ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ދަނީ ހުއްޓެމުން، ރައްޔިތުން ބޮޑު ތަކުލީފުތަކެއްގައި!
30 ޖުލައި 2026 | ބުރާސްފަތި 07:31ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް މާލެއަށް ދާންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި. އެ ރަށުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ތުހުމަތުކުރަމުން، ކުރީ ސަރުކާރުން ގާއިމުކުރި ޚިދުމަތްތައް ވެސް މިހާރު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި


ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނައިފަރު ހޮސްޕިޓަލް ވަރަށް ބޮޑަށް ތަރައްގީކޮށް އައު ޚިދުމަތްތައް ތައާރަފް ކޮށްފައިވޭ | ޓްވިޓަރ
ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓި، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމުގައި އޭނާ ވަނީ މި ސަރުކާރުން ނައިފަރުގެ ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ، ނައިފަރު ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވެ، އާންމު ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ނައިފަރުގައި ސިއްހީ ޚިދުމަތް ރަނގަޅު ކުރުމަށް ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ހޮސްޕިޓަލް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ނައިފަރު ހޮސްޕިޓަލް ތަރައްގީ ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު | ރާއްޖެއެމްވީ
ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ދަށްވެފައިވާ މިންވަރު ހާމަކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވީ މިއަދު ދަތެއް އުފުރާލަންޖެހޭ މީހާ ވެސް ފުރައިގެން އަންނަން ޖެހެނީ މާލެއަށް ކަމަށެވެ.
ހަމަ ޗެލެންޖުކޮށްފައި އަޅުގަނޑު މި ދަންނަވަނީ، މިއަދު އެތަނުގައި ދަތެއް އުފުރާލަންޖެހޭ މީހާ ވެސް ފުރައިން އަންނަނީ މާލެ. އިއްޔެ ވެސް ނައިފަރުގައި ދަތުގެ ޚިދުމަތް ނުދެވިގެން، ދަތެއް ނުނެގިގެން ރަށުގައި ހަ މަސް ދުވަސް ވާންދެން ހުރެފައި މީހަކު އެއައީ މާލެއަށް. އޭނާ ކެތް ނުވެގެން އެ ދަތް ނަގަންވެގެން އިއްޔެ. އަޅުގަނޑާ ދިމާވި. ދިމާވެގެން އެވާހަކަ ދެއްކި. އަޅުގަނޑު ވެސް ހަމަ އޭނާއަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދީގެން މި ތަނުގައި މަޑުކޮށްގެން އޭނާ ދަތް ނަގައިގެން އެ ދިޔައީއަބްދުﷲ ރަޝީދު
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނައިފަރުގައި ހުރި އަތޮޅު ހޮސްޕިޓަލު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، އައު ޚިދުމަތްތަކެއް ތައާރަފްކޮށްފައިވާނެ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. ނަމަވެސް، މިހާރު އެ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ދަށަށް ގޮސް، މިއަދު ޚިދުމަތް ނުލިބޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.



