ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް
ރައީސް މުއިއްޒު ކެލާ ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށާއި، އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ކުރީގެ މެންބަރު ޝަރީފް ވިދާޅުވެއްޖެ. ސްކޫލް އިމާރާތް ފިޔަވައި ސިއްހީ މަރުކަޒާއި، ބަނދަރު އަދި މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ނުދާކަން ފާހަގަކުރައްވައި، ޝަރީފް ވަނީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެފައި. މީގެ އިތުރުން ބަޖެޓުގައި ހިމެނި ނަމަވެސް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.


ހއ.ކެލާ، އެރަށުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި މަޝްރޫއުތައް ވެސް ވަނީ ހުއްޓިފައި. | ސޯޝަލް މީޑިއާ
ހއ.ކެލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ހއ.އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި، ރައްޔިތުންނަށް ވަރަށް އުންމީދުތައް ގެނެސްދިން ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމާއެކު، މުޅި މަންޒަރު ބަދަލުވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ހއ.ކެލާއަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށާއި، ސްކޫލު އިމާރާތް ކުރުމުގެ މަޝްރޫއު ފިޔަވައި ހުރިހާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަގީގަތުގައި ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް މިދާއިރާއަށް ވީ ވައުދުތައް އަދި އެއްވެސް ވަރަކަށް ނުހިނގާ އެނގޭތޯ. އެހެންނަމަވެސް ކުރީގައި ހިނގަމުން އައި ބައެއް ޕްރޮޖެކްޓްތައް ކޮންމެވެސް ވަރަކަށް ހިންގާ ބައެއް ޕްރޮޖެކްޓްތައް ނިންމާފައި. ވަރަށް ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ކެލާ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ވާހަކަ. ދެން ހުރި ހުރިހާ ޕްރޮޖެކްޓްތަކަކީ ނުހިނގާ ހުރި އެއްޗެހި. 19 ވަނަ މަޖިލިސް ނިމިގެން ދިޔައިރު އަޅުގަނޑުމެން ބަޖެޓުގައި ވެސް ހިމަނާފައިވާނެ މިދާއިރާގެ ރަށްރަށުގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތައް އޭގެ ދެ އަހަރާއި ބައި 3 އަހަރު ވަމުން އަންނައިރު، އަދިވެސް މިއިން އެއްވެސް ޕްރޮޖެކްޓެއް ނުހިނގާކަން އަޅުގަނޑު ހަމަ ހިތާމައާއެކު ފާހަގަކޮށްލަން. ސިއްހީ މަރުކަޒުގެ އައު އިމާރާތް، ފަޅު ފުންކޮށް ތޮށިލައި ނެރު ބޮޑު ކުރުމުގެ މަޝްރޫއު އެއްވެސް ވަރަކަށް ނުހިނގާ. މިދެންނެވިހެން ފަށާފައި ހުރި މަޝްރޫއުތައް ވެސް ނުހިނގާ. ދެން ފެނަކަ އޮފީސް ހުރި ވަރަށް ހުރީ. މަގު ހެދުން ކަމުގައި ވީ ނަމަވެސް އެ މަޝްރޫއު ވެސް އޮތީ. މިމަސައްކަތް ވެސް ކުރިއަށް ނުދޭ. ވެސް އެއްވެސް ވަރަކަށް ކުރިއަށް ނުދޭ.ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
މީގެ އިތުރުން ޝަރީފް ވިދާޅުވީ މިސަރުކާރުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތައް ހިމެނި ނަމަވެސް ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށެވެ.







