މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ
31 ޖުލައި 2026 | ހުކުރު 07:39ނައިފަރުގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ރައީސް އިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އެ ރަށުގައި ކޮލެޖަކާއި ޔުނިވަރސިޓީ ކެމްޕަހެއް އެޅުމަށް ވީ ވައުދުގެ އަމަލީ މަސައްކަތް ނުފެށޭއިރު، މަދްރަސަތުލް އިފްތިތާހުގެ އައު އިމާރާތުގެ މަސައްކަތް ވެސް ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި


ޅ.ނައިފަރުގެ ސްކޫލު (މަދްރަސަތުލް އިފްތިތާހް). މިއީ ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ ސްކޫލެއް | ސޯޝަލް މީޑިއާ
ޅ.ނައިފަރުގެ މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށްޓަކައި މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވާކަން ހާމަވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވަނީ ނައިފަރުގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ، ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ރައީސް މުއިއްޒު ތަކުރާރުކޮށް ގިނަ ވައުދުތައް ވެވަޑައިގެންނެވި ކަމަށާއި، ލިސްޓު ވަރަށް ދިގު ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ، ނައިފަރުގައި އެންމެ ފެންވަރު ރަނގަޅު ކޮލެޖެއް އެޅުމާއި، ޔުނިވަރސިޓީގެ ކެމްޕަހެއް އެޅުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މި ވައުތަކުގެ އެއްވެސް އަމަލީ މަސައްކަތެއް ނައިފަރުގެ ފަސްގަނޑުން ފެންނާކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލްގެ ފެންވަރު ރަނގަޅުކުރުމަށް ވެސް އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ.
އެންމެ ކުޑަމިނުން އެތަނުގައި އަޅަން ބުނި ކްލާސްރޫމް އެޅުމަށްޓަކައި ގާ ފޮއްޗެއް އަދި ނުބޭއްދޭ ތިން އަހަރުވީ އިިރުގައި. ތަޅަން ހަވާލުކުރި އިމާރާތް ހަމަ އާދައިގެ ކޮންކްރީޓް ކުޑަކުޑަ ބުރުމާއަކުން ތަޅަމުން އެ ގެންދަނީ. ކުރިއަށް އޮތް ތިން އަހަރު ނިމިގެންދާއިރުގައި ވެސް އެ ބުނާ އިމާރާތެއްވެސް ތަޅާ ނުނިމޭނެ. އެއީ، ބާވެގެން އެތަނުގައި ތަޅަންޖެހޭ އިމާރާތެއް، އާ އިމާރާތެއް އެޅުމަށްޓަކައި. ތަޅަން ހަވާލުކުރި މީހުން އެ މަސައްކަތް ކުރާ ގޮތް މި ދެންނެވީ، އާދައިގެ ކޮންކްރީޓް ތަޅާ ކުޑަ ބުރުމާއަކުން ހަތަރު ބުރި އިމާރާތެއް ތަޅަމުން އެގެންދަނީއަބްދުﷲ ރަޝީދު
އަބްދުﷲ ރަޝީދު ވިދާޅުވީ މިސަރުކާރާއެކު ނައިފަރުގެ ތައުލީމީ ދާއިރާ ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ނައިފަރުގެ ސްކޫލުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.










