިލު ނުދައްކައިފި ނަމަ ގަދަކަމުން ވެސް އެ މީހަކު ލައްވާ ކަރަންޓު ބިލަށްވާ ފައިސާ ހޯދާ ކަމަށް ބޮންޑާ ވިދާޅުވި. ނަމަވެސް އެންމެ ފުރަތަމަ ޓެކްސް ދައްކަންޖެހޭނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި


މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު | ރާއްޖެއެމްވީ
މި ސަރުކާރުގެ ކުންފުނިތަކުން ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ދައްކަންޖެހޭ 3.5 ބިލިއަން ރުފިޔާގެ ޓެކްސް ނުދައްކާ އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުުގެ ސަބަބުން، ރާއްޖެއިން ބޭރުގެ މާލީ އެއްވެސް އިދާރާއަކުން ރާއްޖެއަށް ބޭނުންވާ ފައިސާ ދޫކުރުމުގައި ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. ކަން މިހެން އޮތުމާއެކު ސަރުކާރުން މިހާރު ހަރަދުތައް ހަމަޖައްސަމުންދަނީ އެތެރޭގެ ފައިސާ ބޭނުންކޮށްގެން ކަމަށް ބޮންޑާ ވިދާޅުވި އެވެ. މި ސަރުކާރުން މީރާއަށް ދައްކަންޖެހޭ 3.5 ބިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށާއި، އޭގެ ތެރޭގައި ކޯޕަރޭޓް ޓެކްސް، ޖީއެސްޓީ، ޓީޖީއެސްޓީގެ އިތުރުން ކުންފުނިތަކުގެ ކަރަންޓު ބިލާއި ފެންބިލުތައް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ބޮންޑާ ވިދާޅުވި ގޮތުގައި، ސަރުކާރުން 3.5 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވީ ނަމަވެސް، އާންމު ރައްޔިތަކު ކަރަންޓު ބިލު ނުދައްކައިފި ނަމަ ގަދަކަމުން ވެސް އެ މީހަކު ލައްވާ ކަރަންޓު ބިލަށްވާ ފައިސާ ހޯދާ ކަމަށެވެ. ސަރުކާރުގެ މިފަދަ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ބޮންޑާ ވިދާޅުވީ، އެންމެ ފުރަތަމަ ޓެކްސް ދައްކަންޖެހޭނީ ސަރުކާރުން ކަމަށެވެ.
މިހާރު 3،500 މިލިއަން ރުފިޔާ ކަރަންޓު ބިލާއި ފެން ބިލު މީރާއަށް ޓެކްސް ނުދައްކާ އޮތްއިރު ރައްޔިތަކު ކަރަންޓު ބިލު ނުދައްކާފިއްޔާ ނަޓު އަޅުވައިގެން ވެސް ކަރަންޓު ބިލަށް ފައިސާ އެބަ ހޯދާ، އެކައުންޓްތައް ފްރީޒްކޮށްގެން ވެސް އެބަހޯދާ، އެކަމު މި ސަރުކާރުން މުއިއްޒު ސަރުކާރުން މިއޮތީ މީރާއަށް 3500 މިލިއަން ރުފިޔާއިން ދަރައިފަ. ދެން ކީއްކުރަންތޯ ރައްޔިތުން ޓެކްސް ދައްކަންޖެހެނީ. ފުރަތަމަ ސަރުކާރު ކުންފުނިތަކުން ޓެކްސް ދައްކަންޖެހޭނީއިބްރާހީމް ރަޝީދު (ބޮންޑާ)
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ބޮންޑާ ވިދާޅުވީ، ވަޒީފާތައް މަދުކުރާނެ ކަމަށް ބުނި ނަމަވެސް، އަދިވެސް ސިޔާސީ މަގާމުތަކަށާއި އެޑްވައިޒަރުންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އައްޔަންކުރަމުންދާ ކަމަށެވެ. އެގޮތުން އެޑްވައިޒަރުންގެ ގޮތުގައި 170 މީހުން ނެގުމަށް ނިންމާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ތަފާތު އެކި ނަންނަމުގައި ބޭކާރު އެތައް މަޝްރޫއެއް އުފައްދައި، އެކިއެކި ބޯޑުތަކަށް މީހުން އައްޔަންކޮށްގެން ދައުލަތުން ބޮޑެތި ހޭދަތައް ކުރަމުންދިއުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން އިންތިހާއަށް ދަށްވަމުންދާކަމުގެ ކަންބޮޑުވުން ވެސް ބޮންޑާ ވަނީ ފާޅުކުރައްވައިފަ އެވެ.
ބޮންޑާ އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ހަބަރުތަކުގެ ސުރުހީއަށް ހަރަދުތައް ކުޑަކުރާ ވާހަކައާއި ކުންފުނިތަކުން މުވައްޒަފުން މަދުކުރާ ވާހަކަ އަރުވާލުން ކަމަށާއި ނަމަވެސް އަމަލީ ގޮތެއްގައި އެކަން ނުކުރެވޭ ކަމަށެވެ.








